އާ ކޯލިޝަނާ ދޭތެރޭ މައުމޫން ފެކްޝަންގެ ބައެއް ބޭފުޅުން ފާޑުވިދާޅުވެއްޖެ

އެންމެ ބޮޑު އިދިކޮޅު ޕާޓީ ޑީއާރުޕީ އާއި ދިވެހި ގައުމީ ޕާޓީއާ ދެމެދު ކޯލިޝަން އެގްރީމަންޓެއްގައި ސޮއިކުރުމަށް ޑީއާރުޕީ ކައުންސިލުން ނިންމިތާ 24 ގަޑިއިރު ނުވަނީސް އެ ނިންމުމާ މެދު ޕާޓީގެ އިސް ސަފުގައި ހިޔާލު ތަފާތުވުންތައް އުފެދިއްޖެ އެވެ.
ކުރިން ޑީއާރުޕީގެ ނާއިބު ޒައީމުގެ މަގާމުގައި ހުންނެވުމަށް ފަހު ޑީއާރުޕީން ވަކިވެ ވަޑައިގެންނެވި ކުރީގެ ބަންޑާރަ ނައިބު ޑރ. ހަސަން ސައީދުގެ ގައުމީ ޕާޓީއާ އެކު ޑީއާރުޕީން ކޯލިޝަން ހެދުމަށް އެ ޕާޓީގެ ކައުންސިލުން ނިންމުން އެކަމާ އެންމެ ބޮޑަށް ފާޑު ވިދާޅުވެ ސުވާލު އުފައްދަވަނީ ޑީއާރުޕީގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ އެންމެ ސީނިއާ އެއް މެމްބަރު އައިޝަތު އާޒިމާ ޝަކޫރެވެ.
އޭނާ ވިދާޅުވީ ޑީއާރުޕީ އާއި ޕީއޭ އާއި ޖުމްހޫރީ ޕާޓީ އަދި ގައުމީ ޕާޓީ ގުޅިގެން އިދިކޮޅު އިއްތިހާދެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދަނިކޮށް އެތަނުން އެންމެ ފަރާތަކާ އެކު ކުއްލި ގޮތަކަށް ކޯލިޝަނެއް ހެދުމުން ދެން ވާނެ ގޮތަކާ ދޭތެރޭ ވިސްނަން ޖެހޭ ކަމަށެވެ. އަދި ގައުމީ ޕާޓީއަކީ އެންމެ ރަނގަޅު ކޯލިޝަންތޯ އާއި މިއީ ކޯލިޝަން ހެދުމަށް އެންމެ ރަނގަޅު ދަނޑިވަޅުތޯ ސުވާލުތޯ އުފެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކީއްވެގެންތޯ ޑައެލޮގް ޕްރޮސެސް މިހާ ހަނިކޮށް ގޮސްފައި މި އޮތީ؟ ޑީއާރުޕީ ކައުންސިލުން އިއްޔެ މިކަން ނިންމިޔަސް އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުން ވެއްޖިއްޔާ ގައުމީ ޕާޓީގެ ކައުންސިލުން ވަނީ އޭގެ ކުރީ ދުވަހު މިކަން ނިންމާފައި،" އާޒިމާ ވިދާޅުވި އެވެ. "އެހެންވެއްޖިއްޔާ އަޅުގަނޑުމެންނަށް އެބަ ގަބޫލުކުރެވޭ މިއީ ދެ ޕާޓީގެ ދެމެދުގައި ނުވަތަ ދެ ޕާޓީގެ އިސްވެރިންގެ މެދުގައި ތަންކޮޅެއް ކުރިން ނިމިފައިވާ ކަމެއް ކަން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވެއްޖިއްޔާ އެކަހަލަ ކަންތައްތައް ނިމިގެން ނޫނިއްޔާ އަނެއް ޕާޓީގެ ކައުންސިލަކުން ނުނިމޭނެ. އެ ހިސާބަށް ދާންވާއިރަށް ކޮންމެވެސް ވަރަކަށް [ޑީއާރުޕީގެ] ކައުންސިލްގައި މި އިޝޫއާ މެދު މަޝްވަރާ ކުރަން ޖެހޭ. އެކަމަކު އަނެއް ޕާޓީގެ ކައުންސިލުން ވެސް އެޕްރޫވް ކޮށްފައި ދެން އައިސް ރަބަ ސްޓޭމްޕެއް ޖަހާ ގޮތަށް ޑީއާރުޕީ ކައުންސިލުން ތައްގަނޑު ޖެހީމަ އެބަޖެހޭ ސުވާލު ކުރަން."
އޭނާ ވިދާޅުވީ ގައުމީ ޕާޓީއާ އެކު ކޯލިޝަން ހެދުމުގެ މައްސަލަ ކައުންސިލަށް އެޖެންޑާ ކުރިއިރު ވެސް ތަފުސީލެއް ނެތް ކަމަށާއި އެޖެންޑާ ކޮށްފައި އޮތީ ރިޔާސަތުން ހުށަހަޅާ ކަމެއްގެ ގޮތުގައި ކަމަށެވެ.
އާޒިމާ ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ އަނެއް ދެ ބައިވެރިން ކަމަށްވާ ޖުމްހޫރީ ޕާޓީ އާއި ޕީއޭއިން ދެން ރިއެކްޓް ކުރާނެ ގޮތާ މެދު ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމަށެވެ. އަދި މިހާރު އުފެއްދުމަށް މަސައްކަތް ކުރަމުންދާ ޑރ. މުހައްމަދު މުނައްވަރުގެ މޯލްޑިވްސް ރިފޯމް މޫވްމަންޓުން ދެން އަމަލު ކުރާނެ ގޮތަކާ ދޭތެރޭ ވެސް ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަދި ޑީއާރުޕީ އާއި ޕީއޭއާ އެކު ވެސް ކޯލިޝަނެއް މި އޮތީ ކުރިން ހަދާފައި. އަދި ޕީއޭގެ ކޯލިޝަން އެއްބަސްވުމުގައި ޑީއާރުޕީ އާއި ޕީއޭ އަށް ވެސް އެހެން އެއްވެސް ބަޔަކާ އެކު ކޯލިޝަނެއް ހެދޭނީ ޕީއޭއިން ރުހިގެން ކަމަށް އޮންނައިރުގައި ދެން މި އެއްބަސްވުމުން އަންނާނީ ކޮން ރިއަކްޝަނެއް ކަމެއް ނޭނގޭ. ޕީއޭ އަކީ ރައްޔިތުންގެ މަޖިލީހުގައި ހަތް ގޮނޑި ތަމްސީލުކުރާ ކޯލިޝަނެއް. މި ހުރީ ސުވާލުތައް،" އާޒިމާ ވިދާޅުވި އެވެ. "އަޅުގަނޑުމެންނަށް މި ފެންނަނީ ޑީއާރުޕީން ގައުމީ ޕާޓީއާ އެކު ކޯލިޝަން ހަދާއިރު ކުރިއަށް އޮތް ތިން އިންތިހާބަށް ވެސް އެކުގައި މަސައްކަތް ކުރަން ނިންމާ ތަން. އެހެން ވެއްޖިއްޔާ ސިޔާސީ މަސްރަހު ބައްޓަން ކުރުމުގެ އެއް ފޭސް އެ ދިޔައީ. އެހެންވީމަ ސިޔާސީ އެއް ފޭސް ވަކި ބަޔަކާއެކު ކުރިއަށް ގެންދަން ނިންމާއިރު ދެން މި ތިބަ އެއަށް ވުރެ ބޮޑެތި ބާރުތަކުން ދެކޭ ގޮތް އެނގުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ޑީއާރުޕީ ކައުންސިލުން ކުރަން ޖެހޭނެ ކަމެކޭ. އެސެސްމަންޓެއް ހަދަން ޖެހޭނެ އޭ."
އޭނާ ވިދާޅުވީ މިފަދަ ބޮޑު ކަމެއް ކުރާއިރު ކައުންސިލުން ބޭރުން ވެސް ޑީއާރުޕީގެ ސިޔާސީ ތަޖުރިބާ ލިބިވަޑައިގެންފައި ތިއްބެވި ބޭފުޅުންގެ ފަރާތުން ހޯއްދަވަން ވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އާޒިމާ ވިދާޅުވީ ޑީއާރުޕީގެ ޒައީމް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމަކީ އެ ޕާޓީގެ މެމްބަރުންގެ ވަރަށް ބޮޑު ތާއީދެއް އޮތް ބޭފުޅެއް ކަމަށްވާއިރު އެ މަނިކުފާނާ ދެކޮޅަށް ގައުމީ ޕާޓީގެ ރައީސް ޑރ. ހަސަން ސައީދު ވާހަކަ ދެއްކެވިތަނާ ދިމާކޮށް މިފަދަ އެގްރީމަންޓެއް ހެދުމަށް ނިންމުމަކީ ޑީއާރުޕީގެ އާންމު މެމްބަރުން ވެސް ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ.
އާޒިމާ އެ އިޝާރާތް ކުރައްވަނީ މިދިޔަ ހުކުރު ދުވަހު ދިއެފްއެމްގެ "ވަން ޓު ވަން" ގައި ވާހަކަ ދައްކަވަމުން މައުމޫން އަލުން ވެރިކަމަށް ވަޑައިގަތުމާ ދެކޮޅު ހައްދަވާ ކަމަށް ޑރ. ހަސަން ވިދާޅުވި ވާހަކައަށެވެ.
"އެހެންވެ ބަލާލަން އެބަޖެހޭ މިއީތޯ ޑީއާރުޕީގެ މެމްބަރުން ބޭނުންވާނެ ގޮތަކީ. ޑީއާރުޕީގެ މެމްބަރުން ބޭނުމެއް ނުވާނެ ޑީއާރުޕީގެ ޒައީމަށް އޮޕެންލީ މީހަކު އެއްޗެއް ބުނާކަށް. މިއީ ކޮން ކަހަލަ ކޯލިޝަނެއްތޯ ސުވާލު ކުރަން އެބަޖެހޭ،" އާޒިމާ ވިދާޅުވި އެވެ. "ރިޔާސީ އިންތިހާބަށް ފައިޓް ކުރަން އެބައޮތް އަދި ދެ އަހަރު."
ގައުމީ ޕާޓީއާއެކު ކޯލިޝަން ހެދުމަށް ޑީއާރުޕީ ކައުންސިލުން އިއްޔެ ނިންމިއިރު އޭގެ ކުރީ ދުވަހު ގައުމީ ޕާޓީގެ ކައުންސިލުން ނިންމާފައި ވަނީ ޑީއާރުޕީއާއެކު ކޯލިޝަނެއްގެ ގޮތުގައި މަސައްކަތް ކުރުމަށާއި 2013 ގެ ރިޔާސީ އިންތިހާބުގައި ތަސްމީނަށް ތާއީދު ކުރުމަށެވެ.
ޑީއާރުޕީ އާއި ގައުމީ ޕާޓީން ކޯލިޝަން އެގްރީމަންޓުގައި ސޮއިކުރުމަށް ނިންމި ނިންމުމާ މެދު ޒައީމް މައުމޫން އަދި އެއްވެސް އެއްޗެއް ވިދާޅުވާކަށް ބޭނުންފުޅެއް ނޫނެވެ. އެހެން ނަމަވެސް ޕީއޭގެ އިސްވެރިއަކު މިއަދު ވިދާޅުވި ގޮތުގައި މިހާރު ފެންނަމުންދާ މަންޒަރަކީ މައުމޫނާ ދެކޮޅު ފަރާތްތަކުން "އެއްގަލަކަށް އަރާތަން" ކަމަށެވެ.
"ޑރ. ހަސަން ސަރުކާރުން އިސްތިއުފާ ދެއްވީ ކީއްވެކަން އެންމެންނަށް އިނގޭ. އެހެންވީމަ ތަސްމީން ވެސް މިހާރު މައުމޫނާ ދެކޮޅުވީމަ އެއްގަލަކަށް އަރާތަން މި ފެންނަނީ،" އޭނާ ވިދާޅުވި އެވެ.
ޕީއޭއިން ބުނީ މިކަމާ ގުޅޭ ގޮތުން އަދި ރަސްމީކޮށް ވަކި އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ.
ޑީއާރުޕީ އާއި ގައުމީ ޕާޓީން ކޯލިޝަން އެގްރީމަންޓެއްގައި ސޮއިކުރުމަށް ޑީއާރުޕީ ކައުންސިލުން ނިންމިއިރު ސެޕްޓެމްބަރު ،1 2008 ގައި ޑީއާރުޕީ އާއި ޕީއޭއިން ކޮށްފައިވާ ކޯލިޝަން އެގްރީމަންޓުގައިވާ ގޮތުން އެ ދެ ޕާޓީން ކުރެ ޕާޓީއަކުން އެހެން ޕާޓީއަކާ ނުވަތަ ޖަމާއަތަކާ ނުވަތަ ފަރުދަކާއެކު އުފައްދަން ޖެހިއްޖެ ހިނދެއްގައި ކޯލިޝަން ކޮމެޓީއަށް އެކަމެއް ހުށަހަޅަން ޖެހެ އެވެ.
"އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ފުރުސަތު ދެ ޕާޓީން ކުރެ ޕާޓީއަކަށް މި އެއްބަސްވުމަކުން ނުދެ އެވެ. އަދި އެއް ފަރާތުން ހުށަހަޅާ ހުށަހެޅުމެއް އަނެއް ފަރާތުން ގަބޫލުނުކޮށް ވީޓޯ ކުރުމުގެ ބާރު މި އެއްބަސްވުމުން ލިބިދެ އެވެ" ދެހާސް އަށްވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް ޑީއާރުޕީ އާއި ޕީއޭއިން ވި ކޯލިޝަން އެއްބަސްވުމުގައި ބުނެފައިވެ އެވެ.
ޑީއާރުޕީ/ޕީއޭ ކޯލިޝަން އެގްރީމަންޓުގައި ބުނެފައި ވަނީ އޭގައި ސޮއިކުރާ ދުވަހުން ފެށިގެން 2008 ވަނަ ރިޔާސީ ދައުރުގެ ފަސް އަހަރާއި 2009 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަސް އަހަރުގެ ދައުރު ނިމެންދެން ނުވަތަ ދެ ފަރާތުން އެއްބަސްވެގެން މި އެއްބަސްވުން ބާތިލުކޮށް ނިމެންދެން އެއްބަސްވުން ދެމި އޮންނާނެ ކަމަށެވެ.
ޑީއާރުޕީގެ ކައުންސިލް މެމްބަރު އަދި ޒައީމް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ދުންޔާ މައުމޫން އިއްޔެ މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި ވެސް ވަނީ ޑީއާރުޕީގެ އާ ކޯލިޝަނާ ދޭތެރޭ ވާހަކަ ދައްކަވައިފަ އެވެ. އޭނާ ވިދާޅުވީ ފަހުން ނިމިގެން ދިޔަ އިލެކްޝަންސްތަކުން ޑރ. ހަސަން ސައީދުގެ ޕާޓީގެ ބުރަދަން ފެންނަން އެބައޮތް ކަމަށާއި އެ ޕާޓީއާ އެކު ޑީއާރުޕީ ކޯލިޝަން ހަދަން ޖެހޭނީ އެއީ އެންމެ ރަނގަޅު ގޮތްތޯ ބަލައިފައި ކަމަށެވެ. އަދި ވިދާޅުވީ ޑރ. ހަސަނަކީ މައުމޫން ސަރުކާރުގައި މައުމޫން ސިޔާސީ ދާއިރާ އަށް ވެއްދެވި ބޭފުޅެއް ކަމަށާއި އެހެން ނަމަވެސް ފަހުން ކަންތައްތައް ވެގެން ދިޔައީ ޑީއާރުޕީ މެމްބަރުން ބޭނުންވި ގޮތަށްތޯ އޭނާ ވަނީ ސުވާލު ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ