ތަމްރީންތަކަކީ ލޯންޗުގެ ހާދިސާގެ ތަހުގީގަށް ލިބޭ އެހީއެއް: އުމަރު
މީގެ 23 އަހަރު ކުރިން އިނގިރޭސިވިލާތުގައި ހެއްދެވި ކްރިމިނަލް އިންވެސްޓިގޭޝަންގެ ތަމްރީންތަކަކީ، ރައީސް އަބްދުﷲ ޔާމީންގެ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާގެ ތަހުގީގަށް ލިބޭ އެހީތެރިކަމެއް ކަމަށް، އެ ހާދިސާގެ ތަހުގީގުކުރާ ނެޝަނަލް އިންކުއަރީ ކޮމިޝަން (އެންއައިސީ)ގެ ކޯޗެއާ އުމަރު ނަސީރު ވިދާޅުވި އެވެ. ހޯމް މިނިސްޓަރު އުމަރު ރޭ ކުރެއްވި ޓްވީޓެއްގައި އެހެން ވިދާޅުވެ އޭނާ ވަނީ، އިނގިރޭސިވިލާތުގެ ވެސްޓް ޔޯކްޝާ ޕޮލިސްގައި ކްރިމިނަލް އިންވެސްޓިގޭޝަން ކޯސް ފުރިހަމަ ކުރެއްވުމުން، އެތަނުން ދެއްވި ރިޕޯޓް އާންމު ކުރައްވައިފަ އެވެ. Several trainings I recieved overseas as a Police Investigating Officer is helping me today to solve this case. pic.twitter.com/UEBRNapJNN — Umar Naseer (@UmarNaseerPPM) October 17, 2015 އުމަރުގެ ޓްވީޓް އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، އުމަރަކީ ވަރަށް ވިސްނުން ތޫނު، އަދި އެ ކުރައްވާ ކޮންމެ ކަމެއް ވަރަށް އިހުލާސްތެރިކަމާ އެކު ކުރައްވާ ބޭފުޅެކެވެ. އަދި ކޯހުގެ އަމަލީ މަސައްކަތްތަކުގައި ވެސް، އުމަރަކީ އެވަގުތަކަށް އެކަމެއް ވީ އެންމެ ރަނގަޅަކަށް ހައްލު ކުރައްވާ ބޭފުޅެއްގެ ގޮތުގައި ރިޕޯޓްގައިވެ އެވެ. އެ ރިޕޯޓްގައިވާ ގޮތުން އޮކްޓޫބަރު 23، 1992 އިން ޑިސެމްބަރު 18، 1992 އަށް ފުރިހަމަ ކުރެއްވި ޖިނާއީ ކުށްތަކާ ބެހޭ ކޯހުގެ ފައިނަލް އެގްޒާމުން އުމަރު ވަނީ 83 ޕަސެންޓް މާކްސް ހޯއްދަވައިފަ އެވެ. އޭނާ އަކީ ކަންކަން އަވަހަށް ދަސްކުރައްވާ ބޭފުޅެއްގެ ގޮތުގައި ވެސް ވަނީ ފާހަގަކޮށްފަ އެވެ. ރައީސް ޔާމީންގެ ދެކަނބަލުން މިދިޔަ މަހުގެ 28 ވަނަ ދުވަހު ހުޅުލޭ އެއާޕޯޓުން މާލެ ވަޑައިގެންނެވި "ފިނިފެންމާ" ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާގެ ތަހުގީގަށް ސަރުކާރުން އުފެއްދެވި ކޮމިޝަންގެ މަސައްކަތްތަކާ ގުޅޭ ގޮތުން އުމަރު މީޑިއާގައި އާންމުކޮށް ވާހަކަތަކެއް ނުދައްކަވަ އެވެ. އެންމެ ފަހުން މި މަހުގެ އަށްވަނަ ދުވަހު އުމަރު "ހަވީރަ"ށް ވިދާޅުވެފައި ވަނީ ތަހުގީގަށް ރަނގަޅު ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށެވެ. ލޯންޗްކޮޅުގައި އެއްޗެއް ގޮއްވި މައްސަލަ ބަލަން ރައީސް އުފެއްދެވި ކޮމިޝަންގައި ތިއްބަވަނީ ރައީސް ޔާމީންގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝާހިދާއި ކާނަލް އަބްދުއްރައޫފާއި ކެޕްޓަން އަލީ އިހުސާނާއި އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް އަބްދުﷲ ނަވާޒް އަދި ޗީފް ސްޓޭޝަން އިންސްޕެކްޓަ މުހައްމަދު ސާމިހެވެ. ކޮމިޓީގެ މަސައްކަތް ރިޕޯޓް ކުރަން ޖެހެނީ ރައީސް ޔާމީނަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ