ޑީޕީއާރުއެސްގައި ވަޒީފާގައި ނޫޅޭ މީހުންނާއި ޗުއްޓީގައި ތިބޭ އަދި ހާޒިރު ނުވާ މުވައްޒަފުންނަށް ވެސް މުސާރަ ދޭ: ރިޕޯޓް

ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރީހެބިލިޓޭޝަން ސާވިސަސް (ޑީޕީއާރުސް) ގެ ކޮމްޕްލެއިންސް އޮޑިޓެއް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ކުރިއިރު، އެތަނުގެ ވަޒީފާ އިން ވަކިވެފައިވާ މީހުންނާއި މުސާރަ ނުލިބޭގޮތަށް ޗުއްޓީ ނަގައިގެން ތިބި މީހުންގެ އިތުރުން އޮފީހަށް ހާޒިރުނުވާ ދުވަސްތަކަށް ވެސް ގަވާއިދުން މުސާރަ ދެމުންދާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފި އެވެ. އެ ކޮމިޝަނުގެ ރިޕޯޓުގައިވާ ގޮތުން ޑީޕީއާރުއެސްގެ އިސް ބައެއް ބޭފުޅުން އޮފީހަށް ހާޒިރުވެ ވަޑައިގަތުމަށް ފަހު ހާޒިރުވީ ގަޑި ނޯޓު ނުކުރައްވަ އެވެ. އަދި ގަޑި ޖެހުނަސް ސްޕިލް ފުރައި ގަޑި ނުޖެހޭ ގޮތަށް ހަމަޖައްސާފައިވެ އެވެ. އަދި ސްލިޕްގައި ފުރިހަމަ ނުވެ ހުރި ނަމަވެސް މުސާރަ ދީފައިވާ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުންޏެވެ. "މައި އޮފީހުގެ ބައެއް މުވައްޒަފުން ސިސްޓަމުން ސައިން އައުޓް ނުވެ، އުޅުމަށް ފަހު، އޮފީސް ބަންދުކުރާ ފަހުން، ރޭގަނޑުގެ އެކި ވަގުތުތަކުގައި މާލޭ ޖަލުގެ ސިސްޓަމުން ސައިން އައުޓްވާކަން ފާހަގަކުރެވެ އެވެ. އަދި މިހުރިހާ ވަގުތުތަކަކަށް އިނާޔަތްދީފައި ވާއިރު އެ ވަގުތުތަކުގައި ކުރި މަސައްކަތުގެ ތަފްސީލު ނޯޓުކޮށްފައި ނުވާކަން ފާހަގަކުރެވެ އެވެ،" ސީއެސްސީގެ ރިޕޯޓުގައި ވެ އެވެ. އެ ރިޕޯޓުގައިވާ ގޮތުން ރިސްކު އެލަވަންސް ދޭން ނުޖެހޭ ބައެއް މުވައްޒަފުންނަށް ދީ، އަދި ދޭން ޖެހޭ ބައެއް މުވައްޒަފުންނަށް އުނިކޮށްފައިވެ އެވެ. އެ ރިޕޯޓުގައިވާ ގޮތުން ވަޒީފާ ދިނުމާއި މަގާމުގެ ކުރިއެރުން ދިނުމުގައި ވެސް ގަވާއިދާ ހިލާފަށް އަމަލުކޮށްފައިވެ އެވެ. އަދި ބައެއް ފަހަރު ވަޒީފާ އިއުލާންކުރަނީ މަސައްކަތުގެ ތަފްސީލު ނުހިމަނައި، އަދި ސިވިލް ސާވިސްގެ ވަޒީފާ އަށް އެދެން ޖެހޭ ފޯމުން ނޫން ކަމަށް ވެސް ރިޕޯޓުގައިވެ އެވެ. އެ ކޮމިޝަނުން ބުނީ މާފުށީ ޖަލުގައި ޑޮކްޓަރުންނާއި ނަރުހުން އަދި ޓެކްނީޝަނުން ކޮންޓްރެކްޓް އުސޫލުން ދިގު މުއްދަތަކަށް ގެންގުޅެފައިވާ ކަމަށެވެ. ޑީޕީއާރުއެސްގެ ބައެއް މުވައްޒަފުންގެ މަސައްކަތުގެ ގަޑީގައި ލިބޭ 1 ގަޑިއިރުގެ ބްރޭކް ބައެއް މުވައްޒަފުން ނޭދެވޭ ގޮތުގައި ނަގަމުންދާ ކަން ވެސް ފާހަގަކޮށްފައިވެ އެވެ. އަދި އޮފީސްތެރޭގައި ވެސް މުވައްޒަފުން ސައިބޯން ގިނަ ވަގުތު ހޭދަކުރާކަމަށް ރިޕޯޓުގައިވެ އެވެ. ސީއެސްސީގެ ރިޕޯޓުގައި، 15 ދުވަސް ވަންދެން އޮފީހަށް ހާޒިރުނުވާ މުވައްޒަފުން ވަކިކޮށްދިނުމަށް އެދިފައިވީ ނަމަވެސް މައި އޮފީހުން އެ މުވައްޒަފުން ވަޒީފާ އިން ވަކިކުރުން ލަސްކަން ފާހަގަކޮށްފައިވެ އެވެ. މުވައްޒަފުން ތަމްރީނުކުރުމަށް ބަޖެޓުން 400،000 އަށް ވުރެ ގިނަ ރުފިޔާ ދީފައިވީ ނަމަވެސް އެ ފައިސާ އެދެވޭ ގޮތުގައި ޑީޕިއާރުއެސް އިން ބޭނުންކޮށްފައެއް ނުވެ އެވެ. އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން އެކި ކަންކަމާ ގުޅޭ އިސްލާހީ ފިޔަވަޅުތައް އެޅުމުގައި ވެސް މުވައްޒަފުންނާ މެދު ތަފާތުކުރުންތައް ގެންގުޅެފައިވެ އެވެ. އަދި ބައެއް މުވައްޒަފުންނާ ދޭތެރޭ ސިވިލް ސާވިސް ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ފިޔަވަޅުއަޅާފައިވާ ކަމަށް ވެސް ސީއެސްސީން ބުންޏެވެ. އެ ރިޕޯޓުގައިވާ ގޮތުން ޑީޕީއާރުއެސްގެ އެއްގަމާއި ކަނޑުގެ އުޅަނދުތައް ވެސް މުވައްޒަފުން އަމިއްލަ ބޭނުމަށް ބޭނުންކުރެ އެވެ. އެތަނުގެ ބައެއް މުވައްޒަފުންނަށް ޖިންސީ ގޯނާ ލިބިފައިވާ ކަމަށް އިންޓަވިއުތަކުން އެނގުނު ކަމަށް އެ ރިޕޯޓުގައިވެ އެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ރެކޯޑު ފެންނަން ނެތް ކަމަށާއި ރިޕޯޓްކުރެވޭނެ ރަނގަޅު ނިޒާމެއް ވެސް ނެތްކަމަށް ސީއެސްސީން ބުންޏެވެ. އަދި ބައެއް ގައިދީންނާއި ބެލެނިވެރިންގެ ފަރާތުން ޑީޕީއާރުއެސް އަށް ބިރުދެއްކުމުގެ އިންޒާރުތައް ލިބި، މުވައްޒަފުންގެ ރައްކާތެރިކަމަށް ކަންބޮޑުވުންތަކެއް ހުރި ކަމަށް ސީއެސްސީން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. "އަދި އެތަނުގައި ޖާގަ އަށް ވުރެ އިތުރަށް ގައިދީން ބަލަހައްޓައިގެން ބަލަން ޖެހުމާއި މުވައްޒަފުންގެ އަދަދު މަދުކަމާއި ކުއްލި ހާލަތުގައި ބޭނުންކުރަން ޖެހޭ ސަލާމަތީ އާލާތްތައް ވެސް މަދުކަމަށް ފާހަގަކުރެވުނެވެ،" އެ ރިޕޯޓުގައިވެ އެވެ. "މާލޭ ޖަލުގައި މުވައްޒަފުންނަށް އެކަށީގެންވާ ރައްކާތެރިކަމެއް ގާއިމްކުރެވިފައި ނުވާކަން ފާހަގަކުރެވެ އެވެ. އަދި މުވައްޒަފުން މަސައްކަތް ކުރާ އޮފީހަށް އެރުމަށް ބޭނުންކުރާ ސިޑިތަކަކީ، ޖަލު ތެރޭގައި ވީއްލިފައި ތިބޭ ގައިދީން ވެސް ބޭނުންކުރާ ސިޑިތަކެއްކަން ފާހަގަކުރެވެ އެވެ." ސީއެސްސީން ޑީޕީއާރުއެސް އޮޑިޓްކުރުމަށް ފަހު، ނެރުނު ރިޕޯޓުގައި ގިނަ މައްސަލަތަކެއް ފާހަގަކޮށްފައިވާ އިރު، ކޮރަޕްޝަނަށް މަގުފަހިވާ މައްސަލަތައް ބެލުމަށް އެންޓިކޮރަޕްޝަން ކޮމިޝަނާއި އޮޑިޓް އޮފީހަށް ވަނީ ހުށަހަޅައިފަ އެވެ. އަދި މައްސަލަތަކާ ގުޅިގެން ބައެއް މުވައްޒަފުންނާ ދޭތެރޭ ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް ސީއެސްސީން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ