މޫސުން ގޯސްވުމުގެ ސަބަބުން ޢީދު ސްމައިލް ފަސްކޮށްފި

އަޟްހާ ޢީދުގެ މުނާސަބަތުގައި ހުޅުމާލޭގައި މިއަދު ބާއްވަން ހަމަޖެހިފައިއޮތް “ޢީދު ސްމައިލް” ހަރަކާތް މޫސުން ގޯސްވުމުގެ ސަބަބުން ފަސްކޮށްފިއެވެ.މިކަމާއި ގުޅޭގޮތުން ދިއިސްލާމަށް މައުލޫމާތު ދެއްވަމުން މިހަރަކާތް އިންތިޒާމްކުރާ އަލްހިޖްރަގެ ރައީސް ހާމިދު ސަލީމް ވިދާޅުވީ މިއަދުގެ އިވެންޓަށް ހުރިހާ ތައްޔާރީތަކެއް ވުމަށްފަހުގައި މޫސުން ގޯސްވުމުގެ ސަބަބުން އިވެންޓް ފަސްކޮށްފައިވާ ކަމަށެވެ.ހާމިދު އިތުރަށް ވިދާޅުވީ މިއިވެންޓް ދެން އޮންނާނީ މިމަހުގެ 8 ވާ ހުކުރުދުވަހު ކަމަށެވެ.ތަފާތު ކުޅިވަރުތަކާއެކު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިހަރަކާތުގެ ސްޓޯލްތަކުގައި ފޭސް ޕެއިންޓިން، ފަސްއޮށް ކުޅުން، އޮށްވަޅު ގޮނޑި ކުޅުން، ސްކޭޓް ކުރަން ދަސްކޮށްދިނުން، އަތްދޮވުން، ފޮޓޯ ފްރޭމް، ރިމޯޓް ކާރު ދުއްވުން، ޑަސްބިނަށް ދަޅު އުކުން ފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު ސްޓޭޖް ހަރަކާތްތަކުގެ ގޮތުގައި މަދަހަ ކިޔުން، ވާހަކަ ކިޔައިދިނުން ފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ބަމްޕަރއާއި ޓްރެމްޕޮލިންގެ ހަރަކާތްތައްވެސް ކުރިއަށްދާނެއެވެ.މިހަރަކާތުގެ ހޯސްޓިންގ ޕާޓްނަރަކީ އެޗްޑީސީއެވެ. އަދި އިވެންޓުގެ މެއިން ސްޕޮންސަރަކީ ތިލަފުށި ކޯޕަރޭޝަނެވެ. ކޯސްޕޮންސަރުންގެ ގޮތުގައި އެންޒީއާއި އެލިއާގެ އިތުރުން އެހެންވެސް ގިނަ ފަރާތްތަކުން ދީލަތި އެހީތެރިކަން މިހަރަކާތަށްވަނީ ފޯރުކޮށްދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ