ހޮޓެލް ޕްލޭނާއި ތޯމަސް ކުކް އިން މި އަހަރުގެ ފަހުކޮޅު ޔޫރަޕުން ގަމަށް ދަތުރުތައް ފަށާގޮތަށް ހަމަޖައްސައިފި

ރާއްޖެ އަށް ޓޫރިސްޓުން ގެނައުމުގެ މުހިންމު ހިއްސާއެއް އަދާކުރާ ބޭރުގެ ދެ ޓުއަ އޮޕަރޭޓަރުން ކަމަށްވާ ހޮޓެލް ޕްލޭނާއި ތޯމަސް ކުކް އިން މި އަހަރުގެ ފަހުކޮޅު ޔޫރަޕުން ގަމަށް ޗާޓަރު ދަތުރުތައް ފެށުމަށް ހަމަޖައްސައި އެކަން މިއަދު އިއުލާނުކޮށްފި އެވެ.
މިކަން އިއުލާންކުރީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން މިއަދު ނަސަންދުރަ ޕެލަސް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ހޮޓެލް ޕްލޭނާއި ތޯމަސް ކުކް އިން ބުނި ގޮތުގައި އެމްޓީޑީސީން ތަރައްގީ ކުރާ އައްޑު އަތޮޅު ހެރެތެރެ ހަގީގަތަކަށް ހެދުމަށްޓަކައި ބޭނުންްވާ ހުރިހާ ކަމެއް އެ މީހުން ފޯރުކޮށްދޭނެ އެވެ.
ހޮޓެލް ޕްލާނުގެ މެނޭޖިން ޑިރެކްޓަރު އަނާ ސޫބެޗް ވިދާޅުވި ގޮތުގައި 300 ކޮޓަރީގެ ހެތެރެއާ އެކު އައްޑު އަތޮޅު ގަމު ވެގެންދާނީ ރާއްޖެ އަށް ޓޫރިސްޓުން އައުމަށް ހުޅުވޭ އިތުރު ދޮރާއްޓަކަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޕަނެރޯމާ އެއާލައިންގައި އެ މީހުން ޗާޓަރު ދަތުރުތައް ކުރަން ހަމަޖައްސާފައި ވަނީ އިޓަލީގެ މިލާނާއި ގަމާއި މާލެ ހިމެނޭ ގޮތަށެވެ.
"އަހަމެންގެ ޗާޓަރު ދަތުރުތައް ޑިސެމްބަރު މަހު ގަމަށް ފެށޭނެ. ދެކުނުގެ މީހުން އަހަރެން ކައިރީ އަހާ، މި ސަރަހައްދުގައި ކޮން ކަމެއްހޭ ތަފާތީ. ރަށްތައް ބޮޑެތިވެފައި ގޮނޑުދޮށާއި މޫދު ވެސް ތަފާތު. އަދި އާންމުން ދިރިއުޅޭ ގޮތް ބަލާލަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ލިބޭނެ،" އޭނާ ވިދާޅުވި އެވެ.
ތޯމަސް ކުކް ގެ ޑިރެކްޓަރު ކޮރޭ ކާވްޑިރް ވިދާޅުވި ގޮތުގައި ހެތެރެ ހުޅުވުމާ އެކު ނޮވެންބަރު މަހުގެ ތެރޭގައި ޖަރުމަނުގެ ފްރެންކްފާޓާ ގަމާ ދެމެދު އެހެން މަންޒިލެން ހިމެނޭ ގޮތަށް ކޮންޑޯ އެއާލައިންގައި އެ މީހުން ދަތުރަށް ފަށާނެ އެވެ.
"މެދުފަންތި އަކީ ރާއްޖޭގެ ޓޫރިޒަމްގެ މައި ބަދަ. ހެރެތެރެ މެދު ފަންތި އަށް އަމާޒުކޮށްފައި އޮތުމަކީ ވަރަށް ރަނގަޅުކަމެއް،" އޭނާ ވިދާޅުވި އެވެ.
އެ ދެ ޓުއަ އޮޕަރެޓަރުން ބުނި ގޮތުގައި މެދުފަންތީގެ ހޮޓާތައް އައްޑު އަތޮޅު ގަން ހިމެނޭ ޝަރަހައްދުގައި އިތުރު ކުރެވިއްޖެނަމަ ސީދާ ޔޫރަޕުން ގަމަށް ޗާޓަރު ފްލައިޓުތައް އޮޕަރޭޓް ކުރެވޭނެ އެވެ.
"ސަރުކާރުން ޝަންގްރިއްލާ އާ ގުޅިގެން އައްޑު އަތޮޅު ވިލިނގިލި ރިސޯޓަކަށް ހެދުމަށް ކުރާ މަސައްކަތުގެ ވާހަކަ ދައްކާކަށް ނެތިން. އެކަމަކު ހެރެތެރެ ހަގީގަތަކަށް ހަދާނަން،" މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީޑީސީގެ ބޯޑަށް ލަފާ ދެއްވާ، މުހައްމަދު އުމަރު މަނިކު ވިދާޅުވި އެވެ.
އެމްޓީޑީސީގެ ޗެއާމަން ޗަމްޕާ ހުސެއިން އަފީފު ވިދާޅުވި ގޮތުގައި ޓުއައޮޕަރޭޓަރުންގެ ޗާޓަރު ފްލައިޓުތައް އައްޑު އަތޮޅަށް ފެށުމަށްޓަކައި އެމީހުންގެ ޔަގީންކަން ހޯދުނީ ހަމަސް ދުވަސް ވަންދެން މަސައްކަތް ކޮށްގެންނެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ 40 އަކަށް ޓުއަ އޮޕަރޭޓަރުން ވެސް ހެރެތެރެއިން ކޮޓަރި ހޯދުމަށް މިހާރު ދަނީ އެދެމުންނެވެ.
"އަޅުގަނޑު ގަބޫލު ކުރަން ރާއްޖޭގެ ޓުއަ އޮޕަރޭޓަރުންނަށް ވެސް ގަމަށް ޗާޓަރު އޮޕަރޭޓް ކުރެވޭނެ. އެކަމަކު ފުރަތަމަ ބޭރުގެ ޓްއަ އޮޕަރޭޓަރުންނަށް ދިނީ އެކަމުގެ ޔަގީންކަން ބޮޑުކުރަން. އެކަން ހަމަނުޖެހި ފަހު ވަގުތާ ހަމައަށް ތިބެން ބޭނުން ނުވާތެތީ،" އޭނާ ވިދާޅުވި އެވެ.
އަފީފު ވިދާޅުވި ގޮތުގައި ހެރެތެރެ އިން މިހާރު ފެންނާނީ އެތަން ފަޅުތަނެއްގެ ގޮތުގައި އޮތްތަނެއްގެ ގޮތަކު ނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި އެމްޓީޑީސީގެ ފުރަތަމަ ރިސޯޓުގެ ގޮތުގައި އަންނަ ނޮވެމްބަރު މަހު ހެރެތެރެ ހުޅުވަން ހަމަޖައްސާފައިވާއިރު އެ ރަށުގެ މަސައްކަތުގެ ގާތްގަނޑަކަށް 50 ޕަސެންޓް މިހާރު ވަނީ ނިމިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ