ހުޅުމާލޭގައި ރޭޕްކުރުމުގެ ތުހުމަތުގައި ހޯދާ ބިދޭސީ މީހާ އަދިވެސް ނުފެނޭ

ހުޅުމާލޭގައި އިއްޔެ މަގުމަތިން ދިޔަ އަންހެނަކު ރޭޕްކުރުމުގެ ތުހުމަތުގައި ހޯދަމުން ދަނީ ބިދޭސީއެއް ކަމަށާއި އޭނާ އަދިވެސް ނުފެންނަ ކަމަށް ފުލުސް އޮފީހުން ބުނެފި އެވެ.
ފުލުސް އޮފީހުން ބުނި ގޮތުގައި އިއްޔެ ހެނދުނު ވަޒީފާއަށް ދަނިކޮށް، މަގުމަތިން ހިފަހައްޓައި ގަސްތަކެއްގެ ތެރެއަށް ވެއްދުމަށް ފަހު 19 އަހަރުގެ އަންހެންމީހާ ރޭޕްކުރުމުގެ ތުހުމަތުގައި ހޯދަމުން ދަނީ ކޮންސްޓްރަކްޝަން މަސައްކަތްކުރާ ބިދޭސީއެކެވެ. އެ މީހާ ވަނީ އިއްޔެ ހެނދުނު 10ގެ ފެރީން މާލެ އައިސްފަ އެވެ. އަދި އެ މީހާއަކީ އިސްކޮޅުގައި ގާތްގަނޑަކަށް 5 ފޫޓު 7 އިންޗި ހުންނަ މީހެއް ކަމަށާއި އޭނާގެ ބޮލުގެ އިސްތަށިގަނޑު ހުންނަނީ ތުނިކޮށް ކޮށާފައި ކަމަށް ފުލުސް އޮފީހުން ބުންޏެވެ.
ފުލުހުން ވަނީ ބިދޭސީ މީހާ ހޯދުމަށް އާއްމުންގެ އެހީތެރިކަމަށް އެދިފަ އެވެ.
ފުލުހުން ބުނިގޮތުގައި އިއްޔެ ހެނދުނު ފެރީން ދަތުރުކުރި އިރު އެ މީހާގެ ކަނާއަތު ޝަހާދަތް އިނގިލި ވަރަށް ބޮޑަށް ވަނީ ޒަހަމްވެފަ އެވެ. އަދި އޭނާ ލައިގެން އިނީ އަޅިކުލައަކަށްދާ ގަމީހަކާއި ހަމަ އެކުލައިގެ ފަޓުލޫނެއް ކަމަށް އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"އިއްޔެ ހެނދުނު އެ ފެރީގައި ދަތުރުކުރި ގިނަ ބަޔަކަށް އެ މީހާ ފެނިފައިވާނެތީވެ އެ މީހާއާ ބެހޭގޮތުން އެއްވެސް މައުލޫމާތެއް ފުލުހުންނާ ހިއްސާކުރަން ބޭނުންވާ ފަރާތްތަކުން ފުލުހުންގެ 3322111 ނަމްބަރަށް ނުވަތަ 9911099 ނަމްބަރަށް ގުޅުމަށް އެދެމެވެ." ފުލުހުންގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ