ރީރަޖިސްޓްރޭޝަނާއި ގުޅިގެން ޝަކުވާ ހުށަހެޅުން ހަވީރު 6 އަކަށް ހަމަވާނެ!

ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް އެދި ރީރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެފަރާތްތަކުގެ ރީރަޖިސްޓްރޭޝަނާއި ގުޅިގެން ހުރި ޝަކުވާތައް ހުށަހެޅޭނެ އެންމެ ފަހު ވަގުތު މިއަދު އިރު އޮއްސި 6:00 އަށް ހަމަވާނެއެވެ.
ރީރަޖިސްޓްރޭޝަނާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް އީސީ އިން ހުޅުވާލާފައިވަނީ މިމަހުގެ 27 ވަނަ ދުވަހުއެވެ. މިއަދު ހަވީރު 06:00 ގައި ރީރަޖިސްޓްރޭޝަނާއި ގުޅިގެން ޝަކުވާ ހުށަހެޅުން ހަމަވާއިރު ޝަކުވާ ހުށަހަޅަން ބޭނުން ފަރާތްތަކުން ޝަކުވާ ހުށަހަޅަން ޖެހޭނީ އިލެކްޝަން ކޮމިޝަނުގެ އިންތިހާބީ މަރުކަޒު ހުންނަ އިމާރާތް ބާޖަމާލުއްދީނަށް ކަމަށް ވެސް އީސީއިން ބުނެއެވެ.
ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓު ލާން ބޭނުންވާ ފަރާތްތަކުން ރީރެޖިސްޓަ ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމް ލުމުން ބޭނުންވާ ތަން ނޫން އެހެން ތަންތަނުގައި ރެޖިސްޓަ ވެފައިވާތީ ގިނަ ފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކުރަމުން އަންނައިރު އީސީ ގެ ހޮޓްލައިން ނަމްބަރު 1414 އަށް މެސެޖުކޮށްގެން އެމީހަކު ރަޖިސްޓްރީވެފައިވާ ތަން ބެލޭނެއެވެ.
ރީރެޖިސްޓަ ކުރުމަށް 95،739 ފޯމު އީސީއަށް ހުށަހަޅާފައިވާއިރު ރެޖިސްޓަވެފައި އޮތީ 78،964 ފޯމެވެ. އަދި ނުބައި ފިންގަ ޕްރިންޓް ޖަހާފައިވާ 1892 ފޯމު ހުށަހަޅާފައިވާކަމަށް އެކޮމިޝަނުން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ