(ނ.މާފަރު) ކުނީގެ ސަބަބުން މި ލިބޭ ގެއްލުންތައް ފޫބެއްދެވުމަށްޓަކައި ކައުންސިލުންނާއި އެންވަރޮމެންޓް މިނިސްޓްރީގެ ފަރާތުން އެކި އެކި ރަށްރަށުގައި ދަނީ ކުނި ނައްތާލާނެ ނިޒާމްތައް ގާއިމްކުރަމުންނެވެ. އެކި އެކި އަތޮޅުގައި އަތޮޅު ފެންވަރުގައި ކުނި މެނޭޖްކުރެއްވުމަށްޓަކައި ކުރައްވަން ޖެހޭ މަސައްކަތްތަކާއި، ކުރެވޭނެ މަސައްކަތްތަކާއި ގުޅޭ ގޮތުންވެސް މިނިސްޓްރީން ދަނީ ކައުންސިލްތަކާއެކު މަހާސިންތާތައް ބާއްވަމުންނެވެ.
މިރަށަށް ކުނީގެ ސަބަބުން ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޒަމާނީ ކުނިކޮށްޓެއް ނެތުންކަމަށް ކައުންސިލުން މައުލޫމާތުދެއެވެ. މިރަށު ކައުންސިލްގެ ރައީސް މުހައްމަދު އާމިރު ވިދާޅުވީ ކުނި ކޮއްޓެއް ނެތުމުން ލިބޭ ގެއްލުމުގެ ވާހަކައާއި ކުނި މެނޭޖްކުރެވެނެ ގޮތެއް ނެތީމަ ދަތިވާ ވާހަކަ އާއި ކުނި ކޮށި ބެލެއްހެޓުމައްޓަކައި މީހުން ހަމަޖައްސަވައި ދެއްވުމަށް މިދިޔަ އަހަރު އާއި އޭގެ ކުރީއަހަރު މިނިސްޓްރީ އާއި ވާހަކަދައްވާފައިވާކަމަށެވެ.
ކައުންސިލްގެ ރައީސް އާމިރު ވިދާޅުވީ މިހާރު ކުނި އަޅަމުންދަނީ ދެ ސަރަހައްދެއް ސާފްކޮށްގެން އެތަނަށް ކަމަށެވެ.
"ލޭންޑް ޔޫސް ޕްލޭންގައި އިންނާނެ މި ރަށުގައި ދެ ކުނިކޮށި. ދެ ފަރާތުގައި ދެ ކުނި ކޮށި. އެތަނަށް މީހާރު ކުނި އަޅަމުން މި ދަނީ" އާމިރު ވިދާޅުވިއެވެ.
ނަމަވެސް އެސަރަހައްދުތައް ހުރީ ކުނިއެޅުމަށް އެކަށީގެންވާ ގޮތެއްގައި ތަރައްޤީ ކުރެވިފައެއް ނޫނެވެ.
ރާއްޖޭގައި ކޮންމެ ރަށެއްގައި ވެސް ކުނި ނައްތާލަނީ އަންދައިގެންނެވެ. އެކަމުގެ ސަބަބުންވެސް ގެއްލުންތަކެއް ވާއިރު، އެކަން ހުއްޓުވޭނެ ގޮތެއް ނެތްކަމަށް މިރަށުގެ ރައްޔިތުން ފާހަގަކުރެއެވެ. ކައުންސިލްގެ ރައީސް އާމިރު ވިދާޅުވީ މިރަށުގައި ކުނި އަންދައިގެން ކުނީގެ މައްސަލަ ހައްލުކުރާކަމަށާއި، އަންދާ ނުލެވޭ ކަހަލަ ކުނިތައް އެއްސަރަހައްދަކަށް އަޅަމުން ގެންދާކަމަށެވެ.
ކައުންސިލްގެ ރައީސް އާމިރު ވިދާޅުވީ ނ.އަތޮޅާއެކު ކުނި މެނޭޖްކުރުމަށް ވަންދޫ ޕްރޮޖެކްޓް ފައްޓާފައިވީކަމުގައި ވިޔަސް، އެ ޕްރޮޖެކްޓް ކުރިއަށް ދަނީ ކުނިކޮށި ގާއިމްކޮށްފައިވާ ރަށްރަށުގައި އެކަނި ކަމަށެވެ.
"މިރަށުގައި ކުނިކޮށްޓެއް ގާއިމްކުރާގޮތަށް މައުލޫމާތު ލިބިފައި އިނީ 2017 ގަ" . އާމިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ވަންދޫ ޕްރޮޖެކްޓް ފެއްޓުމަށްޓަކައި ދަޅު ފިއްތާ މެޝިންފަދަ ތަކެތި ލިބިފައިވާކަށެވެ. އެހެންނަމަވެސް މިހާރު ހުރި ކުނި ކޮށީގައި އެ މެޝިނެއް ބޭނުމެއް ނުކުރެވޭނެކަމަށް ކައުންސިލުން ވިދާޅުވިއެވެ.
"މި އަތޮޅުގެ ވަރަށް ގިނަ ރަށްރަށުގައި ގާއިމުކޮށްފަ އެބަހުރި ކުނިކޮށި ސަރުކާރުގެ ފަރާތުން. މި ރަށުގަ ކުނިކޮށްޓެއް ގާއިމްވާނެ ދުވަހެއް ބުނާކަށް ނޭނގޭ" ކައުންސިލްގެ ރައީސް މުހައްމަދު އާމިރު ވިދާޅުވިއެވެ.
އާމިރު ވިދާޅުވީ ވަންދޫ ޕްރޮޖެކްޓް ފެށުމުގެ ކުރިން ކުންޏާ ބެހޭ ސާފް ރާއްޖެ މަހާސިންތާއަށް ދެ ބޭފުޅުން ދިޔަކަމަށެވެ. އަދި ކައުންސިލަށް އެނގިފައިވާ ގޮތުގައި ވަންދޫ ޕްރޮޖެކްޓަކީ ކުނި ކޮށި ގާއިމްވެފައިވާ ރަށްރަށުން ނޫނީ ކުނި ނުގެންދާގޮތަށް ރޭވިފައިވާ ޕްރޮޖެކްޓެއްކަމަށްވެސް ވިދާޅުވިއެވެ.
"މިރަށުގަ މިހާރު އޮތް ހާލަތުގައި ކުންޏެއް ނުގެންދެވޭނެ. މިރަށުގެ ކުނިކޮށްޓެއް ގާއިމްކުރައްވަން ސަރުކާރުން ބަޖެޓެއް މިއަހަރުވެސް ދީފައެއް ނެތް. މިދިޔަ އަހަރުވެސް ދީފައެއް ނެތް. އެންވަރޮމެންޓް މިނިސްޓްރީންވެސް ނެތް ވަކި ބަޖެޓެއް ދެއްވާފަ" އާމިރު ވިދާޅުވިއެވެ.
އާމިރު ވިދާޅުވީ މިކަމާއި ގުޅޭގޮތުން ސީދާ އެންވަރޮމްންޓް މިނިސްޓަރާއި ބައްދަލުކޮށް ވާހަކަދެކުވުނުކަމަށެވެ.
މިހާރު މިރަށުގައި ކުނި އެޅުމަށް ތައްޔާރުކޮށްފައިވާ ދެ ތަން ގާއިމްކުރުމުގެ ކުރިން ކުނި އަޅަމުން ދިޔައީ ސްކޫލްގެ ދެކުނަށް އޮތް ހުސްބިމަކަށެވެ. އެހެންނަމަވެސް އެ ސަރައްހަދަށް ކުނި އަޅައިގެން ސްކޫލްގައި ނުކިޔެވޭ ހިސާބަށް ކަންތައްތައް ދިއުމުން އެސަރަހައްދަށް ކުނިއެޅުން ވަނީ ހުއްޓާލާފައެވެ.
" އެ ސަރަހައްދުގައި ހުރި ކުނިތައް ވަޅުލީ ހައިމާކު ބޭނުންކޮށްގެން. އެއީ އެ ދެ ސަރަހައްދަށް ކުނި އަޅަން އެނގުމާއެކު. އަދި މި ސަރަހައްދަށް ކުނި އެޅުން މަނާވެސް ކުރި" ކައުންސިލްގެ ރައީސް މުހައްމަދު އާމިރު ވިދާޅުވިއެވެ.
މިރަށު ކައުންސިލުން ވިދާޅުވީ ކައުންސިލްގެ ފަރާތުން ކުންޏާއި ބެހޭ ގަވާއިދެއް ހަދާފައިވާނޭކަމަށާއި، އެ ގަވާއިދުގައި ވާގޮތުން ފުރަތަމަ ނަސޭހަތް ދިނުމަށް ފަހު ޖޫރިމަނާވެސް ކުރާނެ ކަމަށެވެ.
"މިހާރު އެކަކުވީ ޖޫރިމަނާކޮށްފަ. ކޮށި ފިޔަވައި އެހެން ތަންތަނަށް ކުނި އެޅުން ކޮންޓްރޯލްވެފަ އެއޮތީ މިވަގުތަށް" އާމިރު ވިދާޅުވިއެވެ.
ކައުންސިލުން ވިދާޅުވީ މިހާރުވެސް ވަންދޫ ޕްރޮޖްކްޓާއެކު ލިބުނު ޑަސްޓްބިންތައް ބޭނުންކުރަމުންދާކަމަށާއި، އެ އަށް ކުނި އެޅުމުގައި ރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާކަމަށެވެ.
"ޑަސްޓްބިންތައް ބަހާލީ ވިޔަފާރިކުރާ ތަންތަނަށާއި، ހޮޓާތައް ހިންގާފަރާތްތަކަށް. ދެން މުއައްސަސާތަކަށް. އެ ބޭފުޅުން އަމިއްލައަށް އެ ސަރަހައްދަކުން ކުނި ނަގާނީ" އާމިރު ވިދާޅުވިއެވެ.
ކައުންސިލުން ވިދާޅުވީ މިހާރު ކުނިތައް ގެންދަވަނީ ވަކިވަކި ކޮށްގެން ނޫންކަމަށާއި، އެހެންނަމަވެސް ކުނީގެ ގޮތުގައި އުކާލާ ގައު އެޅުމަށް ބަނދަރު ސަރަހައްދުގައި ވަކި ހާއްސަތަނެއް ކަނޑައަޅައި އެ ސަރަހައްދަކަށް ކުނިއެޅުމަށް ރައްޔިތުންނަށް އަންގާފައިވާނޭކަމާށެވެ.
މިރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލެއް ގެނައުމަށް ރަށުގެ ރައްޔިތުންނާއި ކައުންސިލުންވެސް ބޭނުންވެއެވެ. ރަށުގެ ރައްޔިތުން ބުނީ ވަންދޫ ޕްރޮޖެކްޓް ފެށުމުން ކުނީގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށެވެ. އަދި ކައުންސިލުންވެސް އުންމީދު ކުރަނީ އެގޮތަށެވެ.
މާފަރު ރައްޔިތުން - ފެންވަރު ރަނގަޅު ކުނިކޮށްޓެއް އެޅޭނެ ދުވަހެއްގެ އިންތިޒާރުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ