ހއ. ދިގުފަރުގައި ޑޮކްޔާޑެއް ހަދާނަން: ގާސިމް

ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ހއ. ދިގުފަރުގައި ޑޮކްޔާޑެއް ހަދައިދޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވައުދުވެވަޑައިގެންފިއެވެ.
ޖުމްހޫރީ ޕާޓީން މިރޭ ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް އިބްރާހިމް ވިދާޅުވީ ރާއްޖެ އޮތް ސަރަހައްދުގެ ގޮތުން ރާއްޖެއަށް ޑޮކްޔާޑެއްގެ ބޭނުން ވަރަށް މުހިއްމު ކަމަށާ، އަދި އެފަދަ ތަނެއް ހަދައިގެން ރާއްޖެއަށް އިޤްތިސޯދީ ގޮތުން ބޮޑެތި ފައިދާތަކެއް ހޯދައިދެވިދާނެ ކަމަށެވެ.
ޤާސިމް އިބްރާހިމް ވިދާޅުވީ ހއ. ދިގުފަރުގައި ޑޮކްޔާޑެއް ހެދުމާއި، ހއ. ހުވަހަންދޫގައި އެއާޕޯޓެއް ހެދުމަށް އެމަނިކުފާނު ފިނޭންސް މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު ޕްލޭންތަކެއް ކުރެވިފައިވާ ކަމަށެވެ.
މި ޖަލްސާގައި ޤާސިމް އިބްރާހިމް ވިދާޅުވީ ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ ވެރިކަން ކަމަށާ އެމަނިކުފާނަކީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަމުން ޖުމްހޫރީ ޕާޓީން ވެރިކަން ކުރާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކާއި ގުޅިގެން ބައިބައިވެ ނުދިއުމަށާ ހަޑިހުތުރު އަމަލުތައް ނުހިންގުމަށް ޤާސިމް އިބްރާހިމް ވަނީ ދިވެހިރައްޔިތުންނަށް މިރޭގެ ޖަލްސާގައި އިލްތިމާސް ކުރައްވާފައެވެ.
ޤާސިމް އިބްރާހިމް ވިދާޅުވީ ރިޔާސީ މެނިފެސްޓޯއެއްގައި އިސްލާމިކް މިނިސްޓްރީއެއް ހުންނަންވާނެ ކަމަށް އެންމެ ފުރަތަމަ ލިޔެފައިވާނީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމަނިކުފާނު ތައްޔާރުކުރެއްވި ރިޔާސީ މެނިފެސްޓޯގައި ކަމަށާ، ދިވެހި ޤައުމަށް ހަމަޖެހުން އޮތީ މާތްވެގެންވާ އިސްލާމްދީނުގައި ސާބިތުވެ ތިއްބަވައިގެން ކަމަށެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި އިސްލާމްދީނަށް ފުރައްސާރަ ކުރަމުންދިއުމާއި ގުޅިގެން އެގޮތަށް އަމަލުނުކުރެއްވުމަށް އޭރުގެ ސަރުކާރާއި ގުޅިފައިވާ ފަރާތްތަކަށް ދެންނެވިފައިވާނެ ކަމަށާ، ނަމަވެސް އެކަމަށް އިޖާބަ ނުދެއްވުމުން ހެޔޮވިސްނޭ ގިނަ ބަޔަކު މިއަދު އެމްޑީޕީ ދޫކޮށްދާން ފަށާފައިވާ ކަމަށްވެސް ޤާސިމް އިބްރާހިމް ވިދާޅުވިއވެ.
ޤާސިމް އިބްރާހިމް ވިދާޅުވީ މީހަކު ބުނާ އެއްޗަކަށް ބެއްލެވުމެއްނެތި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައްޔިތުން އެމީހުންނަށް ފެންނަ ރަގަޅު ވެރިޔަކު އިންތިހާބު ކުރާނެ ކަމަށެވެ.
މިޖަލްސާގައި ޤާސިމް އިބްރާހިމް ވަނީ ދިއްދޫއަށް ދިމާވެފައި އޮތް ބިމުގެ މައްސަލަ ހައްލުކޮށްދެއްވުމަށްޓަކައި ރައީސް ނަޝީދުގެ ސަރުކާރުން ދިއްދޫގެ ބިން ހިއްކާދެއްވާފައިވާތީ ރައީސް ނަޝީދަށް ޝުކުރު ދަންނަވާފައެވެ.
ރާއްޖޭގެ ގިނަ ބަޔަކު ދަންނަ ޝަހުޝިއްޔަތެއް ކަމަށްވާ ދިއްދޫ އަލްމަރުހޫމް އިބްރާހިމް ކަލޭފާނަށް ނިސްބަތްކުރައްވާ މިރޭގެ ޖަލްސާގައި ޤާސިމް އިބްރާހިމް ވިދާޅުވީ ދިއްދޫ އިބްރާހިމް ކަލޭފާނަކީ ދިއްދޫ އަށާއި މުޅި ޤައުމަށް އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިވާ ދިއްދޫގެ ހީވާގި ދަރިއެއް ކަމަށެވެ. އިސްލާމްދީނަށާއި، ވިޔަފާރީގެ ދާއިރާއަށް އިބްރާހިމް ކަލޭފާނު ކުރެއްވި ހިދުމަތް ފާހަގަކުރައްވާ ޤާސިމް އިބްރާހިމް ވަނީ އެމަނިކުފާނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި ދުއާކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ