ރިޝީފަށް ބަދަލުގެ ގޮތުގައި 800،000ރ ދޭން ހުކުމްކޮށްފި

ފުލުހުންގެ ކާރެއްގެ ތެރޭގައި އަންހެން ކުއްޖަކު ރޭޕްކުރިކަމުގެ ތުހުމަތުގައި ފުލުހުންގެ ވަޒީފާއިން ވަކިކުރި ކުރީގެ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ރިޝީފް ތޯހާ އަށް 800،00 އަށް ވުރެ ގިނަ ރުފިޔާ ދޭން ސިވިލް ކޯޓުން ދައުލަތުގެ މައްޗަށް ހުކުމްކޮށްފި އެވެ. އޮގަސްޓް، 2010 ގައި ހިނގި އެ ހާދިސާއާ ގުޅިގެން ރިޝީފް ވަޒީފާއިން ވަކިކުރިޔަސް އޭނާގެ މައްޗަށް ކުށް ސާބިތެއް ނުވެ އެވެ. އަދި ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ވަނީ ރިޝީފް ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް ދޭން މިދިޔަ އަހަރު އަމުރުކޮށްފަ އެވެ. އަދި ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ ލިބުމާ ހަމައަށް ލިބެން ޖެހޭ ހުރިހާ މުސާރަ އާއި އިނާޔަތްތައް ދޭން ވެސް ކޯޓުން އޭރު އަންގާފައިވެ އެވެ. މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ރިޝީފަށް ދޭން ކަނޑައެޅި 871،000 އަށް ވުރެ ގިނަ ރުފިޔާއަކީ ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ ލިބުމާ ހަމައަށް އެހާތަނަށް އޭނާ އަށް ނުލިބި ހުރި މުސާރަ އާއި އިނާޔަތެވެ. ވަޒީފާ އަނބުރާ ދިނުމާ ހަމައަށް މުސާރައިގެ ގޮތުގައި 690،000 އަށް ވުރެ ގިނަ ރުފިޔާ ދޭން އަންގާފައިވާއިރު ސާވިސް އެލަވަންސްގެ ގޮތުގައި ދޭން ޖެހޭ މިންވަރު 157،000 ރުފިޔާ އަށް ވުރެ ގިނަ އެވެ. އަދި ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި 15،000ރ، ސްޓެޕް އެލަވަންސްގެ ގޮތުގައި 8،000 އަށް ވުރެ ގިނަ ރުފިޔާ ދޭން ވެސް ހުކުމުގައިވެ އެވެ. ރިޝީފަށް ވަޒީފާ ދޭން ސުޕްރީމް ކޯޓުން ކުރި ހުކުމާ އެކު މިދިޔަ އަހަރު އޭނާ އަށް ވަޒީފާ ދިނެވެ. އެކަމަކު އޭގެ އަނެއް ދުވަހު އޭނާ ވަނީ އެހެން މައްސަލައެއްގައި ސަސްޕެންޑްކޮށްފަ އެވެ. ރޭޕްގެ އެ މައްސަލައާ ގުޅިގެން ރިޝީފްގެ އިތުރުން އެހެން ބައެއް ފުލުހުންތަކެއް ވެސް ފުލުހުންގެ ވަޒީފާއިން ވަކިކުރި އެވެ. ނަމަވެސް ކުށް ސާބިތުނުވުމުން އެ އެންމެނަށް ވެސް ވަޒީފާ އަނބުރާ ދޭން ދަށު ކޯޓާއި ހައި ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. ރިޝީފް ވަކިކުރި މައްސަލާގައި ސިވިލް ކޯޓުން، 2012 ގައި ހުކުމްކުރީ އޭނާ އަށް ވަޒީފާ ދޭން ނުޖެހޭނެ ކަމަށެވެ. އެ މައްސަލަ ރިޝީފްގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން 2013 ގައި ހުކުމްކުރީ ވަޒީފާ އަނބުރާ ދިނުމަށެވެ. ހައި ކޯޓުގެ އެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ވަނީ ހައި ކޯޓުގެ ހުކުމަށް ތާއީދުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ