ޖުޑީޝަލް އެކެޑެމީއެއް ގާއިމްކުރަން ސުޕްރީމް ކޯޓުން ނިންމައިފި
ފަނޑިޔާރުންނާއި ޝަރުއީ ދާއިރާގެ މުވައްޒަފުންނާއި ވަކީލުންނަށް ތަމްރީނު ދިނުމަށް ޖުޑީޝަލް އެކެޑެމީއެއް އުފެއްދުމަށް ސުޕްރީމް ކޯޓުގެ ގަރާރަކުން މިއަދު ނިންމައިފި އެވެ. އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ސޮއި ކުރައްވައި، މިއަދު ނެރުއްވާފައިވާ ސާކިއުލާއެއްްގައި ވަނީ ވަކި ފަރާތަކަށް ނުޖެހި، އަވަސްކަމާއި އިންސާފުވެރިކަމާ އެކު ޝަރީއަތް ކުރެވޭނީ ހަރުދަނާކޮށް ގާއިމްވެފައިވާ މުއައްސަސާއެއްގެ ތެރެއިން ފަނޑިޔާރުންނާއި ކޯޓުތަކުގެ މުވައްޒަފުންނާއި ވަކީލުންނަށް ދާއިމީކޮށް، "ކޮންޓިނިއުއިން ޖުޑީޝަލް އެޑިއުކޭޝަން" ދެވިގެން ކަމަށެވެ. އެހެންވެ ގާނޫނު އަސާސީން ސުޕްރީމް ކޯޓަށް ލިބިދޭ ބާރުގެ ދަށުން، ގާނޫނީ އަދި ޝަރުއީ އިލްމުގެ ދާއިރާގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން އިހްތިޔާރް ކުރާ މުވައްޒަފުންގެ މައްޗަށް އެކުލެވޭ ޖުޑީޝަލް އެކެޑެމީއެއް ގާއިމްކުރަން ނިންމީ ކަމަށް އެ ސާކިއުލާގައި އެވެ. ސުޕްރީމް ކޯޓުން މިއަދު ވަނީ އެކެޑެމީ ހިންގުމާ ބެހޭ ގަވާއިދު ވެސް އާންމުކޮށްފަ އެވެ. ނަމަވެސް އެ ގަވާއިދަށް އަމަލުކުރަން ފަށާނީ އަންނަ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހު އެވެ. ގަވާއިދުގައިވާ ގޮތުން އެކެޑެމީގެ އެންމެ އިސް ފަރާތަކީ ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ އިސްތިޝާރީ މަޖިލީހެކެވެ. އެ މަޖިލީހުގައި ތިއްބަވާނީ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ އިސް ފަނޑިޔާރާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓާ އާއި ދަށު ކޯޓުތަކުން ފަނޑިޔާރަކާއި ގައުމީ ޔުނިވާސިޓީ ނުވަތަ އިސްލާމިކް ޔުނިވާސިޓީގެ ގާނޫނީ އިލްމުގެ އުސްތާޒަކާއި އެ އެކަޑަމީގެ ޗާންސެލަރެވެ. އެ ގަވާއިދުގައިވާ ގޮތުން އެ އެކަޑަމީގައި ޗާންސެލަރުގެ އިތުރުން ވައިސް ޗާންސެލަރަކާއި އެގްޒެކެޓިވް ސެކެޓްރީއެއް ހުންނަންޖެހޭނެ އެވެ. ފަސް އަހަރުގެ މުއްދަތަށް އައްޔަންކުރާ އެ މަގާމުތަކަށް މީހުން ކަނޑައަޅާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ލަފާގެ މަތިން އުއްތަމަ ފަނޑިޔާރެވެ. ޗާންސެލަރަކަށް އަންނަ މީހަކީ ސުޕްރީމް ކޯޓު ނުވަތަ ހައި ކޯޓުގައި މަދުވެގެން ފަސް އަހަރު ވަންދެން ފަނޑިޔާރުކަން ކޮށްފައިވާ މީހަކަށް ނުވަތަ ގާނޫނީ ދާއިރާއިން ތައުލީމު ދިނުމުގައި ފަސް އަހަރު ހޭދަކޮށްފައިވާ މީހަކަށް ވާންޖެހޭނެ ކަމަށް ގަވާއިދުގައިވެ އެވެ. ވައިސް ޗާންސެލަރަކަށް އަންނަ މީހަކީ އިސްތިއުނާފީ ކޯޓެއްގައި މަދުވެގެން ތިން އަހަރު ފަނޑިޔާރުކަން ކޮށްފައިވާ ނުވަތަ ގާނޫނީ ދާއިރާއިން ކިޔަވައިދިނުމުގައި ތިން އަހަރު ހޭދަކޮށްފައިވާ މީހަކަށް ވާން އެ ގަވާއިދު ލާޒިމް ކުރެ އެވެ. އަދި އެގްޒެކެޓިވް ސެކެޓްރީގެ މަގާމުގެ ޝަރުތުގެ ގޮތުގައި ގަވާއިދުގައި ބުނެފައިވަނީ ދަށު ކޯޓެއްގެ ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނު ކިޔަވައި ދިނުމުގައި މަދުވެގެން އެއް އަހަރު ހޭދަކޮށްފައިވުމެވެ. މީގެ އިތުރުން ދެ އަހަރުގެ މުއްދަތަށް އައްޔަން ކުރާ އުސްތާޒުން އެކެޑެމީގައި ތިބެންޖެހޭނެ ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ. އެ އެކަޑަމީން އެއްވެސް ކޯހެއް ނުވަތަ ޕްރޮގްރާމެއް ހިންގޭނީ އުސްތާޒުންގެ މަޝްވަރާއާ އެކު ޗާންސެލަރުގެ ހުއްދަ ލިބިގެންނެވެ. އަދި ޗާންސެލަރުގެ އެ ނިންމުން އިސްތިޝާރީ މަޖިލީހަށް ހުށަހަޅައި، އެ މަޖިލީހުގެ ރުހުން ހޯދަން ގަވާއިދު ލާޒިމް ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ