ފޭދޫ ދާއިރާގެ އިންތިހާބުގެ އަޑުއެހުންތައް ނިންމާލައިފި

މިދިޔަ މަހުގެ 22 ވަނަ ދުވަހު ބޭއްވި ރައްޔިތުން މަޖިލިސް އިންތިހާބުގެ ފޭދޫ ދާއިރާގެ އިންތިހާބު ބާތިލް ކުރުމަށް ހައިކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.
ފޭދޫ ދާއިރާގެ ނަތީޖާ ބާތިލްކޮށް އަލުން އެ ދާއިރާގެ އިންތިހާބު ބާއްވައިދިނުމުގެ އަމުރެއް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ނެރެދިނުމަށް އެދި ހައިކޯޓަށް މައްސަލަ ހުށަހެޅީ އެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވި މުހައްމަދު ނިހާދު އެވެ.
މިއަދު މެންދުރުފަހު ބޭއްވި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ނިހާދުގެ ވަކީލް އާދަމް ޝަމީމް ވަނީ މައްސަލަ ބާތިލް ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ފާހަގަކޮށް ހެކިންގެ ގޮތުގައި ހާޒިރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކެއް ކޯޓަށް ހުށަހަޅާފަ އެވެ. އޭނާ ވިދާޅުވީ ފޭދޫ ދާއިރާގެ އެމްޑީޕީގެ ޓިކެޓް ނިހާދަށް ލިބިފައިވަނިކޮށް އެމްޑީޕީގެ ފޭދޫ ދާއިރާގެ ޕްރައިމަރީ ބާތިލް ކުރުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ޝަރީއަތް އިންތިހާބާއި ވަރަށް ކައިރިވެފައިވަނިކޮށް ނިމުމުން ކެމްޕެއިން ކުރުމަށް ނިހާދަށް އެކަށީގެންވާ ވަގުތު ލިބިފައިނުވާ ކަމަށެވެ.
އަދި އިންތިހާބު ކާމިޔާބުކުރެވި ޕީޕީއެމްގެ ކެންޑިޑޭޓް އިބްރާހިމް ދީދީ އިންތިހާބުތަކުގައި ކުރުން މަނާ ކަންކަން ހިންގާފައިވާކަމުގެ ހެކިތައް ނިހާދަށް ލިބިފައިވާ ކަމަށް ޝަމީމް ވިދާޅުވި އެވެ. އެގޮތުން ކެމްޕެއިން ކުރުން މަނާ ވަގުތުތަކުގައި އެސްއެމްއެސް މެދުވެރިކޮށްގެން ކެމްޕެއިން ކުރުމުގެ އިތުރުން އިބްރާހިމް ދީދީ ވޯޓުލުމަށް ވަޑައިގެން އެތަނުގައި ވެސް ކެމްޕެއިން ކުރެއްވި ކަމަށް ޝަމީމް ވިދާޅުވި އެވެ. ހަމަ އެންމެ ސިހްރުހަދާފައިވާ ކަމަށް ތުހުމަތުކުރެވޭ ކިހާއް އެކި ތަންތަނުގައި ވަޅުލާފައިހުރިކަން ފާހަގަކޮށްފައިވާއިރު ލައުޑް ސްޕީކަރު ބޭނުންކޮށްގެން އިސްލާމްދީނާ ހިލާފް އެއްޗެތި އިބްރާހިމް ދީދީގެ ކެމްޕެއިން ޓީމުން ޖަހާފައިވާ ކަމަށް ޝަމީމް ފަހަގަކުރެއްވި އެވެ.
އޭގެ އިތުރުން ނިހާދުގެ ވަކީލް ވިދާޅުވީ އިންތިހާބުގައި ފާހަގަކުރެއްވުން ހަތް މައްސަލައެއް އިލެކްޝަންސް ކޮމިޝަނުގެ ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހަޅާފައިވާއިރު ކެމްޕެއިންގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ 37 މައްސަލައެއް އެންޓިކޮރަޕްޝަންސް ކޮމިޝަނަށް ފޮނުވާފައިވާކަމަށެވެ. ނަމަވެސް އެއިން އެއްވެސް މައްސަލައެއްގައި ޖަވާބެއް ލިބިފައިވާނުވާ ކަމަށެވެ.
މައްސަލައަށް ޖަވާބު ދާރީވަމުން އިލެކްޝަންސް ކޮމިޝަނުގެ ވަކީލް ހުސެއިން ސިރާޖު ވިދާޅުވީ ފޭދޫ ދާއިރާގެ ޕްރައިމަރީއާ ގުޅިގެން ހުށަހެޅި މައްސަލަ ރައްދުވާ ފަރާތަކީ އެމްޑީޕީކަމަށްވާއިރު އެއީ ނިހާދަށް ކެމްޕެއިންކުރުމަށް އޮތް ހުރަހެއް ކަމަށް ނުދެކޭ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނަށް ނިހާދުގެ ފަރާތުން މައްސަލަ ހުށަހަޅާފައިވަނީ ހެކިން ހުށަހެޅުމެއް ނެތި ކަމަށާއި އެ މައްސަލަތައް ނުބެލުމަށް އިލެކްޝަންސް ކޮމިޝަނުގެ ކޮމްޕްލެއިން ބިއުރޯއިން ނިމްމާފައިވާ ކަމަށް ޗިރާޖު ވިދާޅުވިއެވެ. އަދި ސިހްރުހަދާފައިވާ ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ބޭނުން ކުރިކަމަށް ނިހާދުގެ ފަރާތުން ބުނެފައިވާއިރު އެކަން އެއީ ސިހުރުކަމާއި އޭގެ ސަބަބުން ވޯޓަށް ބަދަލުއައިކަން ޝަރީއަތަށް ސާބިތު ކޮށްދޭންވެސް ޖެހޭނެ ކަމަށެވެ.
މި މައްސަލައިގެ ތެރެއަށް ތަދައްހުލް ވެފައިވި، އިބްރާހިމް ދީދީގެ ވަކީލުން ވިދާޅުވީ ނިހާދުކޮށްފައިވާ ތުހުމަތުތަކަކީ ހަގީގަތެއްނެތް ދޮގު ތުހުމަތުތަކެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ