މިދިޔަ މަހުގެ 31 ވަނަ ދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގައި ބޭއްވި އެމްޑީޕީ ޕްރައިމަރީގެ ތެރެއިން ހެންވޭރު ހުޅަނގު ދާއިރާއިން ނެގި ވޯޓު އޮޅުވާލައިފައިވާ ކަމަށް ބުނެ އަލުން އިތިހާބު ބޭއްވުމަށް އެއިންތިހާބުގައި ކުރިމަތިލި ހަތަރު ކެނޑިޑޭޓުން އެދިއްޖެއެވެ.
އިންތިހާބު އަލުން ބޭއްވުމަށް އެދުނު ހަތަރު ކެނޑިޑޭޓުންނަކީ އިބްރާހިމް މަނިކު، އަހުމަދު އާސިމް، ޝާހިގް އަހުމަދު އަދި މުހައްމަދު ފިޝާވިން ސަލީމް އެވެ. މިކަން އިއުލާން ކޮށްފައި ވަނީ އެހަތަރު ކެނޑިޑޭޓުންގެ ނަމުގައި ނެރުނު ނޫސް ބަޔާނެއްގައެވެ.
އެދުވަހު ބޭއްވި އިންތިހާބުގައި ހަމަނުޖެހުން ހިނގާފައި ވަނީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު، ބާތިލް ވޯޓުތަކާއި ސައްހަ ވޯޓުތައް އެއްކޮށް، އަތަށް ވޯޓުކަރުދާސްތަކެއް ލައިގެން، އިންތިހާބު ބޭއްވި ތަނުގެތެރޭގައި އެއްވެސް މާނައެއް ނެތި އުޅުމާއި ގުޅިގެންނެވެ. މި މައްސަލައިގައި އެތަނުގެ ތެރޭގައި ވަނީ ހަމަނުޖެހުން އުފެދި، ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފައެވެ.
އެދުވަހުުގެ ވޯޓުގެ މައްސަލަ ހުށަހެޅުމުން އަލުން އިންތިހާބު ބޭއްވުމަށް އެމްޑީޕީގެ އިސް ފަރާތްތަކުން ނިންމާފައިވާ ކަމަށް އެބަޔާނުގައި ވަނީ ވިދާޅުވެފައެވެ. އެބަޔާނުގައިވާ ގޮތުން އެދުވަހު އިންތިހާބު ކުރިއަށް ދިޔަ ތަނުގައި ވޯޓު ގުނުމުގެ ކަންކަން ފަލާހު އައުމުގެ ކުރިން ގޮސްފައި ވަނީ ރަނގަޅަށެވެ. އެހެން ނަމަވެސް އޮފިޝަލުންގެ ތެރެއަށް ވަދެގެން އޭނާ މަސައްކަތް ކުރަމުން ދިޔައީ ވޯޓު އޮޅުވާލުމަށް ކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ.
އެދުވަހުގެ ވޯޓު ފޮށިތައް ވަނީ ކެނޑިޑޭޓުންނާއި މަޝްވަރާ ނުކޮށް ފޮރުވައިފައި ކަމަށާއި، މިއީ ޑިމަކްރަސީ އާއި ހިލާފު ކަމެއް ކަމަށް އެބަޔާނުގައި ވަނި ބުނެފައެވެ. ވޯޓު ފޮށިތައް ގެންގޮސްފައި ވަނީ ފޮށީގައި ސީލް އެޅުވުމެއްވެސް ނެތި ކަމަށާއި، ދެން ވޯޓު ގުނާއިރު އޮންނާނެ ގޮތަކާއި މެދު ކަންބޮޑުވާ ކަމަށް އެބަޔާނުގައި ވެއެވެ. ބެލެވޭ ގޮތުގައި އޭނާ މަސައްކަތް ކޮށްފައި ވަނީ އެމްޑީޕީގެ ވަކި ކެނޑިޑޭޓަކަށް އިންތިހާބު ކާމިޔާބު ކޮށްދިނުމަށެވެ.
އަދި މިކަން އިންސާފުވެރިކޮށް ނުގެންދެވިއްޖެ ނަަމ އެދާއިރާ އަށް ވޯޓުލީ ރައްޔިތުންގެ ހައްގުތައް ގެއްލިގެންދާނޭ ކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ ޕްރައިމަރީ އަލުން ބޭއްވުމަށް ހަތަރު ކެނޑިޑޭޓުން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ