އިހްތިސޯސް ނެތް ކަމަށް ބުނެ، މުވައްޒަފުން ސަސްޕެންޑުވާ މައްސަލަ ހައި ކޯޓުން ބަލައިނުގަތް

ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލުމުގެ ސަބަބުން ސަސްޕެންޑް ވެފައިވާ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ޝަރުއީ ނިޒާމުގެ ތެރެއިން ހައްލެއް ހޯދައިދިނުމަށްޓަކައި ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފިއެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިހުބުގެ ގާނޫނުގައި ބުނާގޮތުން، ސީއެސްސީ މުވައްޒަފަކު ކައުންސިލަކަށް ކުރިމަތިލައިފިނަމަ، އެމީހަކު އެ އިންތިހާބަކަށް ކުރިމަތިލާ ތާރީހުން ފެށިގެން އެމީހަކު ހުރި ސިވިލް ސާވިސްގެ ވަޒީފާއިން މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް ސަސްޕެންޑްވާނެ އެވެ. ކޮވިޑް-19އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއެކު އިލެކްޝަންސް ކޮމިޝަނުން ވަނީ ކުރިން މިމަހު ހަތަރު ވަނަ ދުވަހު ބޭއްވުމަށް ތާވަލުކުރި އިންތިހާބު މި މަހުގެ 18އަށް ފަސްކޮށްފަ އެވެ. ނަމަވެސް ގާނޫނެއް ފާސްކޮށްގެން އަންނަ އަހަރުގެ ޖެނުއަރީ މަހަށް އިިންތިހާބު ފަސް ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ދަނީ ކުރަމުންނެވެ. އެހެންކަމުން، މިފަހަރުގެ އިންތިހާބަށް ކުރިމަތިލި ސިވިލް ސާވިސް މުވައްޒަފުންގެ ސަސްޕެންޝަން އެ މުއްދަތަށް އިތުރުވެ ގެއްލުންވާނެތީ އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ސިވިލް ސާވިސްގެ މުވައްޒަފުންގެ ސަސްޕެންޝަންގެ މައްސަލައަށް ހައްލެއް ހޯދަން އެ މައްސަލަ ހައިކޯޓަށް ހުށަހެޅީ މިހަފްތާގައެވެ. ހައިކޯޓުގެ މީޑިއާ އޮފިޝަލް އަމީން ފައިސަލް މިރޭ "ސަން" އަށް ވިދާޅުވީ މައްސަލަ ބަލައިނުގަންނަން ކޯޓުން ނިންމީ، އެ މައްސަލަ ބެލުމުގެ އިހްތިސޯސް އެ ކޯޓަށް ލިބިގެން ނުވާތީ ކަމަށެވެ. ކައުންސިލް އިންތިހާބު ފަސްކުރަން ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިިވާ ބިލުގައި ބުނާގޮތުން އެ ބިލު ފާސްވެ، ގާނޫނަކަށް ވުމާއެކު، އިލެކްޝަންސް ކޮމިޝަނުން އިޢުލާންކޮށްފައިވާ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނޭ ސިވިލް ސާވިސްގެ މުވައްޒަފުން ވަޒީފާއިން ސަސްޕެންޑްކޮށްފައި އޮތް އޮތުން ބާތިލުވާނެއެވެ. ސަސްޕެންޝަން ބާތިލުވުމާ އެކު އެ މީހުން ކުރިން ތިބި މަގާމަށް އަނބުރާ ރުޖޫއަވާނެއެވެ. ނަމަވެސް އެމީހުން ސިވިލް ސާވިސްގެ ވަޒީފާއަށް ރުޖޫއަވާ ހިސާބުން ފެށިގެން، އަލުން ސަސްޕެންޑްކުރެވެންދެން، އިންތިހާބާ ގުޅޭ ގޮތުން ކެމްޕޭންކުރުމުގެ އެއްވެސް ހަރަކާތެއް އެ މީހުން ކުރިއަށް ގެންގޮސްގެންނުވާނެއެވެ. ނަމަވެސް އެ ބިލު ރައްޔިތުންގެ މަޖިލީހުން އަދި ފާސްކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ