އެމްސީ ހަމީދަށް ވަޒީފާ ދިނުމަށް ކޯޓުން ހުކުމްކޮށްފި

ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވާ ސިއްރު ފުލުހުންގެ ކުރީގެ ވެރިޔާ މުހައްމަދު ހަމީދު (އެމްސީ ހަމީދު) އޭނާ ހުންނެވި މަގާމަށް އަލުން ރުޖޫއަކުރުމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ފުލުހުންގެ ވަޒީފާއިން ހަމީދު ވަކިކުރީ ފުލުހުންގެ އިންޓެލިޖަންސް ޑިޕާޓްމަންޓުގެ ހާމަކުރަންނުޖެހޭ ސިއްރު މައުލޫމާތު ތަކެއް ހާމަކުރުމާއި ގުޅިގެން ކަމަށް ބުނެ މިދިޔަ އޮގަސްޓް މަހުގެ 8 ވަނަ ދުވަހުގަ އެވެ.
ފުލުހުންގެ ވަޒީފާއިން ހަމީދު ވަކިކުރުމާ ގުޅިގެން ގެއްލުނު ވަޒީފާ ހޯދުމަށާއި، ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ހަމީދުގެ ފަރާތްޕުޅުން ސިވިލް ކޯޓަށް ހުށައެޅި މައްސަލައިގައި ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފައިވަނީ ފުލުހުންގެ ވަޒީފާ އަނބުރާ ހަމީދަށް ދިނުމަށެވެ. އަދި ވަޒީފާއިން ވަކިކުރުމުން ހަމީދަށް ލިބުނު ގެއްލުމުގެ ބަދަލުގައި އޭނާ ވަޒީފާއިން ވަކިކޮށްފައިވާ ދުވަސްތަކުގެ މުސާރައާއި، އިނާޔަތްތައް ދިނުމަށްވެސް ކޯޓުގެ ހުކުމުގައި ބުނފައި ވެއެވެ.
ފުލުހުންގެ ވަޒީފާއިން ހަމީދު ވަކިކުރިއިރު އޭނާ ހުންނެވީ ޗީފް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް ގެ މަގާމުގައެވެ.
ކޯޓުގެ ހުކުމްގައި ބުނެފައިވަނީ ހަމީދު ވަޒީފާއިން ވަކިކުރުމަށް ފުލުހުން ކޮށްފައިވާ ތުހުމަތުތަކަކީ ހަގީގަތެއްކަން ކޯޓަށް ސާބިތު ނުވާ ކަމަށާއި، އެހެންކަމުން ހަމީދު ވަޒީފާއިން ވަކިކުރި ދުވަސް ކަމުގައިވާ 07 އޮގްސްޓް 2012 އިން ފެށިގެން 30 ސެޕްޓެމްބަރު 2013 ވަނަ ދުވަހާ ހަމައަށް ލިބެންވާ މުސާރައާއި ހުރިހާ އިނާޔަތެއް އެއްމަސް ދުވަހުގެ ތެރޭގައި ހަމީދަށް ހަމަޖައްސައިދިނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ