އުނގޫފާރުގައި ކަރަންޓް ނެތުމުން ޚިދުމަތް ނުލިބި ބަލިމީހުން އެނބުރި ރަށަށް

ރ. އުނގޫފާރު ހޮސްޕިޓަލަށް ފަރުވާ ހޯދަން އެހެން ރަށްރަށުން ދިޔަ ބައެއް ބަލިމީހުން އެރަށުން އިއްޔެ ގިނަ އިރުތަކަކަށް ކަރަންޓް ކެނޑުމުން ޚިދުމަތް ނުލިބި އެނބުރި ރަށަށް ހިނގައްޖެ އެވެ.
އުނގޫފާރުން ކަރަންޓްގެ ޚިދުމަތް އިއްޔެ ފަތިހުން ފެށިގެން ހަވީރު ހަތަރަކާ ހަމައަށް ކަނޑާލީ ރަށުގެ އިންޖީނުގޭގައި މިހާރު ހަމައެކަނި ބޭނުންކުރާ ޖަނަރޭޓަރު އޯވަހޯލް ކުރަށް ކަމަށް ރަށު އޮފީހުން ބުނެ އެވެ.
އުނގޫފާރު ހޮސްޕިޓަލުން ބުނިގޮތުގައި ފަރުވާ ހޯދަން އެކި ރަށްރަށުން ދިޔަ 100 އެއްހާ މީހުން އެނބުރި ދިޔައީ ކަރަންޓް ނެތުމުން އެކަށީގެންވާ ފަރުވާއެއް ނުލިބި އެވެ. ލެބޯރެޓަރީ އާއި އެހެނިހެން ހިދުމަތްތައް ވެސް އިއްޔެ މެދުކެނޑުނު ކަމަށް ހޮސްޕިޓަލުން ބުނެ އެވެ.
އުނގޫފާރު އޮފީސް ހިންގެވުމާ ހަވާލުވެ ހުންނެވި އެ އަތޮޅު ރަސްގެތީމު ކަތީބު ހުސައިން އިބްރާހިމް ވިދާޅުވީ ރަށު އިންޖީނުގޭގައި ފަސް ޖަނަރޭޓަރު ހުރި ނަމަވެސް މިހާރު ބޭނުންކުރެވެނީ އެންމެ ޖަނަރޭޓަރެއް ކަމަށެވެ. އެ އިންޖީނު އޯވަހޯލް ކުރަން ޖެހުމުން ގިނަ އިރުތަކަކަށް ކަރަންޓު ކަނޑާލަން ޖެހުނީ ކަމަށް ހުސައިން ވިދާޅުވި އެވެ.
ރ. އަތޮޅު ވެރިރަށް އުނގޫފާރުގައި އެންމެ ޖަނަރޭޓަރަކުން ކަރަންޓު ދެމުން އަންނަތާ މިހާރު މަހެއް ވަރު ވެދާނެ ކަމަށް އެ ރަށުން ބުނެ އެވެ. އަދި ކުރިން 24 ގަޑިއިރު ކަރަންޓް ދެމުން އައި ރަށުގައި މިހާރު ކޮންމެ ދުވަހަކު ދެ ގަޑި އިރު ކަރަންޓް ކަނޑާލާ ކަމަށް ވެސް އެރަށުގެ ބައެއް މީހުން ބުނެ އެވެ.
ހުސައިން ވިދާޅުވީ ކަރަންޓްގެ މައްސަލަ ޖެހުމަކީ، އާބާދީ ބޮޑު ރަށުގެ ހުރިހާ ގެއެއްގައި ވެސް ފެން ވައިރުކޮށްފައި ހުންނަ އިރު އާންމުންނަށް ފެން ބޭނުންކުރުމަށް ވެސް ވަރަށް ދަތިވާ ކަމެއް ކަމަށެވެ. އަދި ފިހާރަތަކުގައި ހުންނަ ގިނަ ސާމާނުތަކަށް ވެސް ކަރަންޓު ނެތުމުގެ ސަބަބުން ގެއްލުން ލިބޭ ކަމުގެ ޝަކުވާ އާންމުން ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ