ދަރަންޏަށް ފައިސާ ހޯދުން ވެސް ރާއްޖެ އަށް ވަނީ ދަތިކަމަކަށްވެފައި: ރައީސް

ރާއްޖޭގެ ބަޖެޓް ދަރަނިވެރިވެ، އެކި ގައުމުތަކުން ދަރަންޏަށް ފައިސާ ހޯދުން ވެސް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށް ރައީސް މުހައްމަދު ވަހީދު އިއްޔެ ވިދާޅުވެއްޖެ އެވެ. ށ. ކަނޑިތީމުގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ 2004 ގައި ކުރިމަތިވި ސުނާމީ އަށް ފަހު ކޮންމެ އަހަރަކު ވެސް ރާއްޖޭގައި ފާސްކުރަނީ ދަރަނި ބަޖެޓެއް ކަމަށެވެ. "ނަތީޖާ އަކީ މިއަދު ދަރަންޏަށް ވެސް ދިވެހި ރާއްޖެ އަށް ފައިސާ ހޯދުން ވަނީ ދަތިކަމަކަށްވެފައި. އެހެންވީމާ އަޅުގަނޑުމެން ޖެހޭ ހަރަދު ކުޑަކުރަން. އަޅުގަނޑުމެންނަށް ލިބޭ އެއްޗަކީ ބޭނުންކޮށް ހުސްކޮށްލާ އެއްޗަކަށް ވެގެން ނުވާނެ،" ރައީސް ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގައި ދަރަނި ބަޖެޓެއް އޮތުމުން އެކަމުގެ ޒިންމާ މުސްތަގުބަލުގައި އުފުލަން ޖެހެނީ ގައުމުގެ ދަރިންނެވެ. ރައީސް ވިދާޅުވީ ރާއްޖެ އިން ދަރަންޏަށް ނަގާ ފައިސާ އަކީ އުފެއްދުންތެރިކަން ލިބޭ އެއްޗަކަށް ހަދަންޖެހޭ ކަމަށެވެ. މި އަހަރު ދަރަންޏަށް ނަގާ ފައިސާ އިން އުފެއްދުންތެރިކަން އިތުރުކޮށް އުމުރާނީ ތަރައްގީ ގެންނާނެ ކަމަށާއި އެ ދަރަނި ސަރުކާރުން "ކައި ހުސްކޮށެއް ނުލާނަން" ކަމަށް ރައީސް ވިދާޅުވި އެވެ. ރާއްޖެ އަށް އާމްދަނީ ލިބެނީ މަސްވެރިކަމާއި ޓޫރިޒަމުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރުން ކަންކަން ކުރުމުގެ ނަތީޖާއެއްގެ ގޮތުން އިގްތިސާދު އަންނަނީ ރަނގަޅުވަމުންނެވެ. އެހެންކަމުން މިދިޔަ އަހަރަށް ވުރެ މި އަހަރު ރާއްޖޭގެ އިގްތިސާދު ރަނގަޅުވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ރާއްޖެ އަށް ލިބޭ އާމްދަނީ ވޭތުވެދިޔަ 10 އަހަރު ތެރޭގައި ދެ ގުނަ އިތުރުވެ، މެދު ފަންތީގެ ގައުމުތަކުގެ ތެރެއިން ވެސް ރާއްޖެ އަކީ އެންމެ އުސް ހަރުފަތްތަކުގައި އުޅޭ ގައުމެއް ކަމަށެވެ. ނަމަވެސް ރާއްޖޭގައި މުއްސަނދިންނާއި ފަގީރުންގެ ތަފާތު ވަރަށް ބޮޑަށް ފުޅާވެފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. "ރައްޔިތުންގެ ކޮންމެ ބޮލަކަށް މިހާރު ޖެހޭ އާމްދަނީ އަކީ 6،000 ޑޮލަރު. ވޭތުވެދިޔަ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ބޮލަކަށް ޖެހޭ އާމްދަނީ މިވަނީ ޑަބަލްވެފައި. އެހެންވީމާ ފުދޭ ވަރެއްގެ ބޮޑު އާމްދަނީއެއް ރާއްޖެ އަށް ލިބެމުން މިދަނީ،" ރައީސް ވިދާޅުވި އެވެ. "ފަގީރުން ވަނީ ނިކަމެތިވެފައި، މުއްސަނދިން ވަނީ ކުރިއަށް ވުރެ މުއްސަނދިވެފައި، އެހެންވީމާ މި ތަފާތު ކުޑަކުރުމަށްޓަކައި ދައުލަތުގެ ފަރާތުން އަޅަން ޖެހޭ ފިޔަވަޅުތަކެއްވޭ،" ރައީސް ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި ނިކަމެތިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަކީ ސަރުކާރުން ކުރަން ޖެހިފައިވާ ކަމެކެވެ. ސަރުކާރުން ދޭ ސަބްސިޑީގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ ސަބްސިޑީ ދޭންޖެހޭނީ ނިކަމެތިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ކަމަށެވެ. ނަމަވެސް ރާއްޖޭގައި ސަބްސިޑީގެ ކަންކަން ރާވާފައި ވަނީ އެ އުސޫލުން ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. ރާއްޖޭގައި ސަބްސިޑީ ދޭން ޖެހޭނީ، ރައީސް ވިދާޅުވި ގޮތުގައި ސިއްހަތާއި ކަރަންޓާއި ކާބޯތަކެއްޗާއި ތައުލީމަށެވެ. ތެލުގެ ސަބްސިޑީގެ ގޮތުގައި ދައުލަތުގެ ބަޖެޓުގެ އަހަރަކު ހަތަރުބައި ކުޅަ އެއްބައި ހޭދަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. "ސަބްސިޑީ ދޭ މީހުންގެ ތެރޭގައި އެބަ ހިމެނޭ ރާއްޖޭގައި އުޅޭ ދޮޅު ލައްކައެއްހާ ބިދޭސީން ވެސް. އަޅުގަނޑުމެންގެ ރައްޔިތުންގެ ދިރިއުޅުން ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންތައްތަކުގައި ހުރި މަދު ފައިސާކޮޅު އަޅުގަނޑުމެންނަކަށް އިސްރާފުކުރެވޭކަށް ނެތް،" ރައީސް ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީ ކަރަންޓާއި ތެލުގެ ސަބްސިޑީ އަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ. އެކަމުގައި ވަރަށް ބޮޑަށް ފައިސާ އިސްރާފުވެގެންދާ ކަމަށް ރައީސް ވިދާޅުވި އެވެ. ކަރަންޓާއި ތެލުގެ ސަބްސިޑީ އަށް އޮތް ހައްލަކީ އިއާދަކުރަނިވި ހަކަތަ އިން ކަރަންޓް ދިނުން ކަމަށާއި އެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. ކަނޑިތީމުގައި ހުރި މައްސަލަތަކުގެ މައްޗަށް ވެސް އެ ޖަލްސާގައި ރައީސް ވާހަކަފުޅު ދެއްކެވި އެވެ. އެގޮތުން އެ ރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށާއި އެ ރަށުގެ ބަނދަރާއި ސިއްހީ މަރުކަޒުގެ މައްސަލަ ވެސް ހައްލުކޮށްދޭން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ރައީސް ދެއްވި އެވެ. އަދި ކަނޑިތީމަކީ އެ އަތޮޅުގެ އާދާބީގެ ދެ ވަނަ މަރުކަޒަކަށްވެ ރައްޔިތުން ފަހުރުވެރިވާ ރަށަކަށް ވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ