ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ރައީސް އަނބުރާ ފޮނުވާލުމުން ދެ ވަނަ ފަހަރަށް މެންބަރުންގެ އަގުލަބިއްޔަތުން އިސްލާހެއް ނުގެނެސް އެ ބިލެއް ފާސްކޮށްފި ނަމަ، އިންސާނީ ބާރު ނުފޯރާ ފަދަ ކަމެއް މެދުވެރިވެގެން ނޫނީ އެ ބިލެއް ތަސްދީގުނުކޮށް ލަސްކޮށްގެން ނުވާނެ ކަމަށް ސުޕްރީމް ކޯޓުން މިރޭ ހުކުމްކޮށްފި އެވެ.
މާލިއްޔަތު ގާނޫނުގެ ފުރަތަމަ އިސްލާހު ތަސްދީގުނުކޮށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ލަސްކުރައްވަމުން ގެންދަވާތީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އާއި ގަމު ދާއިރާގެ މެންބަރު ޔޫސުފް އަބްދުލްޣަފޫރާއި މާވަށު ދާއިރާގެ މެންބަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރެވެ.
މިރޭ 20: 1 ގައި ސުޕްރީމް ކޯޓުގައި ފެށި ޝަރީއަތުގައި ހަތް ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވި ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކޮށްފި ނަމަ އެކަމަށް އިއުތިރާޒްކޮށް އަލުން ވިސްނެވުމަށް ފޮނުވާލުމުގެ ހައްގު ގާނޫނު އަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވާ ކަމަށެވެ. އެކަމަކު ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން އެ ބިލެއް ދެ ވަނަ ފަހަރަށް، އިސްލާހެއް ގެނައުމަކާ ނުލައި، މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފި ނަމަ އެ ބިލެއް ލަސްނުކޮށް ތަސްދީގުކޮށް ގެޒެޓުގައި ޝާއިއު ކުރަންވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އަދި އެ ބިލެއް ތަސްދީގު ނުކުރައްވައި ރައީސުލްޖުމްހޫރިއްޔާ އަށް ލަސްކުރެއްވޭނީ އިހުތިޔާރުން ބޭރުން، އިންސާނީ ބާރު ނުފޯރާ ފަދަ ކަމެއް މެދުވެރިވެގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މާލިއްޔަތު ގާނޫނުގެ ފުރަތަމަ އިސްލާހު ރައްޔިތުންގެ މަޖިލީހުން އެންމެ ފުރަތަމަ ފާސްކުރީ ޖޫން ،28 2010 ގަ އެވެ. މުޅި މަޖިލީހުގެ އަގުލަބިއްޔަތާ އެކު އިސްލާހެއް ްނުގެނެސް އަނެއްކާ އެ ބިލު ފާސްކުރީ އޮގަސްޓް ،28 2010 ގަ އެވެ.
މަޖިލިހުން ބިލެއް ދެވަނަ ފަހަރަށް ފާސް ކޮށްފިނަމަ ތަސްދީގު ކުރުން ލަސްކޮށްގެން ނުވާނެ: ސުޕްރީމް ކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ