އިންތިހާބުން ހާމަވީ އާންމުން ރައީސް މުއިއްޒަށް އިތުބާރުކުރާ މިންވަރު: އަބްދުއްރަޙީމް

ޕީއެންސީން މިއަދު ކުރިއަށް ދިޔަ އެތެރޭގެ އިންތިހާބުން ހާމަވީ އާންމުން ރައީސް މުއިއްޒަށް އިތުބާރުކުރާ މިންވަރު ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ. މި އިންތިހާބަކީ އަބްދުއްރަޙީމް ސިފަކުރެއްވިގޮތުގައި، ސިޔާސީ ޕާޓީއަކުން ރާއްޖޭގައި ބޭއްވި އެންމެ ބޮޑު އެއް އިންތިހާބެވެ."މިއަދު އަޅުގަނޑުމެންނަށް ފެނިގެން މި ދަނީ ކޮންގްރެސް ޕާޓީގެ ސަރުކާރުން ކުރަމުން ގެންދާ ކަންތައްތައް ރައްޔިތުން ބަލައިގަންނަ ކަމާއި އަދި ޕާޓީގެ ވެސް ރައީސް، ގައުމުގެ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަށް ރައްޔިތުންގެ ތާއީދު އޮތް މިންވަރު،" އެމަނިކުފާނު ވިދާޅުވި އެވެ."އަޅުގަނޑުމެން ވޯޓު ފޮށި ބަންދުކުރުމާ ހަމައަށް އައިއިރު ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ބޭފުޅުންގެ 85 އިންސައްތަ ބޭފުޅުން ގާތްްގަނޑަކަށް މިވަނީ ވޯޓުލާފައި. އެއީ ގާތްގަނޑަކަށް 33،000 އާއި 32،000 އާ ދެމެދުގެ އަދަދަކަށް،" އަބްދުއްރަޙީމް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ 119 ވޯޓުފޮއްޓަށް އެހައި ގިނަ އަދަދެއްގެ މީހުން ވޯޓުލުމާއި، ޕާޓީއާއި ޕާޓީގެ ސަރުކާރާއި، ޕާޓީގެ ރައީސަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ކަމަށެވެ. އެތެރޭގެ އިންތިޚާބެއްގައި 2،000 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކޮށް، 40،000 މީހުންގެ 85 އިންސައްތައެއްހައި މީހުން ވޯޓުގައި ބައިވެރިވުމަކީ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާއަށާއި ޕާޓީގެ ސަރުކާރަށް ރައްޔިތުންގެ އޮތް އިތުބާރުގެ ރަމްޒެއް ކަމަށް ޗެއާޕާސަން ވިދާޅުވި އެވެ. ޗެއާޕާސަން ވިދާޅުވީ ޕާޓީގެ ކެންޑިޑޭޓުންނާއި އެބޭފުޅުންގެ މަންދޫބުންނާއި، އެބޭފުޅުންނަށް ތާއީދުކުރައްވާ ހުރިހާ ބޭފުޅުންވެސް ޕާޓީގެ މަސްލަހަތު ނަގަހައްޓަވައި، ސުލްހަވެރިކަމާއި ރައްކާތެރިކަން ދެމެހެއްޓެވުމަށް ވަރަށް ބޮޑަށް އިސްކަންދެއްވި ކަމަށެވެ. އެހެން ޕާޓީތަކުގެ އިންތިހާބުގައި ފެންނަ ނޭދެވޭ އެއްވެސް ކަމެއް ނުފެނި އިންތިހާބު ނިންމައިލެވުމަކީ އެ ޕާޓީއަކީ ތަފާތު ޕާޓީއެއްކަން ދައްކުވައިދޭ ކަމެއްކަން އަބްދުއްރަޙީމް ފާހަގަަކުރެއްވި އެވެ. މި އިންތިޚާބަށްފަހު، ޕީއެންސީގެ ބޮޑު ކޮންގްރެސް ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ދަފުތަރުން ދައްކާ ގޮތުގައި މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީއަކީ ވެރިކަން ކުރާ ޕީއެންސީއެވެ. އެގޮތުން އެ ޕާޓީގެ މެންބަރުންގެ އަދަދު 74،048އަށް އަރާ ކަމަށް އީސީގެ ދަފުތަރުން ދައްކައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ