ރައީސް މުހަންމަދު ނަޝީދު އަމަލު ކުރައްވާ ގޮތުން ވަރަށް ބޮޑަށް ލަދުވެތިވެ ވަޑައިގަންނަވާކަމަށް ރައީސް މައުމޫނު އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްއަށް ކައުންސިލަރުންތަކެއް ގުޅުމަށް ބޭއްވި ރަސްމިއްޔާތަކަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫނި ވިދާޅުވީ، ރައީސް ނަޝީދު އެންބަސީގައި ހުންނަވަނީ އިންޑިއާގެ ހިމާޔަތް ލިބިގެން ނޫން ކަމަށެވެ. އަދި އެގޮތަށް ގިނަ ދުވަހަކު އެތާގައި ނުހުންނެވޭނެ ކަމަށާއި، އިއްޔެ މީޑިއާގައި އެކަން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސަލްމާން ޚުރުޝިދު ވިދާޅުވެފައިވާ ކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.
"ދިވެހި ރާއްޖޭގެ އެއްވެސް މީހަކު، އަދި ކީއްކުރައްވަންތޯ ރައީސްއެއް ނޫނަސް އެއްވެސް ރައްޔިތަކު ހިމާޔަތަށް ދާން ޖެހުމަކީ ވަރަށް ލަދުވެތިވާން ޖެހޭކަމެއް. އަޅުގަނޑުމެންގެ ރާއްޖޭގެ މައްސަލަތައް އަޅުގަނޑުމެންނަށް ހައްލު ކުރެވޭނެ،" ރައީސް މައުމޫނު ވިދާޅުވިއެވެ.
ރައީސް މައުމޫނު ވިދާޅުވީ ޝަރުއީ ނިޒާމަކީ އެންމެންގެ މައްޗަށް އެއްހަމަޔަކުން ހިނގާ ނިޒާމެއް ކަމަށެވެ. އެގޮތުން ރައީސް ނަޝީދުވެސް މީގެ ކުރިން ޝަރީއަތްތަކާއި ކުރިމަތި ލައްވާފައިވާ ކަމަށެވެ. މިފަހަރު ޝަރީއަތާއި ކުރިމަތި ލާން ދެކޮޅު ހަދައި "ކޮންމެސް ތާކަށް ވަޑައިގެން އެހެން ހުންނެވުމުގެ މާނައެއް" އެއްގޮތަކަށްވެސް އެނގިވަޑައި ނުގަންނަވާ ކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.
"މިހާރު އޭނާ (ރައީސް ނަޝީދު) އެ ހުންނެވީކީ އެތާގެ (އިންޑިއާ ހައިކޮމިޝަނަރުގެ) ހިމާޔަތަކުއެއް ނޫނޭ. އެތާގެ ހޮސްޕިޓަލިޓީގައި ނުވަތަ އެމީހުންގެ މެހުމާނު ދާރީގައި އެތަނަށް ވަޑައިގަތީމަ ދެން ސަފީރަކަށް ކެރިވަޑައެއް ނުގަންނަވާނެ ދެއްތޯ އެތަނުން ނިކުމެ ވަޑައިގަންނަވާށޭ ވިދާޅުވާކަށް. އެހެންވީމަ އިންޑިއާގެ ދައުވަތަކަށް ވަޑައިގަތީކީއެއް ނޫން. އަދި އިންޑިއާއިން އެދިގެން ހިމާޔަތް ދެއްވާނެކަމަށް ދަންނަވައިގެން ވަޑައިގަތީކީއެއް ނޫން،" ރައީސް މައުމޫނު ވިދާޅުވިއެވެ.
އިންޑިއާ އާއި ރާއްޖެއާއި ދެމެދު އޮތް ގާތް ގުޅުން އެ މަނިކުފާނުގެ ވެރިކަމުގައި ވަރަށް ބޮޑަށް ތަރައްގީ ކުރެއްވި ކަމަށާއި، ނަމަވެސް އެކަން ކިނލަބު ކުރުމަށް ބަޔަކު މަސައްކަތް ކުރާ ކަމަށް ވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.
ރައީސް މައުމޫނު ވިދާޅުވީ ދެ ގައުމުގެ ގުޅުމަށް ހުރަސް އެޅޭފަދަ ގޮތަކަށް އެއްވެސް ފަރާތަކުން އަމަލު ކޮށްގެން ނުވާނެ ކަމަށާއި، އެފަދަ އަމަލުތައް އެއްވެސް ފަރާތަކުން ކުރާނަމަ އެކަން ކުށްވެރި ކުރާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ނަޝީދު އަމަލު ކުރައްވާ ގޮތުން ވަރަށް ލަދުގެންފި: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ