އިބުރާގެ ރިޔާސީ ކެމްޕޭނުގެ ދަތުރުތައް ފަށައިފި

ކުރިއަށް އޮރް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ ސޯޝަލް ލިބެރަލް ޕާޓީގެ ވަގުތީ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާލޭ މެމްބަރު އިބްރާހިމް އިސްމާއީލް (އިބުރާ) ގެ ކެމްޕޭނުގެ ދަތުރު ރޭ ރަސްމީކޮށް ފަށައިފި އެވެ.
އިބުރާގެ ކެމްޕޭނުގެ ދަތުރުތައް ފުރަތަމަ އުތުރުގެ އަތޮޅުތަކަށް ފެއްޓެވުމުގެ ކުރިން، މާލޭ ޓީ. ޖެޓީ ސަރަހައްދުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ އެ ދަތުރުގައި އުތުރުން ބ. އަތޮޅުގެ ބައެއް ރަށްރަށް ފިޔަވައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަމަށެވެ.
"ބ. އަތޮޅުން ދަތުރު ފަށާނީ. ދަތުރު ފަށައިގެން ހއ. ގެ އެންމެ އުތުރާ ހަމައިން އަނބުރާލާފައި ދެން ހުރި ރަށްރަށަށް ޒިޔާރަތް ކުރަމުން އަޅުގަނޑުމެން އަންނާނީ. އަޅުގަނޑުމެންގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގައި މި ހިނގާ ކަންތައްތަކުގެ މައުލޫމާތު ދިނުމާއި އޭގެ އިތުރަށް ރާއްޖޭގެ މުސްތަގުބަލަށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އަޅުގަނޑު ކުރިމަތިލައިގެން ގެނެސްދޭން އަޅުގަނޑު އުއްމީދުކުރާ ކަންތައްތަކާއި ގޮތްތައް ރައްޔިތުންނަށް ހުށަހަޅައިގެން އެކަންކަމަށް ތާއީދު ހޯދުން،" އިބުރާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އުތުރުގެ އަތޮޅުތަކުގެ އިތުރުން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވެސް ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ކުރިން ޒިޔާރަތްކޮށް އިބުރާގެ އަޑު އިއްވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިބުރާ ދަތުރު ފައްޓަވާއިރު އޭނާ އަކީ ގައުމީ އިއްތިހާދުގެ މެމްބަރަކަށް ވެފައި، އިއްތިހާދުން އެއް ކެންޑިޑޭޓް ނެރުމުގެ މަސައްކަތާ މެދު ދެކެވަޑައިގަންނަވަނީ ކޮން ގޮތަކަށްތޯ ދެންނެވުމުން، ސޯޝަލް ލިބެރަލް ޕާޓީ އާއި އައިޑީޕީން ބޭނުންވަނީ ރައީސް މައުމޫނާ ގިނަ ކެންޑިޑޭޓުންތަކެއް ވާދަކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައްޔިތުންގެ ވޯޓަކުން އިއްތިހާދުގެ ކެންޑިޑޭޓަކު ނެރޭ ނަމަ އިއްތިހާދަށް ތާއީދު އޮންނާނެ ކަމަށެވެ. އަދި އިބުރާ ވިދާޅުވީ ރައްޔިތުންގެ ބަހެއް ނެތި، އިއްތިހާދުގެ މޭޒުގައި ތިއްބަވާ 10 ވަރަކަށް ބޭފުޅުން ބޭނުންވާ މީހަކު އިއްތިހާދުގެ ކެންޑިޑޭޓަކު ކަމަށް ކަނޑައެޅުމަށް ތާއީދުކުރަން ދަތި ކަމަށެވެ.
އިބުރާ ވިދާޅުވީ އޭނާގެ ސޯޝަލް ލިބެރަލް ޕާޓީގެ ރަޖިސްޓްރީ ދޫކުރުމަށް ކޯޓުން އިއްޔެ ހުކުމް ކުރެއްވުމާ ގުޅިގެން، އެ ޕާޓީގެ އެތެރޭގެ އިންތިހާބު ބޭއްވުމުގައި އަމަލުކުރާނެ ގޮތްތަކެއް ޕާޓީގެ ކައުންސިލުން މިއަދުން ފެށިގެން ނިންމަމުންދާނެ ކަމަށެވެ.
އިބުރާގެ ސޯޝަލް ލިބެރަލް ޕާޓީ އަކީ ރަޖިސްޓްރީ ކުރެވިފައިވާ ޕާޓީއެއް ކަމަށް އެ ޕާޓީގެ ރަޖިސްޓްރީ ދޫކުރުމަށް މަދަނީ ކޯޓުން އިއްޔެ ވަނީ އިލެކްޝަންސް ކޮމިޝަނަރަށް އަންގައިފަ އެވެ. އެހެން ނަމަވެސް އިލެކްޝަންސް އިން މިއަދު ބުނީ ރަޖިސްޓްރީ ދޫކުރައްވާނީ ބަންޑާރަ ނާއިބުގެ އޮފީހުން އަންގާ އެންގުމެއްގެ މައްޗަށް ބަލާފައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ