ޝަރުއީ ދާއިރާ މުސްތަގިއްލު ކުރުމަށްޓަކައި އުއްތަމަ ފަނޑިޔާރު ކޮންމެވެސް އެއް މަގާމެއް އިހުތިޔާރުކުރުމަކީ މުހިންމު ކަމެއް: އެޓާނީ ޖެނެރ

ރާއްޖޭގެ ޝަރުއީ ދާއިރާ މުސްތަގިއްލު ކުރުމަށްޓަކައި އުއްތަމަ ފަނޑިޔާރު އަލްއުސްތާޒް މުހައްމަދު ރަޝީދު އިބްރާހީމް، ސަރުކާރުގެ މަގާމު ނުވަތަ ޝަރުއީ ދާއިރާގެ މަގާމުގެ ތެރެއިން ކޮންމެވެސް އެއް މަގާމެއް އިހުތިޔާރު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އެޓާނީ ޖެނެރަލް ޑރ. ހަސަން ސައީދު ރޭ ވިދާޅުވެއްޖެ އެވެ.
އޯޕަން ސޮސައިޓީ އިން އިންތިޒާމް ކޮށްގެން ރޭ ބަނޑޮހުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޓާނީ ޖެނެރަލް ވިދާޅުވީ ޝަރުއީ ދާއިރާ މުސްތަގިއްލު ކުރުމަށްޓަކައި އުއްތަމަ ފަނޑިޔާރު ކޮންމެވެސް އެއް މަގާމެއް އިހުތިޔާރު ކުރުމަކީ މިހާރުން މިހާރަށް ވެސް ކުރެވިދާނެ ކަމެއް ކަމަށާއި ގާނޫނު އަސާސީ އިސްލާހުވަންދެން މަޑުކުރަން ނުޖެހޭ ކަމަށެވެ. އަދި ވިދާޅުވީ އުއްތަމަ ފަނޑިޔާރު، ސަރުކާރުގެ އެފަދަ އިސް މަގާމެއްގައި ހުރުމަކީ ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށެވެ.
އުއްތަމަ ފަނޑިޔާރުގެ އިތުރުން އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސަކީ ވެސް މުހައްމަދު ރަޝީދު އިބްރާހީމެވެ. އަދި އޭނަ އަކީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް ވެސް މެ އެވެ.
އެޓާނީ ޖެނެރަލް ވިދާޅުވީ ޝަރުއީ ދާއިރާގެ އިސް ބޭފުޅުން ކޮންމެވެސް އެއް މަގާމެއް އިހުތިޔާރު ކުރުމަކީ ޝަރުއީ ދާއިރާ މުސްތަގިއްލުވުމުގެ ވަރަށް މުހިންމު ސިފައެއެއް ކަމަށް އޭނާ ދެކެވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ޝަރުއީ ދާއިރާގައި އުޅޭ އިސްވެރިން ސަރުކާރުގައި ނޫޅުން ނުވަތަ ސަރުކާރުގެ އިސް މަގާމުތަކުގައި އުޅޭ އިސްވެރިން ޝަރުއީ ދާއިރާގައި ހަރަކާކަތްތެރިވެ ވަޑައިނުގެންނެވޭ ގޮތަށް މިހާރު ވެސް ހެދިދާނެ ކަމަށެވެ.
އޭގެ އިތުރުން އެޓާނީ ޖެނެރަލް ވިދާޅުވީ އެންޓި ކޮރަޕްޝަން ބޯޑަކީ ވެސް މިނިވަން މުސްތަގިއްލު އިދާރާއަކަށް ހެދުމަށްޓަކައި ގާނޫނު އަސާސީ އިސްލާހުވަންދެން މަޑުކުރަން ނުޖެހޭ ކަމަށާއި އެއީ ވެސް މިހާރުން މިހާރަށް ކުރެވިދާނެ ކަމެއް ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ރަށުގައި ރަށުގައި ވަޑައިގެން ނޫޅުއްވާތީ އެ މަނިކުފާނުގެ ކޮމެންޓެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.
މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިނގިރޭސިވިލާތުގެ ކޮންޒަވޭޓިވް ޕާޓީގެ ހިއުމަން ރައިޓްސް ކޮމިޝަންގެ ޗެއާމަން އަދި ވެސްޓް މިންސްޓަ ފައުންޑޭޝަންގެ ޑިޕިއުޓީ ޗެއާމަން ގެރީ ސްޓްރީޓާގެ ޝަރަފުގައި އޯޕަން ސޮސައިޓީން އިންތިޒާމްކުރި މި ބައްދަލުވުމުގައި ޑރ. ހަސަން ވިދާޅުވީ ރާއްޖެ އަށް ފުރިހަމަ ޑިމޮކްރެސީއެއް ގެނައުމަށްޓަކައި ކުރަމުންދާ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އެކަމަށްޓަކައި ގިނަ ގޮންޖެހުންތަކެއް ހުރި ކަމަށެވެ.
މި ބައްދަލުވުމުގައި ސްޓްރީޓާ އާއި އެޓާނީ ޖެނެރަލްގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ ޗެއާމަން އަހުމަދު މުޖުތަބާ އާއި ޑރ. މަހުމޫދު ޝައުގީ ވެސް ވާހަކަ ދެއްކެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ