ޔާމީން މަޖިލީހަށް ނުގެންނާތީ ޕާޓީތަކުގެ މަޝްވަރާގެ މަތިން ޖަލްސާތައް ވަކި މުއްދަތެއް ނެތި މެދު ކަނޑާލައިފި

ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އަދި ޕީއޭގެ ރައީސް އަބްދުﷲ ޔާމީނަށް ހިމާޔަތް ދޭން ކަމަށް ބުނެ އޭނާ އެމްއެންޑީއެފުގެ ބެލުމުގެ ދަށުން އާރަށުގައި ބަންދުކޮށްފައި ބަހައްޓައިގެން މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުކޮށްނުދޭތީ އެމްޑީޕީ ފިޔަވައި އެހެނިހެން ސިޔާސީ ޕާޓީތަކުގެ މަޝްވަރާގެ މަތިން މަޖިލީހުގެ ޖަލްސާތައް ވަކި މުއްދަތެއް ނެތި މިއަދު މެދު ކަނޑާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ ޖަލްސާތައް ކުރިއަށް ގެންދިއުމާ ބެހޭ ގޮތުން މަޖިލީހުގައި ތިއްބަވާ ސިޔާސީ ޕާޓީތަކުގެ އިސް ވެރިންނާއެކު އިއްޔެ ބައްދަލުވުމެއް ބޭއްވި ކަމަށެވެ. އެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ޕާޓީތަކުން ވެސް ލަފާ އަރުވާފައިވަނީ، މަޖިލީހުގެ ރައީސް ވިދާޅުވި ގޮތުގައި މަޖިލީހުގެ ގަވާއިދާ އެއްގޮތަށް މިއަދުގެ ޖަލްސާ ވެސް ކުރިއަށް ގެންދެވޭތޯ ބެލުމަށެވެ.
އަދި ޝާހިދު ވިދާޅުވީ ޔާމީން ނުވަތަ އެހެން މެމްބަރަކު ވެސް މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވެވަޑައިނުގެންނެވޭ ގޮތަށް ދިފާއީ ބާރުން ބަހައްޓަވާފައިވާ ކަމަށްވާ ނަމަ ޖަލްސާ ކުރިއަށް ނުގެންދިއުމަށް ވެސް ޕާޓީތަކުގެ ލީޑަރުން ލަފާ އަރުވާފައިވާ ކަމަށެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި އެމްޑީޕީން ބައިވެރިނުވީ އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު ރީކޯ މޫސާ މަނިކު އެ ވަގުތު އެހެން ބައްދަލުވުމަކަށް ވަޑައިގެންނަވަން ޖެހުމުން ކަމަށެވެ.
ޝާހިދު ވިދާޅުވީ މިއަދުގެ ޖަލްސާ އަށް ޔާމީން ހާޒިރުކޮށްދެއްވުމަށް އެދިވަޑައިގެން ޑިފެންސް މިނިސްޓަރު އަމީން ފައިސަލަށް އިއްޔެ ސިޓީއެއް ފޮނުއްވި ކަމަށެވެ. އަދި ޝާހިދު ވިދާޅުވީ ޖަވާބުގައި ޑިފެންސް މިނިސްޓްރީން ފޮނުއްވި ސިޓީގައި، ޔާމީން އެމްއެންޑީއެފުގެ ބެލުމުގެ ދަށަށް ގެންދިޔަ ހާލަތު އަދި ވެސް ބަދަލު ނުވާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށެވެ. އެހެންވެ މިއަދުގެ ޖަލްސާ އަށް ވެސް ޔާމީން ހާޒިރުކޮށް ދެވެން ނެތް ކަމަށް އަމީން ފައިސަލް ވިދާޅުވެފައިވާ ކަމަށް މަޖިލީހުގެ ރައީސް އިއުލާންކުރެއްވި އެވެ.
"އަޅުގަނޑު އިއްޔެ ޕާޓީތަކުގެ މެމްބަރުންނާ ބައްދަލުކޮށް ވާހަކަ ދެއްކުމުން، ޕާޓީތަކުގެ ލީޑަރުން އަޅުގަނޑަށް ލަފާ ދެއްވާފައިވަނީ މި ސަބަބުތައް މި ގޮތަށް ހުރެ މުލަކު ދާއިރާގެ އިއްޒަތްތެރި މެމްބަރު އަދި އެ ނޫން ވެސް މެމްބަރަކު މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވެވަޑައިނުގެންނެވޭ ގޮތަށް، ދިފާއީ ބާރުން ބަހައްޓަވާފައިވާ ކަމަށްވާ ނަމަ މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދިއުމަށް،" މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން ޝާހިދު ވިދާޅުވީ ދެން މަޖިލީހުގެ ޖަލްސާއެއް ބާއްވާނެ ދުވަހެއް ފަހުން އިއުލާންކުރައްވާނެ ކަމަށެވެ.
ޔާމީން އެމްއެންޑީއެފުގެ ބެލުމުގެ ދަށަށް ގެންދިޔަތާ މިއަދަށް ހަތް ދުވަސްވީއިރު، އޭނާ މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުކޮށްނުދިނުމުން މަޖިލިސް ވެސް ވަނީ މިހާރު "މަރުތަޅު" އެޅިފަ އެވެ. އެ ގޮތުން މި ހަފުތާގައި އެއްވެސް ޖަލްސާއެއް ބޭއްވިފައެއްނުވެ އެވެ.
ޔާމީން މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުކޮށް ދެއްވުމަށް މަޖިލީހުން ތަކުރާރުކޮށް ޑިފެންސް މިނިސްޓްރީ އަދި އެމްއެންޑީއެފުގައި އެދުނު ނަމަވެސް މިހާތަނަށް އެކަން ކޮށްދީފައެއް ނެތެވެ.
18: 9 - ސިފައިންގެ ބެލުމުގެ ދަށުގައި ހުންނެވި މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން މަޖިލަށް ހާޒިރު ކޮށްދީފައި ނުވާތީ ރިއާސަތުން މިއަދުގެ ޖަލްސާ ވެސް ކެންސަލް ކޮށްފި އެވެ.
(ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ