މެމްބަރު އަލީ ހުސެން އާދިއްތަ ދުވަހު ވެސް ފުލުހަށް ހާޒިރު ކުރަނީ

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެން ކުރެއްވި ޓުވީޓަކާ ގުޅިގެން ބަލަމުންދާ މައްސަލައިގައި އަންނަ އާދިއްތަ ދުވަހު ފުލުހުންގެ އިދާރާ އަށް އަނެއްކާ ވެސް ހާޒިރުވުމަށް އޭނާ އަށް އަންގައިފި އެވެ.
އެނގިފައިވާ ގޮތުގައި އަލީ ހުސެން ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އެންގީ އަންނަ އާދިއްތަ ދުވަހުގެ ރޭ 8:30 އަށެވެ.
އޭނާ ވަނީ މިދިޔަ ހޯމަ ދުވަހު ވެސް ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށްފަ އެވެ.
ފުލުހުންގެ މައި މަރުކަޒުގައި ދޮޅު ގަޑިއިރެއް ހާއިރު އިންނެވުމަށް ފަހު ނުކުމެވަޑައިގެން، އެ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަލީ ހުސެން ވިދާޅުވި ގޮތުގައި މި މަހުގެ 22 ވަނަ ދުވަހު ކުރެއްވި ޓުވީޓަކާ ގުޅިގެން އޭނާގެ މައްޗަށް ފުލުހުން ކުރަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތެވެ.
އަލީ ހުސެން ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވަނީ ނުހައްގުން ފުލުހަކު މީހެއްގެ ގައިގައި އަތްލައިފި ނަމަ، އަމިއްލަ ނަފްސުގެ ދިފާއުގައި އެ ފުލުހެއްގެ ގައިގައި އަތްލުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިގެންވާ ކަމަށެވެ.
Nuhaqqun fuluhaku gaiga aillaifinama amilla nafsuge dhifaauga e fuluhegge gaiga aillumuge haqqu hama konme meehakah libigenvey.— Ali Hussain (@AleeVoice) July 22, 2016
އަލީ ހުސެން ކުރެއްވި ޓުވީޓު.އަލީ ހުސެން ވަނީ ފުލުހަށް ގެންދިޔަ ދުވަހު ވެސް އެ ވާހަކަތައް ދިފާއު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ މީހަކަށް ލިބިގެންވާ ހައްގެއްގެ ވާހަކަ ބުނުމަކީ ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅުން ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އަލީ ހުސެން ވިދާޅުވި ގޮތުގައި ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް ބަޔާން ނެގުމަށް ފުލުހުން މަސައްކަތް ކުރި އެވެ. ނަމަވެސް އޭނާ އެދިވަޑައިގެންނެވީ ވަކީލެއް ހޯދުމުގެ ފުރުސަތަށް ކަމަށާއި ފުލުހުންނަށް ބަޔާން ދެއްވާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މެމްބަރު އަލީ ހުސެން މިދިޔަ ހޯމަ ދުވަހު ފުލުހުންގެ އިދާރާއިން ނުކުމެވަޑައިގަންނަވާއިރު، ފުލުހުންތަކެއް އޭނާ ކައިރީގައި މަޑުކޮށްލައިގެން.-- ފޮޓޯ: މިހާރު
ފުލުހުން ކޯޓު އަމުރެއްގެ ދަށުން އަލީ ހުސެންގެ ފޯނު ވެސް ހޯމަ ދުވަހު އަތުލި އެވެ. ނަމަވެސް އަންގާރަ ދުވަހު ފުލުހުން ވަނީ ފޯނު އޭނާއާ ހަވާލުކޮށްފަ އެވެ.
އަލީ ހުސެންގެ އިތުރުން، އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް ވެސް ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ. އޭނާ އިއްޔެ ހާޒިރު ކުރީ ފޭސްބުކްގައި މި މަހުގެ އަށް ވަނަ ދުވަހު ކުރި ޕޯސްޓަކާ ގުޅިގެން ޖުޑިޝަރީން ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށް އިޔާޒްގެ ވަކީލް ވަނީ ވިދާޅުވެފަ އެވެ.
ހަމަ އެއާ އެކު، އިދިކޮޅު އިއްތިހާދުގެ ހިޔަނި ހޯމް މިނިސްޓަރު އަހުމަދު ތަސްމީން އަލީ އާއި ސިވިލް ރައިޓްސް މިނިސްޓަރު ހަސަން ލަތީފް އަދި ހެލްތު މިނިސްޓަރު ޝިދާތާ ޝަރީފު ފުލުސް އޮފީހަށް ހާޒިރުވުމަށް ވަނީ ޗިޓު ފޮނުވާފަ އެވެ. އެ ތިން ބޭފުޅުން ހާޒިރުވާން އަންގާފައި ވަނީ މާދަމާ ހަވީރު 4:00 އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ