ވައުދު ނުފުއްދާ ނަމަ ރައްޔިތުން ވޯޓެއް ނުދޭނެ: ނައިބު ރައީސް

ރިޔާސީ އިންތިހާބުގައި ރައްޔިތުންނަށްވި ވައުދުތައް ނުފުއްދޭ ނަމަ ރައްޔިތުން ވޯޓު ނުދޭނެ ކަމަށް ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ބަނޑޮސް އައިލެންޑް ރިސޯޓްގައި ކުރިޔަށްދާ ޔޫތު ލީޑާޝިޕް ޕްރޮގްރާމްގެ ބައިވެރިިންނާ މުހާތަބުކުރައްވައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރައްވައި ރައްޔިތުން ބޭނުންވާ ކަންތައްތަކަކީ ކޮބައިތޯ ބެއްލެވި ކަމަށާއި އަދި ރައްޔިތުން ހުށަހެޅި ކަންތައްތައް ކޮށްދިނުމަކީ ސަރުކާރުން ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން ރަށްރަށަށް ގޮސް ރައްޔިތުން ކައިރީ އެހިން ކޮން ކަމެއްތޯ ބޭނުން ވަނީ. އަޅުގަނޑުމެންނަކީ ރައްޔިތުންގެ ހާދިމުންނޭ. ރައްޔިތުން ބޭނުންވާ ކަންތައްތައްކޮށް ނުދޭ ނަމަ ރައްޔިތުން ދެން ވޯޓެއް ނުދޭނެ،" ނައިބު ރައީސް ވިދާޅުވި އެވެ.
ޑރ. ވަހީދު ވިދާޅުވީ ގައުމުގެ ވަރަށް ގިނަ ކަންތައްތަކެއް އިސްލާހުކުރަން ޖެހިފައިވާ ކަމަށާއި އެންމެ މުހިންމު އެއްކަމަކީ ޑިމޮކްރަސީ އިތުރަށް ހަރުދަނާކޮށް އިންސާނީ ހައްގުތައް ހިމާޔަތްކޮށް ވަރުގަދަކުރުން ކަމަށެވެ.
ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ސަރުކާރު އެންމެ އެކަށީގެންވާ ގޮތެއްގައި ނުހިނގާ ކަމަށާއި ސަރުކާރަށް ދިމާވެފައިވާ ގޮންޖެހުންތަކަކީ ކޮބައިތޯ ދެންނެވުމުން ނައިބު ރައީސް ވިދާޅުވީ ވަރަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.
"އެންމެ ބޮޑު ގޮންޖެހުމަކީ އަލަށް ލިބުނު މެޝިނަށް އޮބި ނޯންނަ ވަރަށް މަސައްކަތްކުރަން ޖެހުން. މެޝިނުގެ ލޯޑު ބޮޑުވުމުން ބައެއް ފަހަރު މަސައްކަތް ހުއްޓޭ ގޮތް ވެސް މެދުވެރިވާނެ. އަޅުގަނޑުމެން އެބަ ޖެހޭ ބައެއް ކަންތައްތަކުގައި ކެތްތެރިވާން،" ޑރ. ވަހީދު ވިދާޅުވި އެވެ.
ރަނގަޅު ލީޑަރެއްގެ ހުންނަން ޖެހޭ ސިފަތަކަކީ ކޮބައިތޯ ދެންނެވުމުން ޑރ. ވަހީދު ވިދާޅުވީ އެކަކު އަނެކަކަށް އިހުތިރާމްކުރުމާއި ރައްޔިތުން ބޭނުންވާ ކަންތައްތަކަކީ ކޮބައިތޯ ބަލައި ރައްޔިތުންގެ ހައްގުތަކަށް ރައްކާތެރިވުން ހިމެނޭ ކަމަށެވެ. އަދި ރައްޔިތުން ގޮވައިގެން އުޅެން އެނގުން ވެސް ހިމެނޭ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
ޑރ. ވަހީދު ވިދާޅުވީ ރަނގަޅު ލީޑަރެއްގެ ކިބައިގައި، އެކި ފަރާތްތަކުން ފާޅުކުރާ ޝުއޫރުތައް ބަލައިގަނެ ހަޖަމްކުރުމުގެ ސިފަ ވެސް ހުންނަން ޖެހޭނެ ކަމަށެވެ.
ގައުމަށް މި ވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ އެކަކު އަނެކަކަށް އިހުތިރާމްނުކުރުމާއި ގައުމުގެ އިޖުތިމާއީ ފޭރާން ހަލާކުވުން ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.
ޑރ. ވަހީދު ވިދާޅުވީ މި ގައުމުގައި އަބަދުވެސް އުޅެން އެންމެން ބޭނުންވާނެ ކަމަށާއި ގައުމުގެ ހުރިހާ އެއްޗެއް މިހާރު ބޭނުންކޮށް ހުސްކޮށްލައިގެން ނުވާނެ ކަމަށާއި އަންނަން އޮތް ޖީލަށް ވެސް އެތަކެއް ރައްދުކޮށްދިނުމަށް ރިޒާވްކުރަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ނައިބު ރައީސް ޕްރެޒެންޓޭޝަން ދެއްވިއިރު ބައިވެރިންކުރި ސުވާލުތަކަށް ޖަވާބުދެއްވުމުގެ އިތުރުން ދުނިޔޭގެ ލީޑަރުންކަންތައް ކުރައްވާ ގޮތާއި އެމަނިކުފާނުގެ ސިޔާސީ ހަޔާތް ފެށިގެން އައި ގޮތާއި އދ. ގައި އެމަނިކުފާނު ކުރެއްވި މަސައްކަތްތަކާ ބެހޭ މައުލޫމާތު ވެސް ދެއްވި އެވެ.
ނައިބު ރައީސް ވިދާޅުވީ އެމަނިކުފާނަށް އެންމެ އުނދަގޫ އަދި އެންމެ ރަނގަޅު ތަޖުރިބާއެއްކުރެވުނީ ޔުނިސެފްގެ ފަރާތުން އަފްޣާނިސްތާނަށް ވަޑައިގެން އުޅުއްވި ދުވަސްވަރު ކަމަށެވެ. އަފްޣާނިސްތާނުގައި މަސައްކަތްކުރެއްވީ ގޮވާ ޒާތުގެ އެއްޗެތިން ރައްކާތެރިވާނެ ޖެކެޓް ތުރުކުރައްވައިގެން އަބަދުވެސް ހައި ސެކިއުރިޓީ ގޮވައިގެން ކަމަށް ވިދާޅުވި އެވެ.
ޑރ. ވަހީދު ވިދާޅުވީ އެ މަނިކުފާނަކީ ވަރަށް ގިނަ ކަންތައްތައް އެންމެ ފުރަތަމަ ރާއްޖޭގައި ކުރެއްވި ބޭފުޅާ ކަމަށާއި އެގޮތުން ރާއްޖޭގައި އެންމެ ފުރަތަމަ ޒަމާނީ ކެމްޕޭނެއް ކުރައްވައިގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވީ ވެސް އެމަނިކުފާނު ކަމަށް ވިދާޅުވި އެވެ. އަދި ރާއްޖޭގައި އެންމެ ފުރަތަމަ ޕީއެޗްޑީ ވެސް ހާސިލްކުރެއްވީ އެމަނިކުފާނު ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ