ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވުމަށް ރައީސް ޔާމީން ކުރެއްވި މަސައްކަތް ހުރީ ފެންނަން: ޝިޔާމް

ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވުމަށް ރައީސް ޢަބްދުﷲ ޔާމީން ކުރެއްވި މަސައްކަތް ދިވެހި ރައްޔިތުންނަށް ފެންނަން އެބަހުރި ކަމުގައި ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕީޕީއެމްގެ ނައިބުރައީސް ޝިޔާމް މިފަދައިން ވިދާޅުވީ މި ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރާނެ ކަމުގައި ވިދާޅުވެ، އެމްޑީޕީގެ ޤައުމީ މަޖިލިހުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްކެވި ވާހަކަފުޅާ ގުޅިގެން މިއަދު ކުރެއްވި ޓުވީޓެއްގައެވެ. ރައީސް ޞާލިޙު ވިދާޅުވީ ހިޔާ މަޝްރޫޢުގެ 7،000 ފުލެޓު ނިންމީ މި ސަރުކާރުން ކަމަށެވެ. ނަމަވެސް 2018 ވަނަ އަހަރު އެ ފުލެޓުތަކުގެ ސްޓްރަކްޗާ މަސައްކަތް އެކީ ނިމިފައިވާކަން ފާހަގަކުރެވެއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ހިޔާ މަޝްރޫޢުގެ ދަށުން ޖުމްލަ 12،000 އެއްހައި ހައުސިން ޔުނިޓު އަޅާފައިވެއެވެ. އޭގެ ތެރޭގައި 7،000 ފުލެޓު އިތުރަށް ސަރުކާރު ކުންފުނިތަކުން އެޅި ހައުސިން ޔުނިޓުތައް ހިމެނެއެވެ. އަދި އެފޯޑަބަލް ހައުސިން މަޝްރޫޢުގެ ދަށުން 1500 ހައުސިން ޔުނިޓުގެ މަސައްކަތްވެސް އެ ސަރުކާރުގައި ހިންގާފައިވެއެވެ. އެ ޔުނިޓުތަކުގެ ސްޓްރަކްޗާ މަސައްކަތްތައް ނިމިފައިވަނީ ފާއިތުވި އަހަރުގައެވެ.
ބީހިޔާވަހިކަމަކީ ރައްޔިތުންނަށް އެންމެ ބޭނުންވާ އެއްކަންތައް ކަމުގައި ދެކެވަޑަިއގެން އެމަނިކުފާނުގެ ވެރިކަމުގެ 5 އަހަރު ތެރޭގައި މޫދުން ބިމެއް ހިއްކެވި ކަމުގައި ޝިޔާމް ވިދާޅުވިއެވެ. އޭނާ އިޝާރާތްކުރައްވާފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވެއްސެވެ. އެއީ ރައީސް ޔާމީނުގެ ވެރިކަމުގެ ފުރަތަމަ އަހަރުގައި ފަށައި ދެވަނަ އަހަރުގެ ފަހުކޮޅުގައި ނިންމި މަޝްރޫޢެކެވެ.
އޭގެ އިތުރަށް ޝިޔާމު ވިދާޅުވީ އެ ބިން ހިއްކަވައި އެތަނުގައި ރައީސް ޔާމީން ކުރައްވާފައިވާ މަސައްކަތް ފެންނަ އެބަހުރި ކަމުގައެވެ. އަދި އެތަނުގައި ބިނާކޮށްފައިވާ އެތައް ހާސް ފުލެޓުގެ ތެރޭގައި ރައީސް ޔާމީނުގެ ފުލެޓެއް ނުހުންނާނެ ކަމުގައި ޝިޔާމު ވިދާޅުވިއެވެ. އަދި ރައީސް ޔަމީން އެދިވަޑައިގަންނަވަނީ އަދި ބޭނުންފުޅުވަނީ ފުލެޓުތައް އޭގެ ޙައްޤުވެރިންނަށް ލިބުން ކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ