ރިޔާސީ ބަޔާން: ދީނުގެ ކަންކަމުގައި ހައްދުފަހަނަޅައިދިއުމުގެ ގޮތްތަކަށް ފުރުސަތު ދީގެން ނުވާނެ: ރައީސް

ދީނުގެ ކަންކަމުގައި ހައްދުފަހަނަޅައި ދިއުމުގެ ގޮތްތަކަށް ފުރުސަތު ދީގެންނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބްދުލްގައްޔޫމް ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުއްވައިދެއްވުމުގެ ގޮތުން، ސަރުކާރުގެ ސިޔާސަތުތައް ހާމަކުރާ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އަމިއްލަ އެކިއެކި ފަރާތްތަކުން ކުރަމުންގެންދާ މަސައްކަތްތައް ވެސް ޝުކުރުވެރިކަމާއެކު ހަނދާންކުރައްވާ ކަމަށާއި އެހެން ނަމަވެސް މި މަސައްކަތްތަކަކީ އަޅުގަނޑުމެންގެ މެދުގައި އޮތް ދީނީ އެއްބައިވަންތަކަމާއި ހަމަޖެހުމަށް ބުރޫ އަރާފަދަ މަސައްކަތްތަކަކަށް ވެގެން ނުވާނެ އެވެ.
"އިސްލާމީ އުންމަތަކީ މެދުމިންކަމުގެ އުންމަތެއް ކަމުގައި ކީރިތި ޤުރުއާނުގައި އަންގަވާފައި ވާތީ އާއި ދީނުގެ ކަންތައްތައް މީސްތަކުންނަށް ފެސޭހަކޮށްދިނުމަށް ކީރިތި ރަސޫލާ އިރުޝާދު ދެއްވާފައިވާތީ، އަޅުގަނޑުމެންގެ ތެރޭގައި ތަޠައްރުފުގެ (ހައްދުފަހަނަޅާދިއުން) ގޮތްތަކަށް ފުރުސަތު ދީގެނެއް ނުވާނެ،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި ދީނީ އެއްބައިވަކަން ނަގާލަން މަސައްކަތްކުރުމުގެ ކުށުގެ ދައުވާ ދޭތެރެދޭތެރެއިން މީސްމީހުންގެ މައްޗަށް އުފުލިގެން ދެ އެވެ. މިހާރު ވެސް އެފަދަ ބައެއް ދައުވާތައް ޖިނާއީ ކޯޓުގައި ހިނގަމުން އެބަ ދެ އެވެ.
ރައީސްގެ ރިޔާސީ ބަޔާނުގައި، ދިވެހި ގައުމިއްޔަތާއި ދިވެހި މިނިވަންކަމުގެ އެންމެ ވަރުގަދަ ބިންގަލަކީ އިސްލާމް ދީން ކަމަށާއި ރާއްޖޭގެ ރައްޔިތުންގެ މެދުގައި ގާއިމްވެފައިވާ އެއްބަނޑުއެއްބަފާކަމާއި ސުލްހަމަސަލަސްކަން ދަމަހައްޓައިދީފައިވަނީ މާތްވެގެންވާ އިސްލާމްދީން ކަމުގައި ވިދާޅުވި އެވެ. އަދި ރާއްޖޭގެ ސިޔާސީ، އިޖުތިމާއީ ހަމަޖެހުން ބިނާވެގެންވާ މައިގަނޑު އަސާސަކީ ވެސް މާތްވެގެންވާ އިސްލާމްދީންކަން އެމަނިކުފާނު ބަޔާންކުރެއްވި އެވެ.
އެހެންކަމުން އިސްލާމްދީނުގެ މަތިވެރި ނިއުމަތް ރައްކާތެރިކޮށް ދެމެހެއްޓުމަކީ ދިވެހި ކޮންމެ ފަރުދެއްގެ ވެސް ވާޖިބު ކަމަށާއި މާތް ﷲގެ ދީނުގައި އަޅުގަނޑުމެން ހިފަހައްޓަންވީ އެންމެން އެކަތިގަނޑަކަށްވެގެން، އެއް ޖަމާއަތެއްގެ ގޮތުގައި ތިބެގެން ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އެ މަނިކުފާނުގެ ރިޔާސީ ބަޔާންކުރިއަށް ގެންދަވަމުން، ލަސްވަމުންދާ ޤުރުއާނުގެ ދިވެހި އާ ތަރުޖަމާގެ މަސައްކަތްތަކާ ބެހޭ ގޮތުން ވެސް ވާހަކަ ދެއްކެވި އެވެ.
ރައީސް ވިދާޅުވީ ކީރިތި ޤުރުއާނުގެ ދިވެހި އާ ތަރުޖަމާ މި އަހަރު ޗާޕުވެގެން ނުކުންނާނެ ކަމަށާއި ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް އޭގެ ކޮޕީއެއް ސަރުކާރުން ހަދިޔާކުރައްވަން ގަސްދުކުރައްވާ ކަމަށެވެ.
އެންމެ ފަހުގެ ބޯހިމެނުގެ ނަތީޖާ ދައްކާ ގޮތުގައި ރާއްޖޭގެ ގޭބިސީގެ ޖުމްލަ އަދަދަކީ 46،194 އެވެ.
ސަރުކާރުން ތައްޔާރު ކުރައްވާފައިވާ އާ ތަރުޖަމާގެ 150،000 ކޮޕީ ޗާޕްކުރުމުގެ މަސައްކަތުގެ ނޮވެލްޓީ ޕްރިންޓާސްއާ ހަވާލުކުރެއްވި ހުސްވި ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހު އެވެ. ނޮވެލްޓީން ބުނެފައިވާ ގޮތުގައި އެ މަސައްކަތް ނިންމައި އަންނަ މޭ މަހުގެ ނިޔަލަށް ހަވާލުކުރަންޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ