ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހަންމަދު މިނިވަންކުރި ނަމަ، ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ވެރިކަން ބަދަލުނުވެ، އެ މަނިކުފާނަށް ސަލާމަތްވެ ވަޑައިގެންނެވޭނެ ކަމަށް، 23 ޑިސެމްބަރު އިއްތިހާދުން އިއްޔެ ބުނެފި އެވެ.
ސަރުކާރަށް ތާއީދުކުރާ އިއްތިހާދުގެ ފަރާތުން ބޭއްވި ނިއުސް ކޮންފަރެންސްގައި، މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ޕޮލިޓިކަލް ސެކްރެޓަރީ އަހުމަދު ޝަމީމް ވިދާޅުވީ، ނަޝީދުގެ ވެރިކަން ވެއްޓުނު ދުވަހު ވެސް އެ މަނިކުފާނަށް، ޗާޓަރުގެ ވެދެވަޑައިގެންނެވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށެވެ.
"އަޅުގަނޑުމެން އިއްތިހާދުވެގެން ނުކުތީ، ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޗާޓުން ބޭރުގައި އުޅުއްވާތީ، އެ މަނިކުފާނަށް ޗާޓަށް ވެދެވަޑައިގެންނެވުމަށް ފުރުސަތު ދިނުމާއި އެކަމަށް ގޮވާލަން. މި ހުރިހާ ކަމެއް ހިނގައިދިޔައިރު އެންމެ ފަހު މިނިޓާ ހަމައަށް ވެސް އެ މަނިކުފާނަށް ޗާޓަށް ވެދެވަޑައިގަތުމުގެ ފުރުސަތު އޮތް. އެ މަނިކުފާނު 7 ފެބްރުއަރީގައި ވެސް، ޗާޓުން އެތެރެވުމަށް ނިންމަވައި އަބްދުﷲ ގާޒީ ދޫކޮށްލަން ނިންމެވިނަމަ މިއަދު މި އައި ބަދަލު ނުވެސް އައީސް،" ޝަމީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ނަޝީދުގެ ވެރިކަން ވެއްޓުނީ، އެ މަނިކުފާނަށް ގާނޫނު އަސާސީ ދަމަހައްޓަން "ނުކުޅެދިގެން" އަދި ގައުމު ހިންގަން ވެސް "ނުކުޅެދިގެން"ނެވެ.
"އަޅުގަނޑުމެން ބަޔަކު މީހުންނާ އެއްބައިވެގެން، ފުލުހުންނާ ސިފައިންނާ ގުޅިގެން ގެނައި ބަޣާވާތެއް ނޫނޭ މިއީ. މިފަދަ ފުރުސަތެއް ނުވެސް ލިބޭ. ސިފައިންނާ ފުލުހުން ވެސް އަޅުގަނޑުމެންގެ ކަންތައްތައް ބައްލަވަމުން ދިޔައީ. ދިވެހި ރައްޔިތުންގެ ހިޔާލު ބަދަލުވަމުންދާ ގޮތާއި ދިވެހިރާއްޖޭގެ ރައްޔިތުން ސަރުކާރާ އެއްބާރުލުން ނުދޭނެ ކަމާއި ދިވެހި ރައްޔިތުންގެ ތާއީދު އެ ސަރުކާރަށް ގެއްލިއްޖެކަން، ދިވެހި ސިފައިންނާއި ފުލުހުންނަށް ވެސް ވަރަށް ރަނގަޅަށް ސާބިތުވޭ. އެހެން ނަމަވެސް އެ މަނިކުފާނަށް [ނަޝީދު] އެއަކުން ވެސް އެއްވެސް އިބުރަތެއް ހާސިލެއް ނުވި،" ޝަމީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ނަޝީދުގެ ވެރިކަން ވެއްޓުމަށް ފަހު، އެ މަނިކުފާނު ދިވެހި މުޖުތަމައުގެ އަގު ވެއްޓޭ ގޮތަށް، "ދަށުދަރަޖައިގެ" ވާހަކަތަކެއް ދައްކަވާ ކަމަށާއި އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ.
މި ނިއުސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން، އަދާލަތު ޕާޓީގެ ރައީސް ޝޭހު އިމްރާން އަބްދުﷲ ވިދާޅުވި ގޮތުގައި، ނަޝީދުގެ ވެރިކަން ވެއްޓި، ރައީސް މުހަންމަދު ވަހީދު ހަސަން މަނިކު ވެރިކަމާ ހަވާލުވެ ވަޑައިގަތީ ގާނޫނީ އިމުގެ ތެރޭގައި ކަމަށެވެ. އަދި ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުލަވާލެއްވުމަށް ރައީސް ވަހީދުގެ ސަރުކާރުން ކުރަމުން ގެންދާ ކަންތައްތަކަށް ނަޝީދުގެ އެމްޑީޕީން އެކަށީގެންވާ އެއްބާރުލުމެއް ލިބިވަޑައިނުގަންނަވާކަން ވެސް އިމްރާން ފާހަގަ ކުރެއްވި އެވެ.
"އެމްޑީޕީގައި އެބަތިބި، އެމްޑީޕީގެ ދުސްތޫރީ ހަމަތަކުގެ މަތިން ހޮވިފައި ތިއްބެވި ވެރިން. ]އެކަމަކު[ އެ ވެރިންނެއް ނޫން އެމްޑީޕީ ކޮންޓްރޯލް ކުރައްވަމުން ގެންދަވަނީ. އެމްޑީޕީގެ ގަރާރުތައް ނިންމަވަމުން ގެންދަވަނީ، އެމްޑީޕީގެ ނިންމުންތަކާއި މަސައްކަތްތައް ކުރިއަށް ގެންދަވަނީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމްޑީޕީގެ ދުސްތޫރުގެ ތެރެއިން ހޮވިފައި ތިއްބެވި ވެރިންނަށް އެ ބާރުތައް ލިބިފައިވާނަމަ މިއަދު އެއްބައިވަންތަކަމުގެ ސަރުކާރުގައި މިއަދު އެމްޑީޕީ ވެސް ބައިވެރިވި ދިވެހި ލޮބުވެތި ރައްޔިތުން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރާނެ،" އިމްރާން ވިދާޅުވި އެވެ.
އަބްދުﷲ ގާޒީ ދޫކޮށްލި ނަމަ ނަޝީދު ވެރިކަން ބަދަލެއް ނުވީސް: އިއްތިހާދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ