ސުޕްރީމް ކޯޓުގެ ހުކުމުން އޭސީސީގެ ބާރަށް އުނިކަމެއް ނާންނާނެ: ޑީޖޭއޭ

ބޯޑަ ކޮންޓްރޯލް ސިސްޓަމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ހުކުމަކީ އެންޓި ކޮރަޕްޝަން ކޮމިޝަން )އޭސީސީ( އަށް ގާނޫނުއަސާސީ އާއި ގާނޫނުން ލިބިދޭ ބާރަށް އުނި ކަމެއް އަންނާނެ ހުކުމެއް ނޫން ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން )ޑީޖޭއޭ( އިން މިއަދު ބުނެފި އެވެ.
ޑީޖޭއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މަސައްކަތް ހުއްޓާލުމަށް ހައި ކޯޓުން ކުރި ވަގުތީ އަމުރަކީ ސައްހަ އަމުރެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ ހައި ކޯޓުން އަމުރު ނެރުމުގައި ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވެފައި ނެތުމުންނެވެ.
ނެކްސް ބިޒުން ހުށަހެޅި އިސްތިއުނާފުގެ މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމް ކުރުމުގައި ބަލާފައި ވަނީ ދައުލަތުގެ އެއް މުއައްސަސާއިން އަނެއް މުއައްސަސާ އަށް އަންގާ އިދާރީ އެންގުމަކަށް ކޯޓުން ތަންފީޒީ ބާރު ދިނުމުގައި ރިއާޔަތް ކުރަންޖެހޭ ކަންތައްތަކަށް ހައި ކޯޓުގެ އަމުރު ނެރުމުގައި ރިއާޔަތް ކުރެވިފައި ވޭތޯ އާއި، ވަގުތީ އަމުރު ނެރުމުގައި ފުރިހަމަވާން ޖެހޭ ޝަރުތުތައް އެ އަމުރު ނެރުމުގައި ފުރިހަމަވެފައި ވޭތޯ ކަމަށް ބަޔާނުގައިވެ އެވެ.
"ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބެލިބެލުމުން ހައިކޯޓުގެ އިސްވެ ދެންނެވި އަމުރު ނެރުމުގައި މި ދެންނެވި ކަންތައްތައް ފުރިހަމަވެފައި ނުވާތީ، އެ އަމުރަކީ ސައްހަ އަމުރެއް ނޫންކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ކަނޑައަޅާފައި ވެއެވެ." ބަޔާނުގައިވެ އެވެ.
މިދިޔަ އާދީއްތަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ކުރި އެ ހުކުމުގައި ބުނެފައިވަނީ ދައުލަތުގެ މުއައްސަސާއަކުން ކުރަމުންދާ މަސައްކަތެއް ހުއްޓާލުމަށް އޭސީސީ އިން އަންގާ އެންގުމަކަށް އަމަލުކުރުން އެ އިދާރާތަކުގެ މައްޗަށް ގާނޫނީ ގޮތުން ލާޒިމްވާ ކަމުގެ އިހްތިމާލް ވުޖޫދުގައި ނުވާ ކަމަށެވެ. އަދި ދައުލަތުގެ އިދާރާއަކަށް އެފަދަ އެންގުމެއް އެންގުމުގެ ހައްގު އޭސީސީ އަށް ލިބިދޭ ގާނޫނީ ގާއިދާއެއް ވެސް ނެތް ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ ބޯޑަ ކޮންޓްރޯލް މަސައްކަތް މަޑުޖައްސާލަން އޭސީސީން އެންގި އެންގުމަށް ތާއީދުކޮށް ހައި ކޯޓުން ވަގުތީ އަމުރެއް ނުނެރެވޭނެ ކަމަށް ވަނީ ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ.
މި ހުކުމާ ގުޅިގެން ރައްޔިތުންނަށް އޮޅޭ ގޮތަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކާ ކަމަށް ވެސް ޑީޖޭއޭއިން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ