ސުޕްރީމް ކޯޓްގެ ބައެއް ފާރުތަކަށް ބަޔަކު ކަޅުތެޔޮ ޖަހައިފި
ސުޕްރީމް ކޯޓުގެ ބައެއް ފާރުތަކަށާއި ގަސްތަކަށް ބަޔަކު ކަޅު ތެޔޮ ޖެހި މައްސަލައެއް ފުލުހުން ތަހްޤީޤު ކުރަން ފަށައިފި އެވެ.ފުލުހުންގެ މީޑީއާ އޮފިޝަލަކު މިއަދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ބައެއް ފާރުތަކަށް ބަޔަކު މީހުން ރޭ ކަޅު ތެޔޮ ޖެހި މައްސަލައެއް މިއަދުގެ ވަގުތެއްގައި އެ ކޯޓުން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެހެންނަމަވެސް އަދި އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ވެސް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.ސުޕްރީމް ކޯޓުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެ ކޯޓު ހިންގަމުންދާ ތީމުގޭގެ ބައެއް ފާރުތަކަށާއި ގަސްތަކާއި ކޯޓުގެ ނަން ބޯޑަށް ބަޔަކު ކަޅުތެޔޮ ޖަހާފައިވާ ކަމަށެވެ.ސުޕްރީމް ކޯޓުން ބުނީ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ދައުލަތުގެ ތިން ބާރުގެ ތެރެއިން އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެ އިސް ފަރާތުގެ ހައިބަތާއި ގަދަރު ކަނޑުވާލުމަށްޓަކައި ބަޔަކު މީހުން ރޭ ހިންގި ނާތަހުޒީބު އަމަލު ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.ސުޕްރީމް ކޯޓަށް ކަޅު ތެޔޮ ޖެހިއިރު ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ވަނީ ރައްޔިތުންގެ މަޖިލިހުގެ މައްޗަށް ވަގުތީ އަމުރެއް ނެރެފަ އެވެ.ސުޕްރީމް ކޯޓުގެ ފާރުތަކަށާއި ބައެއް ތަންތަނަށް ބަޔަކު މީހުން ކަޅު ތެޔޮ ޖަހާފައި މިވަނީ ވަޒީރުންނަށް ރުހުން ދިނުމާ ބެހޭ މައްސަލާގައި އިދިކޮޅު ޑީއާރުޕީން ރޭ މާލޭގައި ވަރަށް ދަންވަންދެން މުޒާހަރާ ކޮށްފައި ވަނިކޮށެވެ. އަދި ރޭ ދަންވަންދެން ސަރުކާރު ހިންގާ އެމްޑީޕީގެ ބަޔަކު ވެސް ވަނީ ޑީއާރުޕީއާ ދެކޮޅަށް ބައެއް މަގުތަކުގައި އަޑު އުފުލައިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ