ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވަގުތީ ނަތީޖާގެ ބޮޑު އަޣުލަބިއްޔަތެއް ލިބިފައިވަނީ އިދިކޮޅު ޑީއާރުޕީ އަށް ކަމަށާއި އެ އިންތިހާބުގެ ނަތީޖާއިން ދައްކަނީ މުޅި ރާއްޖެ އިން ރީނދޫ ކުލަ ފުހެވިގެން ގޮސް ސާފު ރީތި ނޫ ކުލައަކަށް ބަދަލުވެއްޖެކަން ކަމަށް އެ ޕާޓީގެ ޒައީމް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް އިންތިހާބުގައި ޑީއާރުޕީ އަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް "މަރުހަބާ ނޫ ދިވެހިރާއްޖެ" ގެ ނަމުގައި މައުމޫން ބޭއްވެވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ "އަޅުގަނޑުމެން އެންމެން މި ނޫ ދިވެހިރާއްޖެ އަށް މި މަރުހަބާ ކިޔަނީ އުފަލާ އެކީގައި" ކަމަށެވެ.
"މިކަމުން މި ދައްކައިދެނީ ދިވެހި ރައްޔިތުން އާ މަގެއް، އާ ފެށުމެއް އިހުތިޔާރު ކުރައްވައިފި ކަމަށް. އިރާދަކުރެއްވިއްޔާ މާލަހެއް ނުވެ މާލެ އާއި އައްޑޫ ވެސް މި ރީނދޫ އަޅުވެތިކަމުން ސަލާމަތްވާނެ،" މާލެ އާއި އައްޑޫ ސިޓީ ކައުންސިލްގެ ގޮނޑިތައް އެމްޑީޕީ އަށް ލިބިފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި މައުމޫން ވިދާޅުވި އެވެ.
އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި މި ހަފުލާގައި މައުމޫން ވިދާޅުވީ ލޯކަލް އިންތިހާބުގެ ނަތީޖާ އިން ދައްކަނީ ގައުމީ ހަޔާތުގެ ވަރަށް އާ ފެށުމެއް ކަމަށާއި އެ ފެށުން ސާބިތުކަމާ އެކު ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ކައުންސިލްތައް ޑީއާރުޕީ އަށް ކާމިޔާބު ކުރެވުނު ނަމަވެސް ކަންތައްތައް ހުރި ގޮތުން ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ފިއްތުންތަކާއި ބިރު ދެއްކުންތައް ކުރިމަތިވެގެންދާނެ ކަމަށެވެ.
"އެހެން ނަމަވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެއްގޮތަކަށް ވެސް ޖެހިލުންވެ ވަޑައިނުގަންނަވާށޭ. އެއްގޮތަކަށް ވެސް ބިރުފުޅުގެން ވަޑައިނުގަންނަވާށޭ. އަޅުގަނޑުމެން މި ތިބީ ތިޔަބޭފުޅުންގެ ފަހަތްޕުޅުގައޭ. އަޅުގަނޑުމެން ޑީއާރުޕީން މި އޮތީ ތިޔަ ކައުންސިލްތަކުގެ ފަހަތުގައޭ. ތިޔާ ބޭފުޅުންނަށް އަބަދުވެސް އަޅުގަނޑުމެންގެ ތާއީދު އަރުވާނަމޭ. ތިޔަ ބޭފުޅުންނަށް އެއްވެސް އުނިކަމެއް އިރާދަކުރެއްވިއްޔާ އަޔަކަ ނުދޭނަމޭ،" މައުމޫން ވިދާޅުވި އެވެ.
އެމްޑީޕީ އަށް ރައްދު ދެއްވަމުން މައުމޫން ވިދާޅުވީ އެ ޕާޓީގެ "ވަރުގަދަ ކިއްލާތަކެއް" ކަމަށް ބެލެވުނު ބައެއް ތަންތަނުން ލޯކަލް އިންތިހާބުގައި ޑީއާރުޕީން ކާމިޔާބުކޮށްފައިވާ ކަމަށެވެ. އަދި އެ ތަންތަނުން ވެސް ހުރިހާ ގޮނޑިއެއް ލިބުނީ ޑީއާރުޕީ އަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ މާލެ އާއި އައްޑޫން ޑީއާރުޕީ ބޭނުންވި ކާމިޔާބީތައް ނުލިބުނީ ވަރަށް ގިނަ ސަބަބުތަކާ އެކީގައި ކަމަށެވެ. އެހެން ނަމަވެސް މުޅި ރާއްޖެ އޮތީ ޑީއާރުޕީއާ އެކީގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ވިދާޅުވީ އިންތިހާބުގައި ޑީއާރުޕީ އަށް ލިބުނު ވޯޓު ރޭގެ ވަގުތީ ނަތީޖާ އަށް ބަލާއިރު ވެސް އެމްޑީޕީ އަށް ވުރެ 10،000 ގިނަ ކަމަށެވެ. އެ ގޮތުން ވޯޓުލީ މީހުންގެ ނިސްބަތަށް ބަލާއިރު 100 އިން 60 ވޯޓުލާފައި ވަނީ އެމްޑީޕީއާ ދެކޮޅަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މައުމޫން ވިދާޅުވި ގޮތުގައި ސިޔާސީ ކަންތައްތަކުގައި ހަރަކާތްތެރިވުމަށްޓަކައި "ލެވެލް ޕްލޭއިން ފީލްޑެއް" އޮންނަން ޖެހުނަސް ލޯކަލް އިންތިހާބުގައި ކަންތައް ދިޔައީ އެ ގޮތަށް ނޫނެވެ.
"އެހެން ނަމަވެސް މި މުބާރާތް ނުވަތަ މި މެޗް އަޅުގަނޑުމެންނަށް ކުޅެން ޖެހުނުއިރުގައި ދަނޑުގެ އެއްކޮޅު އޮތީ ވަރަށް އޮމާންކޮށް ވަރަށް ރީތިކޮށް. އަނެއް ކޮޅުގައި ހުރީ ހުސް ވަޅުގަނޑުތަކާއި ގާތަކާއި ފެންގަނޑުތައް. އެހެންވީމަ ކިހިނެއްތޯ ދެ ޓީމު އެއްވަރަކަށް ކުޅޭނީ؟ ކުޅުންތެރިންގެ އަދަދަށް ބަލާއިރު ވެސް އެއް ޓީމެއްގައި މި ތިބެނީ ފުޓުބޯޅަ ވިއްޔާ 11 ކުޅުންތެރިން. ސްޓްރައިކަރުންނާއި މިޑްފީލްޑަރުންނާއި އެއް ގޯލް ކީޕަރު. އެއް ޓީމު ކުޅުނީ އެހެން. އަނެއް ޓީމުގައި މި ތިބީ 15 ކުޅުންތެރިންނާއި ތިން ގޯލް ކީޕަރުންނާ. އަދި އޭގެ އިތުރަށް ރެފްރީ އާއި ދެ އެހީތެރިން ވެސް މި ތިބީ އެ ޓީމުގައި. އެކަމަކު މިކަން މިހެން އޮވެގެން ވެސް އަޅުގަނޑުމެންގެ ޓީމު މި މެޗް މި ކާމިޔާބުކުރީ،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ލޯކަލް އިންތިހާބުގައި ސަރުކާރުން ނުފޫޒުގެ ބޭނުންކުރުމާއި ފައިސާގެ ބޭނުންކުރުމާއި ބިރު ދެއްކުމާއި ސަރުކާރުން ބޭނުންވާހާ ގޮތަކަށް ދައުލަތުގެ މީޑިއާ ބޭނުން އިރަކު ބޭނުން ކުރުމާއި މަނާ ވަގުތުތަކުގައި ވެސް ދައުލަތުގެ މީޑިއާ އިން ކެމްޕޭން ކޮށްދީފައިވާ ކަމަށެވެ.
"އެކަމަކު އެ ހުރިހާ ކަމަކާ އެކު ވެސް ކާމިޔާބު މި ކުރީ ޑީއާރުޕީން. އެހެންވީމަ އަޅުގަނޑު ދަންނަވާނީ ޑީއާރުޕީގެ ކެންޑިޑޭޓުންނާއި އަދި ޑީއާރުޕީ އަށް ތާއީދު ކުރައްވާ ހުރިހާ ބޭފުޅުންނަށް އައްސަރި ބަހާއި ސާބަހޭ،" މައުމޫން ވިދާޅުވި އެވެ.
ރޭގެ ހަފުލާގައި ވާހަކަ ދައްކަވަމުން ޑީއާރުޕީން ވަކި ކޮށްފައިވާ ކުރީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު ވިދާޅުވީ ޕާޓީ ބައިބައިވެއްޖެ ކަމަށް ބުނެ ދެން އެ ޕާޓީ އަށް ވޯޓެއް ނުލިބޭނެ ކަމަށް ބުނަމުންދިޔަ މީހުންނަށް މިހާރު ބޮޑު މަންޒަރު ސާފުވެފައި އޮންނާނެ ކަމަށެވެ. އަދި އުމަރު ވިދާޅުވީ "އަނެއް ދިވެހިރާއްޖެ" އަށް ދަތުރު ފެށި މީހުން ޗާޓުން ބޭރުވުމުން އޮޔާ ގޮސް ލެއްގީ "ނޫ ދިވެހިރާއްޖެ" އަށް ކަމަށެވެ.
"އަޅުގަނޑުމެން ދެކެފިން ދިވެހި ރައްޔިތުންގެ ޕާޓީގައި އަޅުގަނޑު މަސައްކަތް ކުރަން ފެށި ފަހުން ރާއްޖޭގައި އެމްޑީޕީގެ ކިއްލާތައް ކަމަށް ބުނާ ވަރަށް ވަރުގަދަ ރަށްރަށަށް އަޅުގަނޑުމެން ހުންނާނެ އަރާފައި. ބައެއް ފަހަރަށް ފަޅާފައި އަރާފައި ހުންނާނީ. މިއަދު އަޅުގަނޑުމެން އެ ރަށްރަށަށް ދިޔައީމަ ކިނބިއްސެއް އަޅާލާނެ މީހަކު ވެސް ނާދޭ ފާލަން ކައިރިއަކަށް،" އުމަރު ވިދާޅުވި އެވެ. "އަޅުގަނޑު ދަންނަވާނީ މުޅި ގައުމު މިއަދު މި ދަނީ ނޫ ވަމުންނޭ. ނޫ ދިވެހިރާއްޖެއަށް ﷲ އިރާދަކުރެއްވިޔާ މި އޮޑީގައި 2013 ވަނަ އަހަރު ދިވެހި ރައްޔިތުން ގޮވައިގެން އަޅުގަނޑުމެން ދަތުރުކުރާނަމޭ. މިހާރު މި ކުރީ ދެ ބަލި. ތިންވަނަ ބަލިކޮށްފައި އަޅުގަނޑުމެން މި އޮޑި ލަފާނީ ﷲ އިރާދަކުރެއްވިއްޔާ ރައީސް އޮފީސް ކުރިމައްޗަށް."
ރޭގެ ހަފުލާގައި ޑީއާރުޕީގެ ލީޑަރު ތަސްމީން ބައިވެރިވެވަޑައެއް ނުގަނެ އެވެ. ތަސްމީން ވަނީ އުމަރަށް އިޝާރަތްކުރައްވާ، ޕާޓީން ވަކިކޮށްފައި ހުރި މީހަކާ އެކު އެއްވެސް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް އިއްޔެ ވިދާޅުވެފަ އެވެ.
އިންތިހާބުގެ ނަތީޖާއިން ދައްކަނީ ރީނދޫ ކުލަ ފުހެވި ރާއްޖެ ސާފު ނޫ ކުލައަކަށް ބަދަލުވެއްޖެކަން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ