އުއްތަމަ ފަނޑިޔާރަކަށް އެންމެ ރަނގަޅީ ސުއޫދު - ޑރ.ޝަހީދު

އުއްތަމަ ފަނޑިޔާރު ކަމަށް ގެންނަން އެންމެ ރަނގަޅީ ކުރީގެ ބަންޑާރަނައިބު އަދި މިހާރު ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ކަމަށް އދ.ގެ ދީނީ މިނިވަންކަމާއި ގަބޫލުކުރުންތަކާއި ބެހޭ މަންދޫބު އަދި ކުރީގެ ހާރިޖީ ވަޒީރު ޑރ.އަހްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ޑރ.ޝަހީދު މިހެން ވިދާޅުވީ މިހާރުގެ އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ މަގާމުން ދުރުކުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމުންނެވެ. އަންނަ ހޯމަ ދުވަހު ޑރ.އަހްމަދު އަބްދުﷲ ދީދީ ފަނޑިޔާރުކަމުން ވަކިކުރާނެކަން މިހާރު ވަނީ ގާތްގަނޑަކަށް ކަށަވަރު ވެފައެވެ.
ޑރ.ޝަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އުއްތަމަ ފަނޑިޔާރަކަށް އެންމެ ރަނގަޅުވާނީ އެއްވެސް އަތަކަށް ބުރަނުވެ، ސީދާ ކަންއޮތް ގޮތައް ސާބިތުކަމާއި އެކު ޙައްޤު ބަސް ބުނަން ކެރޭ ޤާނޫނީ އިލްމުވެރިއެއް ކަމަށެވެ. ހުސްނުއްސުއޫދު އަކީ މިވަގުތު ރާއްޖޭގައި ހުންނެވި އެންމެ ގާބިލް ބޭފުޅާ ކަމަށް ވެސް ރައީސް ޞާލިހާއި ރައީސް ނަޝީދު ޓެގް ކުރައްވާ ޑރ.ޝަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
ހުސްނުއްސުއޫދު އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަން ކުރަން އެމްޑީޕީ އިން ނިންމާފައިވާ ކަމުގެ އަޑުތަކެއް މީގެ ދުވަސްކޮޅެއް ކުރިން ވެސް ފެތުރުނެވެ.
ހުސްނުއްސުއޫދު އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަން ކޮށްފާނެ ކަމަށް ބައެއް ފަރާތްތަކުން ލަފާކުރާއިރު އޭނާ އަކީ އެމްޑީޕީގެ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވެ، ސިޔާސީ ހިޔާލުތައް ފާޅުކުރައްވަމުން ގެންދެވި ބޭފުޅެކެވެ. އަދި މިހާރު ވެސް ބައެއް ކަންކަމާއި ގުޅިގެން ވަރަށް ފާޅުގައި ސިޔާސީ ވާހަކަ ދައްކަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ