ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ދިރިއުޅުއްވާ ގޭގެ ލިފްޓް ގޮޅީގެ ތެރޭގައި ބަހައްޓާފައި ހުރި ކަނޑިތަކަކާއި ވަޅިއެއް ފެނުމާ ގުޅިގެން އޭނާގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކޮށްފި އެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި ރިޒާ ދިރިއުޅުއްވާ ގޭގެ ލިފްޓް ގޮޅިން ދެ ކަނޑި އާއި ވަޅިއެއް ފެނުމާ ގުޅިގެން މިހާރު އެ މައްސަ ދަނީ ބަލަމުންނެވެ. ފުލުހުން ބުނީ އެއީ ވަރަށް ގިނަ ދުވަސް ވަންދެން ބަހައްޓާފައި ހުރި އެއްޗެހިތަކެއް ކަމަށެވެ. އަދި އެ އެއެއްޗެހީގައި ދަބަރު ޖަހާފައި ވާއިރު ފޮރެންސިކް ހެއްކެއް ވެސް ނުލިބުނު ކަމަށް ފުލުހުން ބުންޏެވެ.
މިހާރުގެ ސަރުކާރަށް ތާއީދުކުރައްވާ ރިޒާ ވިދާޅުވީ ލިފްޓް ގޮޅިން ތޫނު ހަތިޔާރުތަކެއް ފެނުނީ ގޭގެ ވެރިމީހާ ގެންގުޅޭ ބިދޭސީ މީހާ، އެ ތަން ސާފުކުރަމުން ދަނިކޮށް ކަމަށެވެ.
"ލިފްޓް ގޮޅީގައި ފިލާތަކަކާ އެއްޗެހި ހުންނާނެ. އެ ބޭރު މީހާ އެ ރޭ އެ ތަން ސާފުކުރަނިކޮށް ކަނޑި އާއި ވަޅި ފެނުނީ. އެ އެއްޗެހި ފެނުމާ ގުޅިގެން އަޅުގަނޑަށް މިހާރު ވަނީ އިތުރު ސެކިއުރިޓީ ދީފައި،" ރިޒާ ވިދާޅުވި އެވެ.
ރިޒާ އުޅުއްވާ ގޭގެ ލިފްޓް ގޮޅިން ތޫނު ހަތިޔާރުތަކެއް ފެނުނުއިރު އެ ގެއާ އިންވެގެން ހުންނަ ގޭގައި ދިރިއުޅުއްވަނީ ގެމަނަފުށީ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އިލްހާމް އަހުމަދެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސެކިއުރިޓީ ބަލަހައްޓަނީ ފުލުހުންނެވެ. އެކަމަކު މާދަމާ އިން ފެށިގެން އެ ބޭފުޅުންގެ ސެކިއުރިޓީއާ އެމްއެންޑީއެފް އިން ހަވާލުވާނެ ކަމަށް އެމްއެންޑީއެފުން ވަނީ ކުރިން ބުނެފަ އެވެ.
މެމްބަރު ރިޒާ ދިރިއުޅުއްވާ ގޭގެ ލިފްޓް ގޮޅިން ކަނޑިތަކަކާއި ވަޅިއެއް ފެނުމުން ސެކިއުރިޓީ ވަރުގަދަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ