މިދިޔަ ބުދަ ދުވަހު އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ފޯމް ހުށަހެޅުއްވި ހުސައިން ނަސީރުގެ ކެންޑިޑެސީ ގަބޫލު ނުކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ނިންމައިފިއެވެ.
ނަސީރުގެ ފަރާތުން މިއަދު ބީ ހައިވްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާގެ އިންތިހާބީ އެޖެންޓް އަމްޖަދު ހުސެއިން ވިދާޅުވީ ނަސީރުގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމި ނިންމުމަކީ އީސީގެ މައްޗަށް ނުފޫޒެއް އޮވެގެން ކުރި ކަމެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. އޭނާ ވިދާޅުވީ އީސީން ނަސީރުގެ ކެންޑިޑެސީ އާއި މެދު ގޮތެއް ނިންމާ ހަވާލުކުރި ލިޔުމުގައި ތިންކަމެއް ފާހަގަކޮށްފައިވާ ކަމަށާއި، އެކަންކަމަކީ ސައްހަ ކަންތައްތަކެއް ނޫން ކަމަށެވެ.
އީސީން ނަސީރުގެ ކެންޑިޑޭސީ އާއި މެދު ގޮތެއް ނިންމި ލިޔުމުގައި ބުނެފައިވަނީ އޭނާގެ ދާއިމީ އެޑްރެސް ބަދަލުވެފައިވާކަން އެނގެން ނެތްކަމަށާއި، ތާއީދުއޮތް ކަމަށް ހުށަހެޅި ބައެއް މައުލޫމާތު ސައްހަ ނޫންކަމަށެވެ. އަދި ނަސީރުގެ ރަނިން މޭޓް ޝައިހް ނަސްރުﷲ މުސްތަފާގެ ކުށުގެ ރިކޯޑް ސާފު ނޫން ކަމަށެވެ.
މިކަމާއި ގުޅިގެން އަމްޖަދު ވިދާޅުވީ އިސީން އަމަލުކޮށްފައިވަނީ އެއްވެސް އުސޫލެއް އޮވެގެން ނޫން ކަމަށާއި އެ ކޮމިޝަން ނުފޫޒުން އެއްކިބާވާން ޖެހޭ ކަމަށެވެ. މީގެ އިތުރުން ކެންޑިޑެސީ ފޯމް ހުށަހެޅުމަށް އީސީން އިތުރު ފުރުސަތު ނުދީ ފޯމް އަލުން ހުށަހެޅުމަށް ހުރަސް އަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ފުރަތަމަ ރޭގަ ގުޅާފަ ބުނީ ޖަވާބު ތައްޔާރުކޮށްފައި ވާކަމަށް. ބަލާ އަންނާށޭ. އޭގެ އިރުކޮޅަކުން ބުނީ ކޮމިޝަންގެ އެއް މެންބަރަކު ސޮއިނުކޮށް އޮތީމަ ފަހުން ގުޅާނަމޭ. ދެން މިއަދު އަޅުގަނޑު އަމިއްލަ އަށް ގުޅީމަ އޭގެ ޖަވާބު އެ ހަވާލުކުރީ. އެހެންވީމަ ރޭގަ އެ ގުޅިވަގުތާއި ހަމައިން ފެށިގެން އޭގެ ޖަވާބު އެނގުނު ނަމަ މިކަމުގައި އިތުރު ގޮތެއް ހެދުނީސް. އަޅުގަނޑަށް ގަބޫލުކުރެވެނީ މިއީ ނުފޫޒެއް އޮވެގެން ކުރި ކަމެއް ހެން." އަމްޖަދު ވިދާޅުވިއެވެ.
މި މައްސަލައާއި ގުޅިގެން ނަސްރުﷲ ވިދާޅުވީ ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅެން އޮތް އެންމެ އަވަސް މުއްދަތެއްގައި ހުށަހަޅުއްވާނެކަމަށާއި، އެންމެ އަވަސްވެގެން އަންނަ އާދީއްތަ ދުވަހު މައްސަލަ ކޯޓަށް ވައްދާނެ ކަމަށެވެ. އޭނާ ވިދާޅުވީ މިކަމުގެ ސަބަބުން އިންތިހާބަށް ލަސްތަކެއް އަންނާނެކަމަށް ގަބޫލު ނުކުރާ ކަމަށާއި، އެހާ ދުވަސް އަދި އެބައޮތްކަމަށެވެ.
ނަސީރު ކެންޑިޑެސީ ބަލައިނުގަންނަކަން އޭނާގެ އިންތިހާބީ އެޖެންޓަށް އަންގާފައިވަނީ މިއަދު ހެނދުނުއެވެ.
ކެންޑިޑޭޓް ފޯމް ބާތިލް ކުރި މައްސަލަ ސުޕްރީމް ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ