ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ރައީސް މައުމޫން އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ކަމަލޭޝް ޝަރްމާ، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލުއުސްތާޒް މައުމޫން އަބްދުލް ގައްޔޫމުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.އަލިވާގޭގައި އިއްޔެ އޮތް މި ބައްދަލުކުރެއްވުމާ ގުޅޭ ގޮތުން ސެކްރެޓޭރިއެޓް އޮފް ދަ ފޯމާ ޕްރެޒިޓެންޓުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ރައީސް މައުމޫން ދެއްކެވި ވާހަކަފުޅުގައި، ސިޔާސީ މައިދާނުން ފޭއަށް ޖެހިވަޑައިގެން މިއަދު އެމަނިކުފާނު އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަކީ މި އަހަރުގެ ޖެނުއަރީ މަހު އެމަނިކުފާނުގެ މުއައްސިސްކަމުގައި ރަޖިސްޓްރީކޮށްގެން ހިންގަމުންދާ "މައުމޫން ފައުންޑޭޝަން"ގެ ތެރެއިން ދިވެހި ރައްޔިތުންގެ ލާބަ އާއި މަންފާއަށްޓަކައި އިޖްތިމާއީ ޚިދުމަތް ކުރެއްވުން ކަމުގައި ރައީސް ފަހަގަކުރެއްވި ކަމަށެވެ. އަދި ކޮމަންވެލްތުގެ ފަރާތުން މައުމޫން ފައުންޑޭޝަންގެ މަސައްކަތްތައް ކުރިއަށްގެންދިއުމުގައި އެހީތެރިކަމާއި އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމުގައި ރައީސް މައުމޫން ވިދާޅުވި އެވެ.އަދި ކަމްލޭޝްގެ ވާހަކަފުޅުގައި، ރައީސް މައުމޫން އިޖްތިމާއީ ރޮނގުން ކުރައްވަމުން ގެންދަވާ ޚިދުމަތްތަކަށް މަރުހަބާ ވިދާޅުވި ކަމަށް ވެސް އެ އޮފީހުން ބުނެ އެވެ. އަދި ރައީސް މައުމޫންގެ ވެރިކަމުގައި ކޮމަންވެލްތާ ގުޅިގެން މަސައްކަތް ކުރެއްވުމަށްޓަކައި ދެއްވި ފުރުސަތު ފާހަގަކުރައްވާ އެކަމަށް ޝަރުމާ ޝުކުރު އަދާކުރެއްވި އެވެ.އަދި ރާއްޖެއަށް ޒަމާނީ ޑިމޮކްރެސީ ގެނައުމަށް 2003 އިން 2009 އަށް ރައީސް މައުމޫންގެ އިސްނެންގެވުމުން ކުރެވުނު މަސައްކަތްތަކުގައި ކޮމަންވެލްތުން ވަރަށް ފުޅާދާއިރާއެއްގައި ބައިވެރިވުމަށް ލިބުނު ފުރުސަތު ފާހަގަކުރައްވާ، އެ މަސައްކަތްތައް ގެންގޮސްދެއްވި ގޮތަށް ޝުކުރު އަދާކުރެއްވި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ