ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އަށް ބަހުސް ކުރެއްވުމަށް ދެއްވި ފުރުސަތެއް، ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ހުއްޓުވުމުން، އޭނާ އުޅުއްވަނީ "ސައިޒް އޮޅިވަޑައިގެން" ކަމަށް ކާނަލް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަލީ ވަހިދާއި ކާނަލާ ދެމެދު ބަހުގެ ހަމަލާތައް ފެށުނީ، އދ. ގެ ސުލްހަ ބަލަހައްޓާ ފައުޖުތަކުގައި ދިވެހި ސިފައިން ބައިވެރިކުރުމާ ބެހޭ މައްސަލައިގައި ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސްކުރެއްވުމަށް ކާނަލަށް ދެއްވި ފުރުސަތު ކެންސަލް ކުރެއްވީ، އެގޮތަށް ފުރުސަތު ނުދެއްވޭނެ ކަމަށް އަލީ ވަހީދު ނެންގެވި ނިޒާމީ ނުކުތާގައި ފާހަގަކުރެއްވުމުންނެވެ.
ކާނަލަށް ވާހަކަ ދެއްކެވުމުގެ ފުރުސަތު ދެއްވީ އެމްޑީޕީގެ ފަސް މިނެޓް ހަމަނުވާ ކަމަށް އޭނާ ވިދާޅުވެ ނިޒާމީ ނުކުތާ ނެންގެވުމުންނެވެ. ނަމަވެސް ކާނަލްގެ ކުރިން އެމްޑީޕީގެ އެހެން މެމްބަރަކު ވާހަކަ ދައްކަވާފައިވެ އެވެ.
އޭރު މަޖިލީހުގެ ރިއާސަތު ބެލެހެއްޓެވީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހެވެ.
ކާނަލަށް ފުރުސަތު ދެއްވުމުން އަލީ ވަހީދު ނިޒާމީ ނުކުތާގައި ވިދާޅުވީ ކޮމިޓީގެ ރިޕޯޓަކާ މެދު ބަހުސްކުރެވޭނީ ކޮންމެ ޕާޓީއަކުން މެމްބަރަކަށް ކަމަށާއި އެހެންވުމުން ކާނަލަށް ފުރުސަތު ދެއްވުމަކީ ގަވާއިދާ ހިލާފު ކަމެއް ކަމަށެވެ. ނަމަވެސް "ވާހަކަ ދެއްކެވުމުގެ ފުރުސަތު ލިބެން ޖެހޭނެ" ކަމަށް ކާނަލް ތަކުރާރުކޮށް ވިދާޅުވަމުން ދިޔަ އެވެ.
ކާނަލަށް ރައްދު ދެއްވުމުގެ ގޮތުން އަލީ ވަހީދު ވިދާޅުވީ "ނޮޅިވަރަމު ދާއިރާގެ މެމްބަރު ކިތަންމެ ހިތްހަމަނުޖެހުނަސް ގަވާއިދާ ހިލާފަށް މަޖިލިސް ނުހިންގޭނެ" ކަމަށެވެ. އަދި "އެ ޖާގަ އެމްޑީޕީގެ ޕީޖީ [ޕާލިމެންޓްރީ ގްރޫޕް] ގެ ލީޑަރަށް ވެސް ނުދެއްވާނެ" ކަމަށް ވިދާޅުވި އެވެ.
އަލީ ވަހީދު އުޅުއްވަނީ އޭނާގެ ސައިޒް އޮޅިވަޑައިގެން: ކާނަލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ