"އަނިޔާވެރިކަމާއި ދެކޮޅަށް ދިވެހިން" މި ނަމުގައި އަދާލަތު ޕާޓީ އިސްވެ އޮވެ، އެމްޑީޕީ އާއި ގުޅިގެން މިހާރު މާލޭގައި ކުރަމުންދާ މުޒާހަރާތައް ނުކުރާނަމަ ހޯމް މިނިސްޓަރު އުމަރު ނަސީރު އިންނަވަން ޖެހޭނީ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމް ފަދައިން ޖަލުގައި ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިޙް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓުވީޓެއްގައިއެވެ.
އިމްރާން ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ "އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އަނިޔާ އާއި ދެކޮޅަށް ރައްޔިތުން މުޒާހަރާ ނުކުރާނަމަ ހޯމް މިނިސްޓަރު މިހާރު އިންނަވާނީ ނާޒިމް ފަދައިން ޖަލުގައި" މިހެންނެވެ.
މީގެއިތުރުން އިމްރާން ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވެފައިވަނީ މުޒާހަރާ ނުކުރާނަމަ ނާޒިމްގެ ގެއިން ނެގި ކަމަށް ބުނާ ޕެންޑްރައިވްގައި ހިމެނޭ އެންމެން މިހާރު ތިބޭނީ ޖަލުގައި ކަމަށެވެ.
ނާޒިމްގެ މައްޗަށް އިއްވި ޙުކުމުގައި ބުނެފައި ވަނީ 18 ޖެނުއަރީ 2015 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައި ނާޒިމް ދިރިއުޅުއްވާ ގ.އެނިފް ބަލާ ފާސްކުރިއިރު ކޮޓަރީގައި ހުރި ކުޑަ ކަޕްބޯޑްގެ ތެރޭގައި އޮތް ކަޅު ދަބަހެއްގެ ތެރެއިން ފިސްތޯލަ އަކާއި ތިން ވަޒަން އަދި މަގަޒިންއެއްގެ އިތުރުން ޕެންޑްރައިވް އެއް ފެނިފައިވާކަން ޝަރީއަތައް ހުށަހެޅި ހެއްކާއި ޤަރީނާ އިން އެނގެން އޮންނާތީ ނާޒިމްގެ މައްޗަށް ކުރި ހަނގުރާމަވެރި ހަތިޔާރު އެތެރެކޮށް ގެންގުޅުނު ކަމުގެ ދައުވާ ސާބިތުވާ ކަމަށެވެ.
އަދި މިތަކެއްޗަކީ ނާޒިމްގެ އެއްޗެއް ނޫންކަން ސާބިތު ކޮށްދެވޭ ވަރަށް ނާޒިމް ހެކި ހުށަހެޅިފައި ނުވާ ކަމަށް ވެސް ޙުކުމުގައި ބުނެފައި ވެއެވެ.
“އަނިިޔާ އާއި ދެކޮޅަށް ދިވެހިން” މި ނަމުގައި އަދާލަތު ޕާޓީ އިސްވެ އޮވެ، އެމްޑީޕީ އާއި ގުޅިގެން ފަށާފައިވާ ހަރަކާތުގައި ހޯމް މިނިސްޓަރު ވަރަށް އަވަހަށް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިޙް އިމްރާން މީގެކުރިން ވަނީ ވިދާޅުވެފައެވެ.
އެހެންނަމަވެސް އެމްޑީޕީގެ ދަޅަތަކުގައި އޭނާ ޖެހިވަޑައިގަންނަވާނެ ކަމަށް އެއްވެސް ފަރާތަކުން ގަބޫލުކުރުމަކީ ކުށް ހީއެއް ކަމަށް ހޯމް މިނިސްޓަރު މީގެކުރިން ވަނީ ވިދާޅުވެފައެވެ. އުމަރު ވިދާޅުވީ 2008 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި، އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ދެކޮޅު ހުުރިހާ ފަރާތްތަކަކުން އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދަށް ތާއީދުކުރަން ނިންމުމުން، އެކަމާ އޭނާ ދެކޮޅު ހެއްދެވުމަކީ އޭގެ ހެއްކެއް ކަމަށާއި އެ ނިންމުން ރަނގަޅުކަން ފަހުން ސާބިތުވި ކަމަށެވެ.
އެމްޑީޕީއާ ގުޅިވަޑައިނުގަންނަވާނެ ކަމަށް މިނިސްޓަރު އުމަރު ވިދާޅުވެފައިވާއިރު، މިދިޔަ މަހުގެ ތެރޭގައި ޖޭޕީން އޭނާ ވަކިވެވަޑައިގަތީ ސަރުކާރުން ގާނޫނުއަސާސީއާ ހިލާފަށް ގިނަ ކަންތައްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވެ، އިދިކޮޅު އެމްޑީޕީއާ އެކު އެ ޕާޓީން މަސައްކަތްކުރަން ފެށުމުންނެވެ. މިއަދާއި ހަމައަށް އައިއިރު ވެސް އޭނާ އެއްވެސް ޕާޓީއަކަށް ސޮއިކުރައްވާފައެއް ނުވެއެވެ.
މުޒާހަރާ ނުކުރާނަމަ އުމަރު މިހާރު އިންނަވާނީ ޖަލުގައި - އިމްރާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ