މިދުވަސްވަރު ކަރަންޓު އުފައްދާ މިންވަރު 8.5 ޕަސެންޓް އިތުރުކުރަންޖެހޭ: ސްޓެލްކޯ

މި ދުވަސްވަރު ހޫނު ގަދަވުމާ އެކު ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވެފައިވާތީ، ކަރަންޓް އުފައްދާ މިންވަރު 8،5 ޕަސެންޓް އިތުރުކުރަން ޖެހޭ ސްޓެލްކޯ އިން އިއްޔެ ބުނެފި އެވެ. އެ ކުންފުނިން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ކޮންމެ އަހަރެއްގެ ވެސް ފެބްރުއަރީން ފެށިގެން މެއި މަހަކީ ހޫނުގަދަ ދުވަސްވަރަކަށްވާތީ، ފިނިހޫނުމިނަށް އަންނަ ބަދަލާ އެކު ހޫނު ގަދަވުމާއި ކަރަންޓް ހަކަތަ ބޭނުންކުރެވޭ ނިސްބަތް ވެސް އެކު އެކީ އިތުރުވާ ކަމަށެވެ. ސްޓެލްކޯގެ ރިކޯޑުތައް ދައްކާގޮތުން ވެސް ފެބްރުއަރީން މެއި މަހުގެ ނިޔަލަށް ކަރަންޓް ބޭނުންކުރާ ނިސްބަތް އިތުރުވަމުން ގޮސްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ. "ކަރަންޓް ބޭނުންކުރާ މިންވަރު ވީވަރަކުން މަދު ކުރެއްވުމަށާއި ކަރަންޓް ހަރަދު ކުޑަ ކުރެއްވެން ހުރި ވަސީލަތްތަކުގެ ބޭނުން ހުރިހާ ހާލަތެއްގައި ވެސް ބޭނުން ކުރައްވައިގެން ހާއްސަކޮށް މި ދުވަސްވަރު އިތުރަށް ސަމާލުކަން ދެއްވުމަށް މި ކުންފުނިން އިލްތިމާސް ކުރަމެވެ،" އެ ބަޔާނުގައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ