ރާއްޖެ މިހާރު މިވަނީ އަނެއްކާ ވެސް ބަދަލަކަށް ބޭނުންވެފައި: މައުމޫން

ރާއްޖެ މިހާރު އަނެއްކާ ވެސް މި ވަނީ ބަދަލަކަށް ބޭނުންވެފައި ކަމަށާއި އެ ބަދަލު ގެނެސްގެން ނޫނީ މިހާރު ރާއްޖޭގެ ރައްޔިތުން ތަހައްމަލްކުރަމުންދާ ހިތްދަތި ކަންތައްތަކުން ސަލާމަތް ނުވެވޭނެ ކަމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޑީއާރްޕީގެ ޒައީމް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޑީއާރްޕީގެ ފަރާތުން މާލޭ ސިޓީ ކައުންސިލަށް ކުރިމަތިލައްވާ ބައެއް ކެންޑިޑޭޓުންނާ އެކު ވިލިމާފަންނުގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން މިހާރު އުފުލަމުންދާ ހިތްދަތި ކަންތަކުން ސަލާމަތްވެވޭނީ މި ވަގުތު އަނެއްކާ ވެސް ބަދަލެއް ގެނެސްގެން ކަމަށެވެ.
"ދަންނަވަން އޮތީ މި ވަގުތު އަޅުގަނޑުމެން މިވަނީ އަނެއްކާ ވެސް ބަދަލަކަށް ބޭނުންވެފައޭ. މިހާރު ކަންތައްތައް ހިގނަމުންދާ ގޮތަކީ ދިވެހި ރައްޔިތުންގެ ވަރަށް ގިނަ ބަޔަކު ހިތްހަމަޖެހޭ ގޮތެއް ނޫން. އަޅުގަނޑުމެންގެ އިގްތިސާދީ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައި. ގާނޫނު އަސާސީ އާއި ގާނޫނަށް ހުރުމަތްތެރިކޮށް ހިތުން މި އޮތީ މުޅިން ނެތިގެން ގޮސްފައި. މާރާމާރީ އާއި މި ބާވަތުގެ ނުރައްކާތެރި އަމަލުތައް މިވަނީ އިންތިހާ އަށް ފެތުރިފައި. އެތައް ހާސް ބައެއްގެ ވަޒީފާ މިވަނީ ގެއްލިފައި. އެ މީހުންނަށް ލިބޭ އާމްދަނީ ވަނީ ކުޑަކުރެވިފައި."
އޭގެ އިތުރުން މައުމޫން ވިދާޅުވީ ސަރުކާރުގެ މަގާމުތަކަށް މީހުން ލައްވަނީ ވެސް ވަކި ޕާޓިއަކަށް ނިސްބަތްވާ މީހުންނަށް މަތީ މަގާމު ލިބޭ ގޮތަށް ކަމަށާއި ސަރުކާރުގެ މުހިންމު މަޝްރޫއުތަކުގެ މަސައްކަތްތައް ލިބެނީ ވެސް ވަކި ޕާޓީއަކަށް ނިސްބަތްވާ މީހުންނަށް ކަމަށެވެ. އަދި މިއީ ރައްޔިތުން ދުވަހަކު ރުހޭނެ ގޮތެއް ވެސް ނޫން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"ހަމައެއާ އެކީގައި ދަންނަވަންޖެހެނީ އިސްލާމް ދީނާ ދޭތެރޭގައި ވެސް މިހާރު އަމަލުކުރެވެމުން ދަނީ ވަރަށް އިހާނެތި ގޮތަކަށޭ. އިސްލާމީ ތައުލީމް އުނގަންނައިދޭ ތަންތަނަށް އެ ކުރާ އުނދަގޫތަކާއި ދުއްތުރާތައް އަޅުގަނޑު ނުދެންނެވިޔަސް ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އިސްލާމީ ތައުލީމް ރާއްޖޭން ފުހެލުމަށް އެބަ މަސައްކަތްތަކެއް ކުރެވޭ. އެހެންވީމާ މި ކަންތައްތައް މިހިރީކީ ދިވެހި ރައްޔިތުން ގަބޫލުކުރައްވާ ކަންތައްތަކެއް ނޫން. މި ކަންތައްތައް ބަދަލުކުރަން ދިވެހި ރައްޔިތުން ބޭނުންވޭ،" މައުމޫން ވިދާޅުވި އެވެ.
ކީރިތި ގުރްއާނުން ދަލީލު ދައްކަވަމުން މައުމޫން ވިދާޅުވީ، ދިވެހިންގެ ހާލަތު ބަދަލުކުރުމުގެ ފުރިހަމަ އިޚްިތޔާރު އޮތީ ދިވެހިންގެ އަތްމަތީގައި ކަމަށެވެ.
"އެހެންވީމާ އަޅުގަނޑުމެންގެ ހާލަތު ބަދަލުކުރަން ބޭނުންވެއްޖެ ނަމަ، ބަދަލުކުރަންޖެހޭނީ އަޅުގަނޑުމެން. އެހެން ބަޔަކު އެކަން ކޮށްދޭކަށެއް ނާންނާނެ. މި ހަގީގަތް އަޅުގަނޑުމެން އެބަ ގަބޫލުކުރަން އެބަޖެހޭ. ... މި ބަދަލު އަޅުގަނޑުމެންނަށް ގެނެވޭނީ މިހާރު ކުރިމަތީގައި މި އޮތް [ލޯކަލް] އިންތިހާބު ކާމިޔާބުކޮށްގެންނޭ."
މައުމޫން ވިދާޅުވީ ސިޔާސީ ބައްދަލުވުންތަކުގައި އިސްލާމް ދީނުގެ ވާހަކަ ދެއްކުމުން ބައެއް މީހުން އެ ކަމާ ސުވާލު އުފައްދާ ކަމަށާއި އަދި މި ދުވަސްވަރު ރާއްޖޭގައި އިސްލާމް ދީނާ ބެހޭ ގޮތުން ނުރަނގަޅު ހިޔާލު ފެތުރެމުންދާ ވަގުތެއްގައި އެ ސުވާލު އުފެދުން އޮންނާނީ ވަރަށް ކައިރީގައި ކަމަށެވެ. އޭގެ ޖަވާބުގައި މައުމޫން ވިދާޅުވީ އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށާއި އިސްލާމް ދީނުގެ ނަޒަރުގައި ދީނާއި ދައުލަތަކީ ވަކިކުރެވޭނެ ދެ އެއްޗެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެންނަކީ މުސްލިމުން. މާތްވެެގެންވާ އިސްލާމް ދީނުގެ އަހުލުވެރިން. އިސްލާމް ދީނުގެ ނަޒަރުގައި ދީނާއި ދައުލަތަކީ ވަކިކުރެވޭނެ ދެ އެއްޗެއް ނޫން. އިސްލާމް ދީނުގެ ނަޒަރުގައި ދީނާއި ދައުލަތަކީ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ދެ ނިޒާމް. [އެ ދެ ނިޒާމް] ވަތްކެއް ނުކުރެވޭނެ." އެމަނިކުފާނު ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ އިސްލާމް ދީން ފެށިގެން އައި އިރު ކީރިތި ރަސޫލާ މަދީނާ އަށް ހިޖްރަކުރެއްވުމަށް ފަހު އިސްލާމީ ދައުލަތެއް ގާއިމުކުރެއްވި ކަމަށާއި އެ ދައުލަތުގެ އެންމެ މަތީ ވެރިޔާގެ މަގާމުގައި ހުންނެވީ ވެސް ކީރިތި ރަސޫލާ ކަމަށެވެ. އަދި އެ ކަލޭގެފާނު ސުވަރުގެ ވަޑައިގަތުމަށް ފަހުގައި ޚަލީފާ އިން ވެރިކަންކުރެއްވީ ވެސް ސިޔާސީ ދައުލަތެއްގެ ވެރިންގެ ހައިސިއްޔަތުން ކަމަށެވެ. އެހެންވީމާ އިސްލާމް ދީނުގައި ކަން ހިނގަމުން އައި އުސޫލަކީ ދީނާއި ވެރިކަން ގުޅުވައިގެން ވެރިކަން ކުރުން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"ދީނަކީ ވަކި އެއްޗެއް ކަމުގައި އަދި ދައުލަތަކީ ވަކި އެއްޗެއް ކަމުގައި ބުނާ ބުނުން އެއީކީ އިސްލާމީ ބުނުމެއް ނޫން. އެއީ ބޭރު ބައެއް ދީންތަކުގެ އަހުލުވެރިން ކިޔާ އެއްޗެއް. އެހެންވީމާ އެ މީހުން ގަބޫލުކުރާ ގޮތުގައި އެ މީހުންގެ ދީނާއި އެ މީހުންގެ ދައުލަތާ އެއީ ވަކި ދެއެތި ކަމުގައި ވިޔަސް، އަޅުގަނޑުމެން މުސްލިމުންގެ ނަޒަރުގައި އެއީ ވަކިކުރެވޭނެ ދެ އެއްޗެއް ނޫން،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ އަޅުގަނޑުމެން ގެންނަން ބޭނުންވާ ބަދަލު ގެނައުމުގެ އެންމެ ފުރަތަމަ މަރުހަލާ ކަޑައްތުކުރެވޭނީ ކުރިއަށް އޮތް ލޯކަލް އިންތިހާބު ޑީއާރްޕީން ކާމިޔާބުކޮށްގެން ކަމަށެވެ. އަދި އޭރުން އަޅުގަނޑުމެން ބޭނުންވާ އުސޫލުތައް ރާއްޖޭގައި ދެމެހެއްޓުމާއި ސިޔާސީ މާހައުލު އިސްލާހުކުރުމާއި އިގްތިސާދު ކުރިއަށް ގެންދިއުމާއި ތަރައްގީގެ އިސްމިންތަކަށް ވާސިލުވުމަކީ ދަތިކަމަކަށް ނުވާނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
ކުރިއަށް އޮތް ލޯކަލް އިންތިހާބުގެ ވޯޓުލުމުގެ ކަންތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިވަޑައިގަންނަވަމުން މައުމޫން ވިދާޅުވީ ނިމި ދިޔަ ރިއާސީ އިންތިހާބާއި އާންމު އިންތިހާބުގައި ވެސް ވަކި ފަރާތްތަކަކުން ވޯޓުގައި ވަރަށް ގޯސް އަމަލުތައް ހިންގާފައިވާ ކަމަށާއި މި ފަހަރު ވެސް އެކަން އެ ގޮތަށް ހިނގާނެ ކަން ޔަގީންވާތީ މި ފަހަރުގެ ވޯޓާ މެދު ވަރަށް ވިސްނުންތެރިކަމާ އެކު ބަލަންޖެހޭނެ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ މިދިޔަ ރިއާސީ އިންތިހާބުގެ ވޯޓުލާ މީހުންގެ ރަޖިސްޓްރީގަ އާއި ވޯޓު ގުނުމުގައި ވެސް ވަރަށް ބައިވަރު މައްސަލަ ދިމާވި ކަމަށެވެ. އެފަދަ ކަންތައް ހިނގާފައިވީ ނަމަވެސް އެ އިންތިހާބުގެ ނަތީޖާ އެ މަނިކުފާނު ގަބޫލުކުރެއްވީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އެދިވަޑައިގަންނަވާތީ އެކަނި ކަމަށެވެ.
"އެހެންވީމާ މި ފަހަރު މި ކުރިމަތިވާ އިންތިހާބުގައި މި ބާވަތުގެ ކަންތައްތައް ހިނގާނެ ކަން އެނގޭތީ، ތި ބޭފުޅުންނަށް އަޅުގަނޑު މި ދަންނަވާލީ. މީގެ ތެރެއިން އެންމެ މުހިންމު ކަމަކީ އިންތިހާބުގައި ކޮންމެ ކެންޑިޑޭޓެއްގެ ކަންތައް ބަލަހައްޓަވާ ބޭފުޅަކު [ވޯޓު ފޮށި ދޮށުގައި] އެ ތާނގައި ހުންނެވުން. އަބަދު ހުންނެވުން. ހިނގާ ނުހިނގާ ގޮތް ބެއްލެވުން. އަދި އެ ބޭފުޅަކަށް ތާއީދުކުރާ މީހުން [ވޯޓުލުމަށްޓަކައި] ގެނައުމުގައި އެހީވެރިވެދެއްވުން. އެއްވެސް މީހަކު ވޯޓު ނުލައި ނުހުރުން،" މައުމޫން ވިދާޅުވި އެވެ.
ޒައީމް ވިދާޅުވީ ޑީއާރްޕީއަކީ އަބަދު ވެސް އެއްބައިވަންތަ ޕާޓީއެއް ކަމަށާއި މިއަދު ވެސް އެކަން އޮތީ އެ ގޮތަށް ކަމަށެވެ. ޕާޓީގެ ބައެއް ކަންކަމުގައި ހިޔާލު ތަފާތުވިޔަސް ޕާޓީ ބައިބައިނުވާ ކަމަށާއި ރޫޅިގެން ވެސް ނުދާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
މިރޭގެ ބައްދަލުވުމުގައި ވިލިމާލޭގެ ރައްޔިތުންގެ ނަމުގައި މައުމޫނަށް ވަނީ، ވިލިމާލެ އާބާދުކޮށްދިން ކަމުގެ ހަނދާނުގައި މެޑެލެއް އަރުވައިފަ އެވެ.
ބައްދަލުވުމުގައި މައުމޫންގެ އަރިހުގައި ބައިވެރިވެވަޑައިގަތީ ޑީއާރްޕީގެ ނާއިބު ލީޑަރު އިލްހާމް އަހްމަދާއި މަޖިލީހުގެ ބައެއް މެމްބަރުންނާއި އެ މަނިކުފާނުގެ ތިމާގެ ބައެއް ބޭފުޅުންނެވެ. ވިލިމާލޭ މުހްޔިއްދީން ސްކޫލްގައި ބޭއްވި މި ބައްދަލުވުމަށް ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވި އެވެ.
ވިލިމާލެ އާބާދުކުރުމުގެ މަޝްރޫއުގެ ދަށުން އެ ރަށުން ގޯތި ދޫކުރަން ފެށީ 1993 ވަނަ އަހަރެވެ. މާލޭގެ އަވަށެއްގެ ގޮތުގައި ތަރައްގީކޮށްފައިވާ ވިލިމާލޭގައި ގެދޮރު އަޅައި މީހުން ވަޒަންވެރިވީ 1997 ވަނަ އަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ