ވޭމަންޑޫ ކަރަންޓް މައްސަލައަށް މިރެއަށް ވަގުތީ ހައްލެއް ލިބޭނެ: ފެނަކަ

ތ.ވޭމަންޑޫ ކަރަންޓް މައްސަލައަށް ވަގުތީ ހައްލެއް މިރެއަށް ލިބޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ވޭމަންޑޫ ކަރަންޓް މައްސަލައަށް ހައްލުގެނައުމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސް އާ ވާހަކަދައްކަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސައީދު މުހައްމަދު ވިދާޅުވީ އެއަތޮޅުގެ ދެރަށަކުން ދެ ޖަނަރޭޓަރު މިހާރު އެރަށަށް ގެންގޮސްފައިވާކަމަށެވެ. އެއީ ގުރައިދޫއިން 360 ކިލޯވޮޓްގެ ޖަނަރޭޓަރަކާއި، އެއަތޮޅު ދިޔަމިގިލިން 250 ކިލޯ ވޮޓްގެ ޖަނަރޭޓަރެކެވެ. މި ޖަނަރޭޓަރުތައް އިންސްޓޯލްކޮށް މިރެއަށް ވަގުތީ ހައްލެއް ގެނެވޭނެކަމަށް އުންމީދުކުރާކަމަށް މުހައްމަދު ސައީދު ވިދާޅުވިއެވެ.
އަދި އެރަށުގެ ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް އާ ތިން ޖަނަރޭޓަރ ސެޓް ގެނައުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށާއި، އެޖަނަރޭޓަރ ސެޓްތައް މާދަމާ ހެނދުނު ވޭމަންޑޫއަށް އަންނާނެކަމަށް ޕީއެސްއެމް ނިއުސްއަށް ފޯނުން މަޢުލޫމާތު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސަޢީދު ވިދާޅުވިއެވެ. ދާއިމީ ހައްލެއް ގެނައުމަށް އެރަށަށް ގެންނަނީ 550 ކިލޯ ވޮޓްގެ ޖަނަރޭޓަރަކާއި، 400 ކިލޯވޮޓްގެ ޖަނަރޭޓަރެއްގެ އިތުރުން 250 ކިލޯ ވޮޓްގެ ޖަނަރޭޓަރ ސެޓެއްކަމަށް އަހުމަދު ސައީދު ވިދާޅުވިއެވެ. ވޭމަންޑޫއަށް ދިމާވެފައިއޮތް ކަރަންޓްގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ރައްޔިތުންނާއި ފެނަކަ ޓީމް ގުޅިގެން އެއްރޫހެއްގައި ކުރަމުންދާކަމަށް ފެނަކަ ކޯޕަރޭޝަންގެ އެމްޑީ ވިދާޅުވިއެވެ.
ވޭމަންޑޫ އިންޖީނުގޭގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އިއްޔެ މެންދުރު 2:30 ހާއިރުއެވެ. އިންޖީނުގޭގައި ރޯވި އަލިފާން ނިއްވާލާފައިވަނީ ރަށުގެ ރައްޔިތުންނާއި، ފުލުހުންނާ ސިފައިން ގުޅިގެންނެވެ. މިހާދިސާގައި ވޭމަންޑޫގައި ކަރަންޓް ފޯރުކޮށްދެމުން އައި 600 ކިލޯވޮޓާއި، 500 ކިލޯވޮޓާއި، 450 ކިލޯވޮޓުގެ 3 ޖަނަރޭޓަރު ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައި ވާކަމަށާ ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންކުރާ ޕެނަލްބޯޑުތަކަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް އެރަށު ކައުންސިލުން ބުނެއެވެ.
މިހާދިސާގެ ސަބަބުން ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއެވެ. އަދި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ކަމާއި ގުޅުންހުރި މުއައްސަސާތައް ގުޅިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ