އިންޑިއާގެ ޖޮއިންޓް ސެކްރެޓަރީ ރިޔާސީ ކެންޑިޑޭޓުންނާ ބައްދަލުކުރައްވައިފި
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންނާ އިންޑިއާގެ އެކްސާޓަނަލް އެފެއާޒް މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ އާއި އެގައުމުގެ އިންޓަ މިނިސްޓީރިއަލް ވަފުދެއް ބައްދަލުކުރައްވައިފި އެވެ. އިންޑިއާ ހައި ކޮމިޝަނުން ބުނީ އަންގާރަ އަދި ބުދަ ދުވަހު ޝްރިންގްލާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީނާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމްއާ ބައްދަލުކުރެއްވި ކަމަށެވެ. އަދި ރައީސް މުހައްމަދު ވަހީދުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރެއްވި ކަމަށް ވެސް ހައި ކޮމިޝަނުން ބުންޏެވެ. އިންތިހާބަށް ސުލްހަވެރި މާހައުލެއް ގާއިމްކޮށް، މިނިވަން އަދި މުސްތަގިއްލު އިންތިހާބެއް ބޭއްވުމުގެ މުހިންމުކަމާއި ވެރިކަން ބަދަލުވުމުގެ ކަންތައްތައް އޮމާންކަމާ އެކު ކުރިއަށް ގެންދިއުމުގެ މުހިންމުކަމާ ގުޅޭގޮތުން ހުރިހާ ރިޔާސީ ކެންޑިޑޭޓުންނާ އެކު މަޝްވަރާކުރެއްވި ކަމަށް ހައި ކޮމިޝަނުން ބުނެފައިވެ އެވެ. އަދި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމަށް އިންޑިއާއިން އެއްބާރުލުން ދޭނެ ކަމަށާއި ސުލްހަ މަސަލަސްކަންމަތީ ރާއްޖެ ދެމެހެއްޓުމަށް އިންޑިއާއިން އެދޭ ކަމުގައި ހުރިހާ ކެންޑިޑޭޓުންނަށް ދެންނެވި ކަމަށް ވެސް ހައިކޮމިޝަނުން ބުންޏެވެ. ހައި ކޮމިޝަނުން ބުނީ ރައީސް ވަހީދުގެ އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގައި ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮތް ގާތް އަދި ޒަމާންވީ ގުޅުމުގެ މައްޗަށް ޝްރިންގްލާ އަލިއަޅުވާލައްވާފައި ކަމަށެވެ. އެގޮތުން، ދިވެހިންނަށް އިންޑިއާ އިން ދޭ އެއްބާރުލުން ކުރިއަށްގެންދާނެ ކަން ޔަގީންކޮށްދެއްވި ކަމަށް އެތަނުން ބުންޏެވެ. އިންޑިއާގެ ޖޮއިންޓް ސެކްރެޓަރީ ވަނީ ފޮރިން މިނިސްޓަރު ޑރ. އަބްދުއްސަމަދު އަބުދުﷲ އާއި ބަންޑާރަ ނައިބު އާޒިމާ ޝަކޫރާ ވެސް ބައްދަލުކުރައްވާފަ އެވެ. އަދި އެމްއެންޑީއެފުން ހިންގުމަށް ރާވާފައިވާ އެކި މަޝްރޫއުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމުގެ އިތުރުން ދެ ގައުމުގެ މެދުގައި ތަފާތު ޑިފެންސް ޕްރޮޖެކްޓްތަކަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްއާ އެކު ޝްރިންގްލާ ވަނީ ސޮއިކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ