"ޓަބިބޫޔާ ރޯސީ"އާއެކު މާލެއަށް ބަހާރު މޫސުން

މާމެލާމެއްޔަކީ ހިތްތަކަށް ފިނިކަމާއި އުފާވެރިކަން ގެނެސްދޭ އެއްޗެކެވެ. ތަފާތު ޙަފްލާތަކުގައާއި ޚާއްސަ ދުވަސްދުވަހު އެކަކު އަނެކަކަށް މާ ހަދިޔާކުރުމަކީ ރާއްޖޭގައިވެސް މިހާރު ޢާންމުކަމެކެވެ.
ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ބޮޑެތި މާބަގީޗާތައް ނެތްކަމުގައި ވީނަމަވެސް މަދުންނަމަވެސް އަތޮޅުތަކުގެ ރަށްތަކުގައި ތަފާތު ވައްތަރުގެ މާގަސް އިންދައި ހެއްދުމައި އެފަދަ ގަސްގަހުގައި ތަފާތު ބާވަތްތަކުގެ މާ އަޅާފައި ހުންނަ މަންޒަރު ފެންނެއެވެ. ހުވަނދުމަލާއި ފިނިފެންމަލާއި ބޯގަންވިލާފަދަ މާތަކަކީ ރާއްޖޭގެ ކޮންމެރަށަކުންހެން ޢާއްމުކޮށް ފެންނަން މާމެލާމެއްޔެެވެ. މީގެ އިތުރުން ފަހަކަށް އައިސް ކުރިން ރާއްޖެއިން ޢާއްމުކޮށް ފެންނަން ނުހުންނަ ވައްތަރުތަކުގެ ގަސްތައް އިންދައި ހެއްދުމުގެ މަސައްކަތް ކުރަމުންދާ މަންޒަރު ފެނިގެންދެއެވެ.
މަލަކީ އެހާ އުފާވެރިކަން ގެނެސްދޭ އެއްޗަކަށް ވީނަމަވެސް އޭގެ އަސްލު ރީތިކަމާއި ހިތްހަމަޖެހުން އިތުރަށް ގެނުވަނީ އެގަހެއްގައި މާ އާޅާފައިވާ މަންޒަރު ފެނުމުންނެވެ.
ފޫހިފިލުވާލަން ކުރާ ކަމެއްގެގޮތުގައި ގިނަބަޔަކު ގަސްއިންދައެވެ. ބައެއް މީހުން ގޭގެ ވަކި ސަރަޙައްދެއްގައި ކުޑަ ބަޤީޗާއެއް ހަދައިގެންވެސް މި މަސައްކަތް ކުރާ މީހުން ވަކި މަދެއް ނޫނެވެ. މީގެ ތެރޭގައި ބައެއް މީހުން މިފަދަގަސް ހައްދާ ވިއްކައެވެ.
ކޯވިޑް-19ގެ ފުރަބަންދުގައި ގޭގައި ބަންދުވެފައި ތިބެންޖެހުމުން ހިތްހަމަޖައްސާލަން ކުރި މަސައްކަތްތަކުގެ ތެރެއިން ތަފާތު ވައްތަރުގެ ގަސްއިންދައި ހެއްދުމަކީ ޢާއްމުވެގެންދިޔަ ކަމެކެވެ.
ފުރަބަންދުގެ ދުވަސްތައް ފަހަނައަޅާގޮސް އެންމެ ފަހުން މާލޭގެ ކޮންކްރިކްޓް ޖަންގަލިން ފެނިގެން ދިޔައީ ތަފާތު ވައްތަރުގެ ގަސްގަހާ ހެއްސާއި މާމެލާމެއްޔެވެ.
މިހާރު އަނެއްކާވެސް މާލެއަށް މިވަނީ "ބަހާރު މޫސުން" އައިސްފައެވެ. މާލޭގެ މަލަމަތި ބަދަލުކޮށްލި "ޓަބިބޫޔާ ރޯސީ"އާއެކު އެތަކެއްބައެއްގެ ހިތައް އުފާވެރިކަން ގެނެސްފިއެވެ. އަތައްބަޔަކު އެ ގަސްތައް ބަލާލަންގޮސް ސެލްފީތަކާއި ފޮޓޯތައް ސޯޝަލް މީޑިއާއަށް ދޫކޮށްލުމުން އެތައްބައެއްގެ ހިތްވަނީ އެއަށް ދަމައިގެންފައެވެ.
މިފޮޓޯތަކާ ގުޅިގެން ބައެއް މީހުން ޚިޔާލީ ފޮނި ހުވަފެންތައް ދެކެމުން އަންނައިރު އަނެއްބަޔަކު ވަނީ އެގަސްތައް ހިމާޔަތް ކުރުމަށްވެސް ގޮވާލާފައެވެ. އަނެއްބަޔަކު މާލެއާއި ހުޅުމާލޭގެ ވަށަމަގުގައި މިފަދަ ގަސްތައް އިންދުމަސްވެސް ވަނީ ޚިޔާލު ހުށަހަޅާފައެވެ. އަނެއްބަޔަކަށް ހީވަނީ މާލެއަށް ޗެރީ ބްލޮސަމް އައީހެންނެވެ.
މާލޭގެ އެކި ސަރަޙައްދުތަކުގައި ހުރި މިގަހުގައި އަޅާ މަލަށް ޢާއްމުކޮށް ކިޔައި އުޅެނީ "ޓަބިބޫޔާ ރޯސީ" އެވެ. މި މަލަށް "ޕިންކް ޕުއީ"އާއި "ރޯސީ ޓްރަމްޕެޓް ޓްރީ"ވެސް ކިޔާއުޅެއެވެ. އެކި ޤައުމުތަކުން މި މަލަށް ތަފާތު ނަންތައް ކިޔާއިރު މިވައްތަރުގެ ގަހަކީ ހުޅަނގުގެ ޤައުމުތަކުގައުވެސް ޢާންމުކޮށް ހެދޭ ވައްތަރުގެ ގަހެކެވެ. މިގޮތުން ސްޕެއިންގެ މީހުން މިގަހަށް "ރޮބްލޭ ޑި ސަބާނާ" ކިޔައެވެ.
ސެންޓްރަލް އެމެރިކާގެ ޤައުމެއް ކަމަށްވާ އެލް ސެލްވޭޑާގެ ޤައުމީ ގަހަކީ މިއެވެ. އާންމުކޮށް މި ގަސް އެންމެ ބޮޑަށް ހެދެނީ 98 ފޫޓަށެވެ. އަދި އެންމެ ބިޔަކޮށް ހެދިފައި ހުންނައިރު، މި ގަހުގެ ބުޑު ތިން ފޫޓަށް ފުޅާވެއެވެ. މި ގަހުން ރީތި މާތަކެއް ފޮޅޭއިރު ޢާއްމުކޮށް ހުންނަނީ މަޑު ފިޔާތޮށި ކުލައެވެ. އަދި ގަހުގައި އަޅާ މަލަކީ ރީތި މަލަކަށް ވާއިރު އެ މާތައްހުންނަނީ ބޮޑިއަށްކަށެވެ. މިގަސް އިންދުމަށްފަހު މާ އަޅަން ފަށަނީ ގާތްގަޑަކަށް 3 އަހަރުދުވަހުގެ ތެރޭގައެވެ.
މިއީ މޭވާއަޅާ ގަހަކަށް ނުވިނަމަވެސް މިގަހުގައި އަޅާ މަލާއި ގަހުގެ ލަކުޑިއަކީ ބޭނުންތެރި އެއްޗެކެވެ. މިގޮތުން ލޭ މަދުވުމާއި ވަރުބަލިވުމާއި ޓޮންސިލްގެ ބަލިތަކަށް މިގަހުގެ މަލާއި ފަތް ބޭނުންކުރެވޭކަމަށް ބައެއް ހޯދުންތަކުން ދައްކައެވެ.
މީގެގަސް މާލެއާއި ހުޅުމާލޭގައި އެތައްދުވަހެއް ވަންދެން ހުރިއިރު މިދުވަސްވަރު މާލެއަށް ބަލާލުމުން ފެންނަނީ ބަހާރު މޫސުން އައިސްފައިވާ މަންޒަރެވެ. ބޮޑުތަކުރުފާނު މަގާއި މަލޭ އަމީނިއްޔާ ސްކޫލްގައި ހެދިފައިހުރި މިގަހުގައި ވަނީ މާއަޅާ ބަރާވެފައެވެ. މިގަސްތަކުގައި ހުރީ ހުދާއި މަޑުފިޔާތޮށި ކުލައިގެ މާތަކެކެވެ. ބެލެވޭ ގޮތުގައި މިދުވަސް ވަރަކީ މިގަސްތަކުގައި މާއަޅާ ފުރޭ މޫސުމެވެ.
މިފަދަ ރީތި މާތަކެއް އަޅާފައިވާ މަންޒަރު މާލެއިން ޢާއްމުގޮތެއްގައި ފެންނަނީ ވަރަށް މަދުންނެވެ. އެހެންނަމަވެސް ދާދިފަހުން މާލޭގައި މިވަނީ އެކި ބާވަތްތަކުގެ މާގަސް އިންދައިގެން ލޮނުޒިޔާރަތް ޕާކުގެ ނަމުގައި ހިތްގައިމު ޕާކެއް ހުޅުވާފައެވެ.
މިފަދަ ޕާކްތައް ހިތްގައިމު ތަންތަނުގެ ގޮތުގައި ބޭއްވުމަކީ އެންމެންގެ ހިތްހަމަޖެހުމަށްޓަކައި ކޮންމެހެން ބޭނުންތެރިކަމެކެވެ. ޕާކުތަކާއި މާމެލާމެލި ފޮޅޭ ގަސްގަހުގެ "ބަހާރު މޫސުން" އަންނާނީ އެންމެންވެސް މިފަދަކަންކަމަށް ތަރުޙީބުދީގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ