އެއް ރިޔާސީ ކެންޑިޑޭޓަކު ނެރެން ވަރަށް ކުރިންސުރެ ވަރަށް ގިނަ މަސައްކަތް ކުރެވުނު ކަމަށާއި ނަމަވެސް އެއް ކެންޑިޑޭޓަކު ނެރެން އެންމެނަށް އެއްބަސްވާ ފޯމިއުލާއެއް ނުނެރެވުނު ކަމަށް ޕީޕީޕީއެމްގެ ރައީސް، އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ބ. އޭދަފުށީގައި މިރޭ ޕީޕީއެމުން ބޭއްވި ޖަލްސާއަށް އެ ރަށަށް ވަޑައިގެން ރައީސް މައުމޫން ވިދާޅުވީ އެންމެން ގުޅިގެން ނޫނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ފަސޭހަ ނުވާނެ ކަމަށާއި އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ އެއީ ކުރެވޭނެ ކަމެއް ކަމަށެވެ. އަދި އެކަން ކާމިޔާބު ކުރުމަށް އެންމެން ގުޅެން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
"މި މަސައްކަތް ކުރާއިރު ސުވާލަކީ ކީއްވެގެންހޭ އަޅުގަނޑުމެންގެ ފަރާތުން އެއް ކެންޑިޑޭޓަކު ނުނެރެވުނީ މިވެސް މިހާރު ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެމުންދާ ކަމެއް،" ރައީސް މައުމޫން ވިދާޅުވި އެވެ. އަދި އެމަނިކުފާނު ވިދާޅުވީ "ގިނަ ދުވަހު މަޝްވަރާތައް ކޮށްގެން ވެސް ކޮންމެވެސް ސަބަބަކާހުރެ އަޅުގަނޑުމެނަކަށް އެންމެން ގަބޫލު ކުރާ ފޯމިއުލާއެއް ނުނެރެވުނު ނުވަ ގޮތެއް އެވަގުތަކު ނުހެދުނު" ކަމަށެވެ.
އެއް ފިކުރެއްގައި ތިބި އެންމެން ގުޅިގެން އެއް ކެންޑިޑޭޓަކު ނެރުމަކީ ހަމައެކަނި މި އިންތިހާބުގެ ފުރަތަމަ ބުރަށްފަހު ކުރި މަސައްކަތެއް ނޫން ކަމަށާއި އޭގެ މާ ކުރިން ވެސް އެ މަސައްކަތް ކުރަމުން އައި ކަމަށް ވިދާޅުވެ ރައީސް މައުމޫން މިރޭ ވަނީ ބައެއް ވާހަކަ ހިއްސާ ކުރައްވާފަ އެވެ. ވިދާޅުވި އެވެ: "މިހާރު އެހެން ޕާޓީއެއް ހައްދަވައިގެން އުޅުއްވާ ރައީސަކީ ވެސް [ލަފާވާ ގޮތުން އެ އިޝާރާތް ކުރެއްވީ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް] ޕީޕީއެމާ ގުޅިވަޑައިގަތުމަށް ދައުވަތު ދެވުނު ބޭފުޅެއް. އަދި ޕީޕީއެމް އުފައްދަން މަސައްކަތް ކުރި އިރު މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅެއް ކަންދިމާވި ގޮތުން އެމަނިކުފާނަށް އެގޮތަށް ހުންނަން ޖެހިވަޑައިގަތީ އޭރުވެސް އަޅުގަނޑުމެން މަސައްކަތް ކުރީ މި އެންމެން އެއް ޕާޓީއެއްގެ ތެރޭގައި ތިބެގެން އެންމެން އެކުގައި މަސައްކަތްކޮށްގެން އެންމެން އެއް ކެންޑިޑޭޓަކު ނެރެން. އަދި މި އަހަރުގެ މި އިންތހާބުގެ މާ ކުރިން ފުރަތަމަ ބުރުގެ ވެސް މާ ކުރިން އަޅުގަނޑުމެން މިވާހަކަ ދެއްކިން ތފާތު ޕާޓީތަކެއް މިއޮތީ އުފެދިފައޭ. ނަމަވެސް އަޅުގަނޑުމެނަކީ އެއް ފިކުރުގައި ތިބި ބައެކޭ ކިހިނެއްތޯއޭ ވާނީ އަޅުގަނޑުމެން އެންމެން ވާހަކަ ދައްކައިގެން އެކަކު ނުކުތިއްޔާ އެ މަސައްކަތް ވެސް އަޅުގަނޑުމެން ޕީޕީއެމުން ކުރިން އަޅުގަނޑު ވެސް ކުރިން އެހެން ނަމަވެސް ކާމިޔާބުވައިތަނެއް ނައި،"
މައުމޫން ވިދާޅުވީ އޭގެ ފަހުން މިފަހަރު ބާތިލު ކުރި ފުރަތަމަ ބުރު ބޭއްވުމަށްފަހުގައި އެންމެ ފުރަތަމަ ރޭ ހުރިހާ ބޭބޭފުޅުންނަށް އެމަނިކުފާނު ގުޅުއްވި ކަމަށާއި ނަތީޖާ ދައްކާ ގޮތުން އެންމެން އެކަތިގަނޑަކަށް ވާން ޖެހޭ ކަމަށް ދަންނަވައި އެ މަސައްކަތް ވެސް ކުރަމުން ގެންދެވި ކަމަށެވެ. އަދި ވިދާޅުވީ އެއް ކެންޑިޑޭޓަކު ނެރުން އެއީ ޕީޕީއެމްގެ ހިޔާލުގައި އަބަދުވެސް އޮތް ކަމެއް ކަމަށެވެ.
"ފެށުނީއްސުރެ މިހާތަނަށް ޖެހެންދެން އެ މަސައްކަތުގައި ސީދާ އަޅުގަނޑު އުޅުނިން އަދި ފުރަތަމަ ބުރުގެ ނަތީޖާގައި ވަރަށް ގިނަ އޮޅުވާލަންތައް ހުރިކަން ޖުމްހޫރީ ޕާޓީއަށް ޔަގީން ކުރެވިގެން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީމާ އެކަމަށް ވެސް އަޅުގަނޑުމެން ތާއީދު ކުރިން އެއީ ހައްގަށް ނަސަރު ދިނުމުގެ ގޮތުން... ސުޕްރީމް ކޯޓުން އެ މައްސަލަ ނިންމެވި ރޭ އަޅުގަނޑުމެންގެ ފިކުރުގައި ތިއްބެވި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ފޯނުން ވެސް ގުޅިން ދެންނެވިން ހިންގަވާށޭ އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރަމާ އޭގެ އަނެއް ދުވަހު ވެސް އަޅުގަނޑު ފޯނު ކުރިން އެ ބޭފުޅުންނާ ބައްދަލު ވެސް ކުރިން ބައްދަލުކޮށްފައި ވާހަކަތައް ވެސް ދެއްކިން އެހެން ނަމަވެސް ކޮންމެވެސް ސަބަބަކާ ހުރެ އަޅުގަނޑުމެނަކަށް އެންމެން ގަބޫލު ކުރާ ފޯމިއުލާއެއް ނުނެރެވުނު،" ރާއްޖޭގެ ރައީސްކަން 30 އަހަރު ކުރެއްވެވި ސިޔާސީ ތަޖުރިބާކާރު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާ ވެސް އެމަނިކުފާނު ތިން ފަހަރަށް ބައްދަލު ކުރައްވާ މަޝްވަރާ ކުރެއްވި ކަމަށާއި އަދި އަދާލަތުގެ ރައީސް އިމްރާން އިބްދުﷲ އާއި އެހެން ޕާޓީތަކުގެ އިސް ބޭފުޅުންނާ ވެސް ބައްދަލު ކުރައްވާ އެ މަސައްކަތް ކުރެއްވި ކަމަށެވެ.
"އެހެންވީމާ މި ކަމުގައި ވަރަށް ގިނަ ގޮތްގޮތަށް މަސައްކަތް ކުރެވިއްޖެ، ވީމާ އަޅުގަނޑުމެން އެއް ކެންޑިޑޭޓަކު ނެރެން ބޭނުން ނުވަނީ ކަމަށް ބުނެ ޕީޕީއެމަށް ދިމާއަށް ދައްކާ ވާހަކައަކީ ހަގީގަތެއް ނޫން،"
އެއް ކެންޑިޑޭޓަކު ނެރޭނެ ފޯމިއުލާއެއް ނުނެރެވުނު: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ