ސުޕްރީމް ކޯޓުން ބަލާ މައްސަލައިގެ ސަބަބުން އިލެކްޝަންސްގެ މިނިވަންކަމަށް އަސަރު ކުރާނެ: އީޔޫ
އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓުގެ ހުރުމަތް ކަޑާލި ކަމަށް ބުނެ އެ ކޯޓުން އަމިއްލައަށް އިސްނަގައިގެން ބަލަމުން ގެންދާ މައްސަލައިގެ ސަބަބުން އެ ކޮމިޝަންގެ މިނިވަން ކަމަށް އަސަރު ކުރާނެ ކަމަށް، ޔޫރަޕިއަން ޔޫނިއަން )އީޔޫ( އިން މިއަދު ބުނެފި އެވެ. ޔޫރަޕްގެ ގައުމުތައް ހިމެނޭ އެންމެ ނުފޫޒު ގަދަ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ސުޕްރީމް ކޯޓުގެ ހުކުމަކާ މެދު އިލެކްޝަންސް ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް އެ ކޮމިޝަންގެ މެންބަރުން އެ ކޯޓަށް ހާޒިރު ކުރުމަކީ އެ ޖަމާއަތުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން އެ މައްސަލައިގައި ކޮމިޝަންގެ މެންބަރުން ސުޕްރީމް ކޯޓަށް ހާޒިރު ކޮށްފައިވާ އިރު، އެކަން އެ ކޮމިޝަނުން ސިފަ ކުރީ އެއީ އެ ކޮމިޝަންގެ އެންމެ މުހިންމު ސިފަ ކަމަށްވާ މިނިވަންކަމާއި މަސައްކަތް ކުރުމާ އަދި ބާރުތައް ވަކިވުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވަރަށް ބޮޑަށް އަސަރު ކުރާނެ ކަމެއްގެ ގޮތުގަ އެވެ. "ޝަރީއަތް ކުރުމުގެ ކަންކަން ކުރިއަށް ގެންދަން ޖެހޭނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް، ހަމަ ހަމަ ކަމާ އެކު ދެ ފުށްފެންނާނެ އުސޫލަކުން ކަމަށް މި ޖަމްއިއްޔާއިން ގޮވާލާ ގޮވާލުން ތަކުރާރު ކުރަމެވެ. އަދި ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބު، 22 މާޗްގައި ބޭއްވުމަށް ޓަކައި އިލެކްޝަން ކޮމިޝަންގެ މިނިވަންކަން ކަށަވަރު ކުރުމަށް ސަރުކާރަށް ގޮވާލަމެވެ،" އީޔޫގެ ބަޔާނުގައިވެ އެވެ. ބާރުތައް ވަކިވެފައި އޮންނަ އޮތުމަށާއި ޝަރުއީ ދާއިރާއަށް އީޔޫ އިން ވެސް އިހުތިރާމް ކުރާކަން ފާހަގަ ކުރަމުން އެ ކޮމިޝަނުން ބުނީ އިންތިހާބުތައް ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު ދެފުށް ފެންނާނެ ގޮތަކަށް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކޮށްފައިވާ ކަމަށެވެ. ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބު ގައި ވެސް އިލެކްޝަންސް ކޮމިޝަނުން އެގޮތަށް މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް އެ ޖަމާއަތުން ބުންޏެވެ. އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ސުޕްރީމް ކޯޓުން މިހާރު ބަލަމުންދާ "ސުމޯޓޯ" މައްސަލައިގައި އެ ކޯޓުން ބުނަނީ އިލެކްޝަންސް ކޮމިޝަނުން އެ ކޯޓުގެ އަމުރުތަކަށް ތަބާނުވެ، އެ ކޯޓަށް ގޮންޖަހަމުންދާ ކަމަށެވެ. ދެ ފަހަރެއްގެ މަތިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަނީ އިލެކްޝަންސް ކޮމިޝަނާ ގިނަ ސުވާލުތަކެއް ކުރިމަތިކޮށްފަ އެވެ. އަދި އެ ކޯޓުގެ ބައެއް ފަނޑިޔާރުން މިހާރުގެ ކޮމިޝަނަކީ ސައްހަ ކޮމިޝަނެއް ކަމާ މެދު ސުވާލު ވެސް އުފައްދާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ