ސުޕްރީމް ކޯޓުން ނިންމައިފައިވާ ގޮތަށް ކުޑަ ވިލިނގިލި ޔޮޓް ޓުވާސް އަށް ދިނުމުގެ އެގްރިމަންޓުގައި ސަރުކާރުން ސޮއިކޮށްފި

14:30ސުޕްރީމް ކޯޓުން ނިންމައިފައިވާ ގޮތަށް ސަރުކާރަށް ފަސް ޕަސެންޓް ހިއްސާ އޮންނަ ގޮތަށް، މާލެ އަތޮޅު ކުޑަ ވިލިނގިލި ޔޮޓް ޓުވާސް އަށް ދިނުމުގެ އެގްރިމަންޓުގައި ސަރުކާރުން ސޮއިކޮށްފި އެވެ.ކ. ތުލުސްދޫ ކައިރީގައި އޮންނަ ކުޑަވިލިނގި ޔޮޓް ޓުވާސްއާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން ޖޮއިންޓް ވެންޗަރ އެގްރީމަންޓުގައި ރޭ ސޮއިކުރެއްވީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު އައްސަދެވެ. އަދި ކުޑަވިލިނގިލީގެ ލީސް އެގްރީމަންޓުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރ ޑރ. އަހުމަދު އަލީ ސަވާދެވެ. މި ދެ އެގްރީމަންޓުގައި ވެސް ޔޮޓް ޓުވާސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން އަބްދުﷲ ޖާބިރެވެ.ޖާބިރު މިއަދު ވިދާޅުވީ ކުޑަވިލިނގިލީގެ މައްސަލައަކީ ޝަރުއީ ހުރިހާ މަރުހަލާއެއް ނިންމުމަށްފަހު ޔޮޓް ޓުވާސްއަށް އެ ކުންފުނީގެ ހައްޤު ލިބިގެން ގޮސްފައިވާ މައްސަލައެއް ކަމަށާއި ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް ސަރުކާރުގެ ފަސް ޕަސެންޓް ހިއްސާ އޮންނަ ޖޮއިންޓް ވެންޗަރ ކުންފުންޏެއްގެ ދަށުން ކުޑަވިލިނގިލި ތަރައްޤީކޮށް ހިންގުމަށް މިއަދު އެ ރަށް އެކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށްވެސް ޖާބިރު ވިދާޅުވި އެވެ. ޖާބިރު އަދި ވިދާޅުވީ ކުޑަވިލިނގިލި ތަރައްޤީކުރުމަށް ހަމަޖައްސާފައި ވަނީ ކުޑަވިލިނގިލި ޑިވެލޮޕްމަންޓްގެ ނަމުގައި އުފައްދާ ކުންފުންޏެއްގެ ދަށުން ކަމަށާއި އެ ރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރުމުގެ ގޮތުން އެރަށު ބިން ހިއްކުމާއި ލޭންޑްސްކޭޕިންގެ މަސައްކަތްތައް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށާއި އެމްޑީޕީ އިއްތިހާދުގެ ސަރުކާރަށް ފާޑުވިދާޅުވުމަށްފަހު ދާދި ފަހުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި މަޝްހޫރު ވިޔަފާރިވެރިޔާ ޖާބިރު އަދި ވިދާޅުވީ ވަރަށް ދިގު މުއްދަތަކަށްފަހު ނަމަވެސް ކުޑަވިލިނގިލީގެ މައްސަލާގައި އިންސާފު ޤާއިމްކުރެވިގެންދިޔަކަމީ ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާގައި ހަރުދަނާކަން ދައްކުވައިދިން ކަމެއް ކަމަށް ޤާބޫލްކުރައްވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގައި އިންވެސްޓް ކުރާ ފަރާތްތަކަށް ވެސް ރާއްޖޭގައި އިންވެސްޓްކުރުމުގައި އިތުބާރު ބޮޑުވެގެންދާނެ ކަމަށް ޤަބޫލްކުރައްވާ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.ގިނަވެގެން 45 ދުވަހުގެ ތެރޭގައި ޔޮޓް ޓުވާސް އަށް ކުޑަވިލިގިލި ދިނުމަށް މިދިޔަ އަހަރު ޖުލައި މަހު ހައިކޯޓުން ކޮށްފައިވާ ހުކުމާ މެދު ހިތްހަމަނުޖެހިގެން، ދައުލަތުން ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމުން، މިދިޔަ ފެބްރުއަރީގައި ސުޕްރީމްކޯޓުން ވެސް މައްސަލަ ނިންމައިފައި ވަނީ ހައިކޯޓުގެ ހުކުމަށް ތާއީދުކޮށެވެ. ނަމަވެސް ސަރުކާރުން ރަށް ހަވާލުނުކުރުމުން، ޔޮޓް ޓުވާސް އިން ވަނީ މަދަނީ ކޯޓަށް މައްސަލަ ހުށަޅައިފަ އެވެ. ޖާބިރާއި، އޭނާގެ އަނބިކަނަބަލުން އަދި ރައީސް ނަޝީދު ސަރުކާރުގެ ބަންޑާރަ ނައިބު ކަމުގައި ހުންނަވަނިކޮށް މަގާމުން ވަކިކުރެއްވި ދިޔާނާ ސައީދު އެމްޑީޕީ އަށް ސޮއި ކުރައްވައި، އަދި ސާކުގެ އެންމެ ފުރަތަމަ އަންހެން ސެކްރެޓަރީ ޖެނެރަލް ކަމަށް ދިޔާނާ ހަމަޖެއްސެވީ މި މަރުހަލާގެ ތެރޭގަ އެވެ.ޖާބިރު ވިދާޅުވީ ކުޑަވިލިނގިއްޔަކީ ކުރިން ވެސް ޔޮޓްޓުވާސްއަށް ލިބިފައިވާ ރަށެއް ކަމަށާއި އެމައްސަލަ ޔޮޓް ޓުވާސްއަށް ކާމިޔާބުކުރެވުނީ އެމްޑީޕީއާ ގުޅިވަޑައިގަތުމުން ނޫން ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކަކީ ވިޔަފާރިކުރަން ވަންނަ ފިހާރައެއް ކަމަށް ބައެއް ފަރާތްތަކުން ދެކޭ ދެކުން އެއީ އޭނާ ޤަބޫލްކުރައްވާ ގޮތް ނޫން ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ. އަދި ކޮންމެ ޕާޓީއެއް އޮތަސް ސުޕްރީމް ކޯޓުގެ ހުކުމަށް ތަބާވާންޖެހޭނެ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ