އުމަރު ހައްޔަރުކުރުމުގެ އަމުރުގެ ޝަރީއަތާ ބެހޭ އެއްވެސް މައުލޫމާތެއް ދެވޭކަށް ނެތް: ހައި ކޯޓް

ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރު ހައްޔަރުކުރުމަށް ސިވިލް ކޯޓުން އަމުރު ނެރެނުދިން މައްސަލަ އިސްތިއުނާފު ކުރުމުން ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގެ އެއްވެސް މައުލޫމާތެއް އަދި ދެވެން ނެތް ކަމަށް ހައި ކޯޓުން ބުނެފި އެވެ.
ހައި ކޯޓުގެ މީޑިއާ އޮފިޝަލް އަމީން ފައިސަލް ވިދާޅުވީ ގާނޫނު އަސާސީ 42 ވަނަ މާއްދާގެ ދަށުން މައްސަލަ ބައްލަވާ ފަނޑިޔާރުންނަށް ލިބިދޭ ބާރުގެ ދަށުން މައްސަލައިގެ ޝަރީއަތް ސިއްރުކުރީ ކަމުގަ އެވެ. އޭނާ ވިދާޅުވީ އަދި މިއަދު މި މައްސަލަ ނިމުނުކަމެއް ވެސް މައްސަލައިގެ ޝަރީއަތް އަދި ބާއްވަނީ ކަމެއް ވެސް ހާމަކުރެވެން ނެތް ކަމަށެވެ.
މީގެ ކުރިން ވެސް މި މައްސަލައިގެ ޝަރީއަތެއް ވަނީ ބާއްވާފަ އެވެ. އެ ޝަރީއަތަށް ނޫސްވެރިން ވައްދާ ޝަރީއަތުގެ މަޖިލިސް ފެށުމަށް ފަހު އޭގެ އިރުކޮޅެއް ފަހުން ވަނީ ޝަރީއަތް ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމާ ހުރިހާ ނޫސްވެރިންނާ އާންމުންނާ ނުލައި ޝަރީއަތް ކުރިއަށް ގެންގޮސްފަ އެވެ.
މި މައްސަލަ ހައި ކޯޓަށް ދިޔައީ އުމަރު ހައްޔަރުކުރުމުގެ އަމުރުގެ މައްސަލަ ފުލުހުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އަމުރު ނެރެނުދިނުމުން ދައުލަތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުންނެވެ.
އުމަރު ހައްޔަރުކުރުމުގެ އަމުރަކަށް ފުލުހުން އެދުނީ ކޮން މައްސަލައަކާ ގުޅިގެންކަމެއް ސީދާވަނީ ސާފުވާ ގޮތް ނުވެފަ އެވެ. އެހެން ނަމަވެސް މިހާރު ބާއްވަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މުޒާހަރާއެއްގައި މުޒާހަރާގެ ބައިވެރިންނާ މުހާތަބުކޮށް ދެއްކެވި ވާހަކައެއްގެ މައްސަލައެއްގައި އުމަރު ފުލުސް އޮފީހަށް ހާޒިރުކޮށްފައިވެ އެވެ. އެހެން ނަމަވެސް އެ ދުވަހު އުމަރު ވަނީ އުމަރު ކުރިން ހުށަހަޅާފައިވާ މައްސަލައިގެ '' ކޭސް ނަމްބަރު" ފުލުހުން ބުނެ ނުދިނުމުން ފުލުހުންނަށް ޖަވާބުދާރީ ނުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ