ސަރުކާރު ވައްޓާލަން މަސައްކަތް ކޮށްފިނަމަ، ތޮއްޑޫ ދާއިރާގެ ރައްޔިތުންގެ ޕްރެޝަރާއި އެކު މެމްބަރުކަމުން އިސްތިއުފާ ދޭންޖެހޭވަރު ކުރާނެ ކަމުގެ އިންޒާރު ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދަށް ޕީޕީއެމުން ދީފިއެވެ.
ޕީޕީއެމްގެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ރަޖިސްޓްރާ ޖެނަރަލް އޮފް ޝިޕިން އިބްރާހިމް ނާޒިމް ވިދާޅުވީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރާ ކޮންމެ މަޖިލީސް މެމްބަރަކަށްވެސް އެ މެމްބަރެއްގެ ދާއިރާއިން ޕްރެޝަރު ކުރިމަތި ކުރުވާނެ ކަމަށެވެ. އަދި އެމްޑީޕީން މަގުމައްޗަށް ނިކުމެ ގަދަކަމުން ސަރުކާރު ވައްޓާލަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެކަން ނުކުރެވޭނެ ކަމަށާއި، އެކަން ވަގުތުން ވަގުތައް ހުއްޓާލުމަށްވެސް ނާޒިމް ގޮވާލެއްވިއެވެ.
"21 ދުވަހުގެ މުހުލަތެއް އަލީ ވަހީދު ދިނީ. އަޅުގަނޑު ދަންނަވާނީ ދާއިރާގެ މެމްބަރުންގެ ޕްރެޝަރާއި އެކު މަނިކުފާނު ގޮނޑިން އިސްތިއުފާދޭވަރު އަޅުގަނޑުމެން 21 ދުވަހުގެ ތެރޭގައި ކުރާނަމޭ. މި ވެރިކަން 21 ދުވަހުގެ ތެރޭގައި ވައްޓާލަން މަސައްކަތް ކޮށްފިއްޔާމުން،" ނާޒިމް ވިދާޅުވިއެވެ. "މި ދަންނަވަނީ މި ވެރިކަން ވައްޓާލުމަށްޓަކައި އެމްޑީޕީން މަސައްކަތް ކުރާ ކޮންމެ ދުވަހަކީ، މީގެ ފަހުން އަޅުގަނޑުމެން ވިސްނުންތެރިކަމާއި ރޭވުންތެރި ކަމާއި އެކު ކޮންމެ ދާއިރާއެއްގެ ރައްޔިތުންގެ ޕްރެޝަރު އެ މަޖިލީހުގެ މެމްބަރަކަށް ކުރުވުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރުވާނެ ދުވަހެއް،"
ނާޒިމް ވިދާޅުވީ އެމްޑީޕީގެ ހަރަކާތްތަކުން ދުވަހެއް ދުވަހަކަށް ޒުވާނުން ފެންނަމުންދާލެއް މަދުވަމުންދާ ކަމަށެވެ. އަދި އެމްޑީޕީން ގައުމުގެ އަމަން ގެއްލުވާލައި، ފުލުހުންނާއި ސަލާމަތީ ބާރުތަކަށް ފުރައްސާރަ ކުރަމުންދާ ކަމަށާއި އެކަން ވަގުތުން ވަގުތައް ހުއްޓާލުމަށްވެސް ނާޒިމް ގޮވާލެއްވިއެވެ.
ރައީސް މުހަންމަދު ނަޝީދު އަށްވެސް ނާޒިމް މިއަދު ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ. އެގޮތުން އެމްޑީޕީއަށް ދެން ރާއްޖޭގެ ވެރިކަމަށް ނާދެވޭނެ ކަމަށާއި، ރައީސް ނަޝީދުގެ ވާހަކަފުޅުތައް ދިމާނުވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
"އަޅުގަނޑު ދަންނަވާލަން އުޅޭ ވާހަކައަކީ، މަނިކުފާނޭ އެމްޑީޕީގެ ސަޕޯޓާރުންނޭ އެމްޑީޕީގެ އެންމެހާ ބޭފުޅުންނޭ ތިޔަބޭފުޅުންގެ ރިޔާސީ ކެނޑިޑޭޓަށް އޮޓަމެޓިކްކޮށް އައިސްހުރި ބޭފުޅާ ގޮވައިގެން ނަފްސާނީ ޑޮކްޓަރަކަށް ދައްކަން ވަޑައިގަންނަވާށޭ،" ނާޒިމް ވިދާޅުވިއެވެ.
މެމްބަރުކަމުން އަލީ ވަހީދު އިސްތިއުފާ ދޭވަރުކުރާނެކަމުގެ އިންޒާރު ޕީޕީއެމުން ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ