ބޮޑުފިނޮޅު ވިއްކަން އިއުލާން ކުރުމުން ތުޅާދޫ ރައްޔިތުން ކަންބޮޑުވެއްޖެ

ބ. ބޮޑުފިނޮޅު، ތުޅާދޫ ރައްޔިތުންގެ ރަށެއްގެ ގޮތުގައި ބާއްވައި ދިނުމަށް ތުޅާދޫ ކައުންސިލުން ސަރުކާރުގައި އެދިއްޖެ އެވެ.
ތުޅާދޫ ކައުންސިލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ތުޅާދޫގެ ބިން ހިއްކުމަށްފަހު އެރަށް ވަށައިގެން ބޮޑުހިލަ ޖެހުމާއި ގުޅިގެން އެ ރަށު ރައްޔިތުން ޗުއްޓީތަކާއި ހަފްތާ ބަންދުގައި މޫދަށް އެރި އުފާ ކޮށްލުމަށް ދަތުރު ދާން އޮތް ހަމައެކަނި ރަށަކީ ބޮޑުފިނޮޅު ކަމަށެވެ.
ބަޔާނުގައި ބުނެފައިވަނީ ތުޅާދޫގެ ގެސްޓް ހައުސްތަކަށް އަންނަ ފަތުރުވެރިންވެސް މޫދަށް އެރި އުޅުމަށް ގޮސް އުޅެނީ ބޮޑުފިނޮޅަށް ކަމަށްވުމާއެކު މިރަށް ރިސޯޓަކަށް ބަދަލުކުރުމުން އެކަމަށް ހީނަރު ކަމެއް އަންނާނެ ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް އެހާ ބޭނުންވާ ފަޅުރަށެއް ތުޅާދޫ ރައްޔިތުންގެ ރަށެއްގެ ގޮތުގައި ބާއްވައި ދިނުމަށް ވޭތުވެ ދިޔަ އަހަރު ތަކުގެ ތެރޭގައި ތަކުރާރުކޮށް ސަރުކާރުގެ ކަމާ ގުޅޭ މުއައްސަސާތަކުގައި އެދިފައިވާނެ ކަަމަށްވެސް ބަޔާނުގައިވެ އެވެ. ތުޅާދޫ ކައުންސިލްގެ ބެލުމުގެ ދަށުގައި ބޮޑު ފިނޮޅު އޮތުމަކީ ކިހާ މުހިއްމު ކަން ރައްޔިތުންގެ އެތައް ސަތޭކަ ބަޔަކު ސޮއިކޮށް ސަރުކާރަށް ހުށަހެޅި ޕެޓިޝަނެއްގައި ވަރަށް ސާފްކޮށް ބުނެދީފައިވާނޭ ކަމަށްވެސް ބަޔާނުގައިވެ އެވެ.
މި ޕެޓިޝަނެއް ތައްޔާރުކޮށް 2013 ވަނަ އަހަރުގެ ތެރޭގައި ހުށަހަޅާފައިވަނީ ފިޝަރީޒް މިނިސްޓްރީއާއި، ހައުސިން މިނިސްޓްރީއަށް ކަމަށްވެސް ބަޔާނުގައިވެ އެވެ.
މިބަޔާނުގައި ބުނެފައިވަނީ ތުޅާދޫގެ ބިންހިއްކައި، 2009 ވަނަ އަހަރު އެ ރަށް ވަށައިގެން ރިވެޓްމެންޓް ޖެހުމުގެ ސަބަބުން ގެސްޓް ހައުސް ވިޔަފާރިއަށް އެކަށީގެންވާ ދޮންވެލި ގޮނޑު ދޮށެއް ރަށުގައި ނެތް ކަމަށެވެ. އެހެންނަމަވެސް ބޮޑުފިނޮޅުން ގޮނޑު ދޮށެއްގެ ބޭނުން ހިފޭތީ އެރަށް ތުޅާދޫ ރައްޔިތުންނަށް ލިބިއްޖެނަމަ ތުޅާދޫގެ ގެސްޓް ހައުސްގެ ވިޔަފާރި ކުރިއަރައި އިތުރަށް ފުޅާވެ ތުޅާދޫގެ އިގްތިސާދު ރަނގަޅުވެ، ރައްޔިތުންގެ އަތްމަތި ތަނަވަސް ވެގެންދާނެ ކަމަށް ކައުންސިލުން ޔަގީންކަން ކުރާ ކަމަށްވެސް ބަޔާނުގައިވެ އެވެ.
ކައުންސިލްގެ ވަފްދެއް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި ބައްދަލުކޮށް ތުޅާދޫ ކައުންސިލްގެ ބެލުމުގެ ދަށުގައި ބޮޑުފިނޮޅު ބާއްވައިދިނުމަށް ވެސް އެދިފައިވާނެ ކަމަށާއި އެހެން ނަމަވެސް ރައްޔިތުން އެދޭ ގޮތަށް ބޮޑުފިނޮޅު، ތުޅާދޫ ކައުންސިލަށް ހަވާލު ކުރެވެން ނެތް ކަމަށް މިނިސްޓަރު ޖަވާބު ދެއްވާފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެެވެ.
މިބަޔާނުގައި ބުނެފައިވަނީ ތުޅާދޫ ރައްޔިތުންގެ ބޭނުމަށް ބޮޑުފިނޮޅު ބާއްވައި ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ވެސް ހުށަހެޅި ކަމަށެވެ. އެހެންނަމަވެސް ކައުންސިލްގެ ހުށަހެޅުމަށް އިޖާބަ ނުދެއްވާ، އެރަށް ވިއްކާލުމަށް އިއުލާންކުރުމުން ތުޅާދޫ ރައްޔިތުން އިންތިހާ އަށް ކަންބޮޑުވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.
މިބަޔާނުގައި އިތުރަށް ބުނެފައިވަނީ ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިގެން ބޮޑުފިނޮޅު ވިއްކާލުމަށް ކުރާ މަސައްކަތް ހުއްޓާލުމާއެކު ވިއްކާލާ ރަށްތަކުގެ ލިސްޓުން ބޮޑުފިނޮޅުގެ ނަން އުނިކޮށްދެއްވައި، ތުޅާދޫގެ ރައްޔިތުންގެ ރަށެއްގެ ގޮތުގައި ބޮޑުފިނޮޅު ބާއްވައިދިނުމަށް ތުޅާދޫ ކައުންސިލުން ވަނީ ސަރުކާރުގައި އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ