ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ތައުބާވާން ޖެހޭ: ރައީސް
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސިކުނޑިއަށް ސިޔާސީ ވިސްނުން ވަނުމަކީ ގައުމުގެ ހަލާކު ކަމަށާއި އެމީހުން ތައުބާވާން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ. މިރޭ 'ރުމާލު 2' ޖަގަހައިގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ސިޔާސީ ކަންކަމުގައި ބައިވެރިވެ އެކަހަލަ ވިސްނުން ސިކުނޑިއަށް ވަންނަ ނަމަ ޝަރަފާ އިއްޒަތާ ކަރާމާތާ އެމީހުންނަށް ނޭރުވޭނެ ކަމަށެވެ. ރައްޖޭގެ ރައްޔިތުން އެކޯޓެއްގެ މައްޗަށް ހުރިހާ ކަމެއް ބަރޯސާކޮށްގެން ތިބި ނަމަވެސް ދެން މި އިސްލާމީ އުޑު ދަށުގައި ދެން ދާނެ ކޯޓެއް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ. " މާތް ކަލާކޯ، ﷲ ގަންދީ ހުވާކޮށްގެން ތިބެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސިކުނޑިއަށް ސިޔާސީ ވިސްނުން އައުމަކީ نعوذ بالله، އެއީ އަޅުގަނޑުމެންގެ ގައުމުގެ ހަލާކު. އެކަން ސާބިތު ކޮށްދިނީ އެ. އެހެންވީމަ ކިހިނެތްތޯ އަޅުގަނޑުމެން ކަރާމާތާ ޝަރަފާ އެކީ ސުޕްރީމް ކޯޓުގެ މީހުން ގެންގުޅޭނީ. މިހާރު އެމީހުން އަމިއްލައަށް ތައުބާވާން އެބަޖެހޭ.،" ރައީސް ވިދާޅުވި އެވެ. މިރޭ ރުމާލު 2 ޖަގަހާގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް ރައީސް ޔާމީން ވިދާޅުވީ، ދިވެހި ދައުލަތުގެ އެންމެ އިސް ވެރިއަކީ ސުޕްރީމް ކޯޓުގެ އިސް ފަނޑިޔާރު ނޫން ކަމަށެވެ. އަދި އެއީ އިންތިހާބު ކޮށްފައި ހުރި މީހެއްވެސް ނޫން ކަމަށް ވިދާޅުވި އެވެ. " އެހެންވީމަ އޭނަގެ ސިކުނޑިއަށް ނުބައި ވިސްނުމެއް ވަދެގެން. ސިޔާސީ ފިކުރެއްގެ ތެރޭން ބަދަލުވެގެން ގޮސް ގޯސް ގޮތަކަށް ކަންތައްތައް ކުރަން ފަށައިފި ކަމަށް ވަންޏާ ގޯސް ނަތީޖާ ނުކުންނާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ. އެތައް ދުވަހެއް ކުރިން ނިންމައި ފައިސަލާކޮށްފައި ހުންނަ މައްސަލަތައް އެންމެ އަމުރެއްގެ ސިފައިގައި އެކޮޅު ކޮޅުން ޖަހާލުމަކީ ކޮންކަހަލަ ގާނޫނީ އަސްލެއްތޯ ރައީސް ސުވާލު އުފެއްދެވި އެވެ. މައްސަލަ ރައްދުވާ މީހަކާ މައްސަލަ ވެއްދި މީހަކާ، ދެބައި މީހުންގެ އަޑު ނެތި މައްސަލަ ނުނިންމޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. މައްސަލަތައް ނިންމަނީ ދެފަރާތުގެ ޚަސްމުންނާއި ވަކީލުން އެތައް ދުވަހެއް ވަންދެން ދެފަރާތުން ވާހަކަ ދައްކައި ނިންމާ ކަންކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، އެންމެ ރެއަކު ފިލާ ތިބެގެން އެކަންކަން ނުނިންމޭނެ ކަމަށެވެ. " މިހުރިހާ ކަމެއް އެންމެ ރެއަކު ފިލާ ތިބެގެން ދެ ގަޑިއިރު ތެރޭގައި ތިން ގަޑިއިރުގެ ތެރޭގައި ބަދަލުކޮށްލުމުގެ ކޮން ބާރެއްތޯ އޮތީ ކޮން ސައްހަ ކަމެއްތޯ އޮންނާނީ،" ރައީސް ވިދާޅުވި އެވެ. މިރޭ ރުމާލު 2 ޖަގަހާގައި ބޭއްވި ޖަލްސާގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް ކޯޓުތަކުން އަންނަ އަމުރުތައް އަދި ހާއްސަކޮށް ސުޕްރީމް ކޯޓުން އަންނަ އަމުރުތަކާ މެދު ވިސްނައި ފިކުރުކޮށް ސުވާލު އުފެއްދުމުގެ ޖާގަ އެބައޮތް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. " މިއަދު އެބައޮތް އެޖާގަ" ރައީސް ތަކުރާރުކޮށް ވިދާޅުވި އެވެ. އަމިއްލައަށް ކަންކަން ކޮށްފައި ވަގަކަށް ތިމަންނަ މީ ވަގެއް ނޫން ކިޔާފައި ފިލާ ނުހުރެވޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. " މިރޭ މީ ހިތާމައިގެ ރެއެއް މޮޅިވެރިކަމުގެ ރެއެއް. އެއީ އަޅުގަނޑުމެންގެ ދިވެހި ދައުލަތް. އަޅުގަނޑުމެންގެ މިއޮތް ބައިވަރު މީހުން ކުޑަކަކޫ މައްޗަށް ނާޒުކު ކަންމައްޗަށް ހުށަހަޅާލީ އެންމެ ފަސްމީހުންގެ ރައުޔުން. އެ ފަސް ބޭފުޅުންގެ ތެރޭގައި ސުލްހައަށް ލޯބި ކުރައްވާ ތިން ބޭފުޅަކު ތިއްބެވީމަ އެއަށްވުރެ ބޮޑެތި ކަންތައް ނުވީ" ރައީސް ޔާމީން ވިދާޅުވި އެވެ. ނުރައްކަލަށް ރާއްޖެ ހުށަހެޅީ ސުޕްރީމް ކޯޓުގައި އެންމެ އިސްކޮށް ތިބި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ފަނޑިޔާރު އަލީ ހަމީދު ކަމަށް ރައީސް ވިދާޅުވި އެވެ. އެމީހުން އެމަގާމަށް ގެންނަން ތާއީދު ކުރެއްވީ އެމަނިކުފާނު ކަމަށް ވިދާޅުވެ " އަބަދުވެސް ބޭވަފާތެރި ވަނީ އެންމެ ކައިރީގައި އުޅޭ މީހުން ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ