ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތަށް މަޖިލިސް ކުރިއަށް ގެންދަން ނިންމުމުން ނިޒާމީ މައްސަލަތަކުގައި ޖަލްސާ ހުއްޓާލައިފި

59: 09 - ވަޒީރުންނަށް ރުހުން ދިނުމުގައި އަމަލުކުރާ، މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ވ) އާ މެދު ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމަންދެން އެ ކަމަށް އަސަރުކުރާ ފަދަ އެއްވެސް ކަމެއް މަޖިލީހުގައި ކުރިއަށް ނުގެންދިއުމަށް އެ ކޯޓުން އިއްޔެ ނެރުނު އަމުރާ ގުޅިގެން، މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިޒާމީ މައްސަލަތަކުގައި ތާށިވެ އެންމެ ފަހުން ހުއްޓާލައިފި އެވެ.
މިއަދުގެ ޖަލްސާ މިހާރު ކަންހުރި ގޮތުން ކުރިއަށް ގެންދެވެން ނެތް ކަމަށް ރައީސް އަބްދުﷲ ޝާހިދު އިއުލާންކުރައްވާ ޖަލްސާ ހުއްޓާލެއްވިކަން އިއުލާންކުރެއްވި އިރު ފުލުފުލުގައި ނިޒާމީ މައްސަލަ ނަންގަވަމުން ގެންދެވީ ޑީއާރުޕީގެ މެމްބަރުންނެވެ. އެ ބޭފުޅުން ވިދާޅުވީ ވަޒީރުންގެ ރުހުންދިނުމުގެ މައްސަލައާ މެދު މަޖިލިހުން ގޮތެއް ނިމެންދެން މަޖިލިހުގެ އެހެން އެއްވެސް ކަމެއް ކުރިއަށް ގެންދެވިގެން ނުވާނެ ކަމަށެވެ.
ރ. މަޑުއްވަރީ ދާއިރާގެ މެމްބަރު ވިސާމް އަލީ ވިދާޅުވީ މަޖިލިހުން ފާސްކުރާ ބައެއް ގާނޫނު ތަސްދީގުނުކުރައްވާ ކަމަށާއި ތަސްދީގުކުރައްވާ ގާނޫނަކަށް އަމަލް ނުކުރައްވާ ކަމަށާއި އަދި ވަޒީރުން ވެސް މަޖިލިހަށް ހާޒިރުނުވާތީ މަޖިލިސް ކޮންމެހެން ކުރިއަށް ގެންދަން ބޭނުން ނެތް ކަމަށެވެ.
ބައެއް އެހެން މެމްބަރުން ވިދާޅުވީ ވަޒީރުންނަށް ރުހުން ދޭން މި އުޅެނީ މަޖިލިހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ވ) ގެ ދަށުން ނޫން ކަމަށެވެ. އެ މެމްބަރުން އެގޮތަށް އިޝާރާތްކުރެއްވީ އެޓާނީ ޖެނެރަލުން ސުޕްރީމް ކޯޓަށް މައްސަލަ ލާފައިވަނީ އެ މާއްދާ އުވާލަން ކަމަށް ވެފައި އަދި މަޖިލިހުގެ މައްޗަށް އިއްޔެ ސުޕްރީމް ކޯޓުން ކުރި އަމުރު ބިނާވެފައި ވަނީ ވެސް އެ މައްސަލަ އަށް ކަމަށް ވާތީ އެވެ.
އެ މެމްބަރުން ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުމުގެ ކަންތައް މަޖިލިހުގައި ކުރިއަށް ގެންދަން ޖެހޭނެ ކަމަށެވެ.
މާދަމާ މަޖިލިހުގެ ޖަލްސާއެއް އޮންނާނެ ކަމަށް ރިޔާސަތުން ޝާހިދު ވަނީ އިއުލާންކުރައްވައިފަ އެވެ.
55: 09 - ކޯރަމް ހަމަނުވެގެން މަޖިލިސް މެދުކަނޑާލުމަށް ފަހު 45: 9 ގައި އަލުން ފެށުމާ އެކު މެމްބަރުންގެ ނިޒާމީ މައްސަލަތަކުގައި މަޖިލީހުގެ މަސައްކަތްތަކަށް ބުރޫ އަރައިފި އެވެ. މަޖިލިސް އަލުން ފަށައި އެޖެންޑާގައިވާ ގޮތުގެ މަތިން ގެވެށި އަނިޔާ ހުއްޓުވުމާ ބެހޭ ބިލްގެ ބަހުސް ފެށުމަށް ރިއާސަތުން ނިންމުމާ އެކު އިދިކޮޅު ޑީއާރްޕީ މެންބަރުން ނިޒާމީ މައްސަލަތައް ނަންގަވައި ވިދާޅުވަމުން ގެންދެވީ ކެބިނެޓަށް ރުހުން ދިނުމުގެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލިސް ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށެވެ.
ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމަންދެން، ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އަށް އަސަރުކުރާނެ އެއްވެސް ކަމެއް ނުކުރުމަށް ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ކުރި އަމުރާ އެއްގޮތަށް އަމަލުކުރެއްވުމަށް ގާނޫނީ ލަފާ ލިބިވަޑައިގެންފައިވާ ކަމަށާއި އެ ގޮތަށް އަމަލުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ 00: 9 ގައި ފެއްޓެވުމަށް ފަހު ސުޕްރީމް ކޯޓުގެ އަމުރު އަމީން އާންމު އަހުމަދު މުހައްމަދު މަޖިލީހަށް އިއްވެވުމާއެކު ރިއާސަތުން ޝާހިދު ވިދާޅުވީ ގާނޫނީ ލަފާ ދެއްވާފައިވާ ގޮތަށް މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.
އެހެން ނަމަވެސް އެ ގޮތަށް ރިއާސަތުން އިއްވެވުމާއެކު މަޖިލީހުގެ ކޯރަމް ވަނީ ގެއްލިގެން 20: 9 ހާއިރު ޖަލްސާ ހުއްޓާލައިފަ އެވެ. ކޯރަމް ހަމަވޭތޯ ފަސް މިނިޓަށް ބެއްލެވުމަށް ރިޔާސަތުން އިއުލާންކުރެއްވީ ދެން އަލުން ޖަލްސާ ފައްޓަވާނީ 45: 9 ގައި ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށް ރުހުން ދިނުމުގައި މިހާރު އަމަލްކުރަމުން އަންނަ އެ މަޖިލީހުގެ ގަވާއިދު 171 ވަނަ މާއްދާގެ )ވ( އާ މެދު ސުޕްރީމް ކޯޓުން ވަކިގޮތެއް ނިމެންދެން ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ގޮތުން އެއްވެސް ކަމެއް ނުކުރުމުގެ ވަގުތީ އަމުރަކަށް ދައުލަތުގެ ފަރާތުން ހުށަހެޅުމުން އެ ކޯޓުން ރޭ ހަތެއް ޖަހާކަންހާއިރު ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ އެ މައްސަލައާ މެދު ވަކި ގޮތެއް ކަނޑައަޅަންދެން އެއްވެސް ސިފައެއްގައި އެ މައްސަލަ އަށް އަސަރު ފޯރާނެ އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން، ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އަންގާ ކަމަށެވެ. އަދި އެ އަމުރު ރައްދުވާ ފަރާތެއް ކަމަށް ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ